ލިވަޕޫލް، ޕީއެސްޖީ، އަދި ޓޮޓެންހަމްވެސް ދެވަނަ ބުރަށް

12 Dec 2018 | 07:37

ޗެންޕިއަންސް ލީގުގެ އެންމެ ވާދަވެރި ގުރޫޕުގެ ގޮތުގައި ފާހަގަވެގެންދިޔަ ގުރޫޕް ސީ ގެ އެއްވަނަ ޕީއެސްޖީ ހޯދައިފިއެވެ. ޕީއެސްޖީއަށް މި ގުރޫޕުގެ އެއްވަނަ ލިބުނީ 1-4 ކުން ރެޑް ސްޓާ ބެލްގްރޭޑްގެ މައްޗަށް އެޓީމުން ކުރި ހޯދިއިރު ލިވަޕޫލް އަތުން ނަޕޯލީ ބަލިވުމުންނެވެ.

އެޑިންސަން ކަވާނީ އަދި ނޭމާ ޖަހައިދިން ލަނޑުތަކާއެކު ފުރަތަމަ ހާފް ދެ ލަނޑު ކުރީގައި އޮވެ ޕީއެސްޖީ ނިންމާލިއިރު ރެޑް ސްޓާ ބެލްގްރޭޑްގެ މާކޯ ވަނީ ދެވަނަ ހާފް ފަށައިގެން މާގިނައިރުތަކެއް ނުވެ އެޓީމަށް ލަނޑެއް ޖަހައިދީފައެވެ. ނަމަވެސް ވަރުގަދަ ފުރަތަމަ އެގާރައަކާއެކު މެޗަށް ނުކުތް ޕީއެސްޖީގެ ޑިފެންޑަރު މާކީނިއޯސް އަދި ފްރާންސްގެ ތަރި އެމްބައްޕޭ ޖަހައިދިން ލަނޑުތަކާއެކު މެޗު ނިމުނީ 1-4 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑު އެންފީލްޑްގައި ކުޅުނު މެޗު އެޓިމް ކާމިޔާބުކުރީ 1-0 ކުންނެވެ. ހަނި ނަތީޖާއަކުން ލިވަޕޫލް މޮޅުވިނަމަވެސް ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފައްދައި މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވަނީ ލިވަޕޫލުންނެވެ.

ލިވަޕޫލް ޗެންޕިއަންސް ލީގުގެ ދެވަނަ ބުރަށް ގެންގޮސްދިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަނގަޅު ފޯމެއްގައި މިސްރުގެ ތަރި ސަލާހެވެ. ސަލާހްގެ ލަނޑަށްފަހުވެސް ލީޑް ފުޅާ ކުރުމަށް ލިވަޕޫލަށްވަނީ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން މާނޭ އަދި ވެން ޑައިކްއަށްވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުސަތުތަކެއް ލިބި ބޭކާރު ކޮށްލާފައެވެ.

މި ނަތީޖާތަކަށްފަހު ގުރޫޕުގެ އެއްވަނައިގަ ޕީއެސްޖީ އަދި ދެވަނައިގަ ލިވަޕޫލް އޮތްއިރު ނަޕޯލީ އޮތީ ތިންވަނައިގައެވެ. ނަޕޯލީ ދެން ފެނިގެންދާނީ ޔޫރޯޕާ ލީގުންނެވެ.

ދެވަނަ ބުރު ކަށަވަރު ކޮށްފައިވާ ބާސެލޯނާއައި ކުޅެ 1-1 ކުން އެއްވަރުކޮށް ޓޮޓެންހަމްވެސްވަނީ ދެވަނަ ބުރަށް ގޮސްފައެވެ. ގުރޫޕް ބީ ގެ ދެވަނަ މަގާމަށް ޓޮޓެންހަމްއައި ވާދަކުރި އިންޓަ މިލާން ކުޅުނު މެޗުވެސްވީ 1-1 ކުން އެއްވަރެވެ.

ބާސެލޯނާގެ ލަނޑު ޑެންބެލޭ ކާމިޔާބުކޮށްދިންއިރު ޓޮޓެންހަމްގެ ލަނޑު ލޫކަސް މޯރާ ޖަހައިދިނީ ހެރީ ކޭންގެ އެސިސްޓަކާއެކުއެވެ.

ޗެންޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗުތަކުގައި މާދަމާ ރޭ މެންޗެސްޓާ ޔުނައިޓެޑް، މެންޗެސްޓާ ސިޓީ، ޔުވެންޓަސް، އަދި ބަޔާން މިޔުނިކް ކުޅުމަށްވަނީ ހަމަޖެހިފައެވެ. 

Advertisement

ކޮމެންޓް