އެނަމާގެ ހާދިސާއަށް 17 އަހަރު: އެއަރ ޓްރެފިކް ކޮންޓްރޯލެއް ފޯރުކޮށްދިން މުހިންމު އެހީތެރިކަމުގެ ވާހަކަ!

17 Mar 2021 | 12:43

އެއީ މީގެ 17 އަހަރު ކުރިއެވެ. ގއ.ވިލިނގިލީގައި އޮތް ފުޓްބޯޅަ މެޗެއް ބެލުމަށް އެރަށަށް ދިއުމަށްފަހު އަނބުރާ ގދ.ތިނަދޫއަށް ދިއުމަށް އެނަމާ ބޯޓްގައި 122 މީހަކު ދިޔައީ ދަތުރުކުރަމުންނެވެ. ތިނަދޫއަށް ދިއުމަށް އެ ބޯޓް ވިލިނގިލިން ނައްޓާލީ ގާތްގަނޑަކަށް 6:50 ހާއިރުގައެވެ.

މޫސުން ރަނގަޅުކޮށް ރެއެއްގެ ދަތުރު އެހެން ނަމަވެސް ނިމިގެންދިޔައީ ހިތްދަތި ގޮތަކަށެވެ. އެނަމާ ބޯޓް ބަންޑުން ޖަހާލައި، 24 މީހަކު ނިޔާވެ އަދި 2 މީހަކު ގެއްލުނެވެ. މި ހާދިސާގައި ނިޔާވި ފަރާތްތަކަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުއާކޮށް އެފަރާތްތަކުގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުމަށްވެސް އެދެމެވެ.

އެނަމާ ބޯޓް ބަންޑުން ޖަހާލިކަމުގެ ހިތްދަތި ޚަބަރު އިވުނު އިރު، ގދ.ތިނަދޫއަށް ނިސްބަތްވާ އެއަރ ޓްރެފިކް ކޮންޓްރޯލަރ ސައްދާމް އަހުމަދު ހުސައިން މަސައްކަތްކުރަމުން ދިޔައީ ގދ.ކާޑެއްދޫ އެއާޕޯޓްގައެވެ. އެރޭ ކުރިއަށްދިޔަ މީހުން ހޯދުމުގެ އޮޕަރޭޝަންގައި ބައިވެރިވުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ޑައިވަރުންގެ ޓީމެއް، އައިލެންޑް އޭވިއޭޝަންގެ ޑޯނިއަރ މަތިންދާބޯޓެއްގައި އަންނަކަަން އޭނާއަށް އެންގިއެވެ. ނަމަވެސް އޭރު އޮތީ ރޭގަނޑުވެފައެވެ. އޭރު ކާޑެއްދޫ އެއާޕޯޓްގެ ރަންވޭގެ ބޮކިތައް ވަނީ، އޭގެ މަހެއްގެ ކުރިން ހޮނުއެޅުމުގެ ސަބަބުން ހަލާކުވެފައެވެ.

އެ ވަގުތަކީ ވަރަށް ހައްސާސް ވަގުތެއްކަމުން ވީހާވެސް އަވަހަށް ކާޑެއްދޫގައި އެ ފްލައިޓް ޖެއްސުން ވެގެންދިޔައީ މުހިންމު ކަމަކަށެވެ. އެހެންކަމުން އެ މުހިންމު ފްލައިޓް ޖެއްސޭނެގޮތް ހަދައިދޭން ސައްދާމްގެ ފަރާތުން ކޮށްދޭން ޖެހުނީ ބުރަ އަދި އާދަޔާ ޚިލާފް މަސައްކަތެކެވެ. އެ ވާހަކަތައް އޭނާ ވަނީ ސޯޝަލް މީޑިޔާއަށް ރޭ ދޫކޮށްލާފައެވެ.

ސައްދާމް ކިޔައިދިން ގޮތުގައި އެ ހާލަތުގައި ޑޯނިއަރގެ ކެޕްޓަންގެ ފަރާތުން އައި މެސެޖަކީ ރަންވޭ ދިއްލުމަށެވެ. މިހާރު މި ނައްޓާލަނީ ކަމަށާއި، އިރު އަރަންދެން މި ފްލައިޓް ފަސް ނުކުރެވޭނެކަމަށެވެ. އޭނާ ބުނިގޮތުގައި ގަޑިއިރެއްގެ ތެރޭގައި ރަންވޭގެ ލައިޓިންގ ސިސްޓަމް މަރާމާތުކުރެވޭނެ ގޮތެއް ނެތެވެ. އަދި އެކަމުގެ އުއްމީދެއް ނެތްކަމަށް ޓެކްނީޝަންވެސް ބުނުމުން ސައްދާމް ބޭނުންވީ ކޮންމެވެސް ގޮތަކުން ރަންވޭ ދިއްލާލައި، އެ ބޯޓަށް ޖެއްސޭނެގޮތް ހެދުމަށެވެ.

އެހެންކަމުން އޭނާ އެކަމާ މެދު ވަރަށް ގަދައަށް ވިސްނުމަށްފަހު، ހެދިގޮތަކީ މަގުމަތީގައި ހުންނަ ކަހަލަ ހަތަރު ހޮޅިބުރި ރަންވޭގެ ހަތަރު ކަނުގައި ހަރުކުރީއެވެ. އެންމެ އެކަށީގެންވާ ވަރަށް ވަޔަރ އަދި އެހީވާނެ މީހުން ނެތުމުން އުނދަގޫ މަސައްކަތަކަށްވިޔަސް، ސައްދާމް އަދި ޓެކްނީޝަނަކު ވެގެން އެކަން ކުރިއެވެ. އެކަން ކުރުމަށްފަހު އޭނާ އެއަރ ޓްރެފިކް ޓަވަރަށް އަނބުރާ އެރިއިރު، ޑޯނިއަރ މަތިންދާބޯޓުން ބުނަމުންދިޔައީ ލައިޓްތައް އެކަށީގެން ނުވާނަމަ، ޖެހޭނީ ގަމަށް ޑައިވާޓްކުރަން ކަމަށެވެ. ނަމަވެސް އެ ލައިޓުން ފުދޭނެކަމަށް ބުނެ، ކާޑެއްދޫގައި ހުރި ޓެކްނީޝަނަށާއި އެހެން ފަރާތްތަކަށް ސައްދާމް އެންގީ ރަންވޭގައި ހުރި ހަތަރު ލައިޓް ފިޔަވައި އެހެން ހުރިހާ އެއްޗެއް ނިއްވާލުމަށެވެ.

އެއާއެކު ޖީޕީއެސް ޕޮޒިޝަން ފިޔަވައި އެހެން ވިޜުއަލް ޔަގީންކަމެއް އޮތުމަށް ސައްދާމް ދިޔައީ، ޓަވަރގައި ހުރި އަލިގަދަ ލައިޓް ސިގްނަލުން ސިގްނަލްކުރަމުންނެވެ. ސައްދާމްގެ ބުރަ މަސައްކަތުން އެ ފްލައިޓް އެރޭ ޖެއްސުނެވެ.

ފޮޓޯ: އޭވިއޭޓަރސް މޯލްޑިވްސް

Advertisement

ކޮމެންޓް