Advertisement

ޕާކިސްތާނަށް ސިނޯފާމް ވެކްސިންގެ އިތުރު ފަސް ލައްކަ ޑޯޒް ލިބިއްޖެ

18 Mar 2021 | 14:55

ޕާކިސްތާނުގައި ކޮވިޑް-19އާ ދެކޮޅަށް ވެކްސިން ޖެހުމަށް ކުރިއަށްގެންދާ ކެމްޕެއިނަށް އެހީތެރިވުމުގެ ގޮތުން ޗައިނާއިން އެގައުމަށް ސިނޯފާމް ވެކްސިންގެ އިތުރު ފަސްލައްކަ ޑޯޒް ހަދިޔާކޮށްފިއެވެ.

މިކަން ވަނީ ޕާކިސްތާނުގެ ހެލްތު މިނިސްޓަރ ޑރ.ފައިސަލް ސުލްތާން ޓްވިޓަރ މެދުވެރިކޮށް އިއުލާންކުރައްވާފައެވެ. ޕާކިސްތާނަށް މީގެކުރިންވެސް ޗައިނާއިން ވަނީ ސިނޯފާމްގެ ފަސްލައްކަ ޑޯޒް ހަދިޔާކޮށްފައެވެ. ޕާކިސްތާނުގެ ކޮވިޑް ވެކްސިނޭޝަން ކެމްޕެއިންގައި މިވަގުތު ބޭނުންކުރަމުންދަނީ ހަމައެކަނި ސިނޯފާމް ވެކްސިނެވެ.

ޕާކިސްތާނުގެ އިޤްތިޞާދީ ހާލަތު ދަށްވުމުގެ ސަބަބުން އެޤައުމުން ވެކްސިން ގަތުމަށް މާބޮޑު މަސައްކަތެއް ނުކުރާނެކަމަށް އެޤައުމުން މީގެކުރިން ވަނީ ބުނެފައެވެ. ނަމަވެސް ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންގެ 45 މިލިޔަން ޑޯޒް ލިބޭނެކަމަށް އެގައުމުން ވަނީ ހާމަކޮށްފައެވެ.

ސިނޯފާމް ވެކްސިނަކީ އިންއެކްޓިވޭޓެޑް ވެކްސިނެކެވެ. މީގެ މާނައަކީ މި ވެކްސިން ޖެހުމުން ހަށިގަނޑަށް ވަންނަ މަރާލެވިފައިވާ ވައިރަލް ޕާޓިކަލްތަކުން، ހަށިގަނޑުގައި އެ ވައިރަސް އުފެދުން ހުއްޓުވާ ދިފާޢީ ނިޒާމް ކޮރޯނާ ވައިރަހާ ދެކޮޅަށް މަސައްކަތްކުރުމަށް އާދަކުރުވައެވެ. އިންއެކްޓިވޭޓެޑް ވެކްސިން ނިޒާމަކީ، ޕޯލިއޯ ފަދަ ބަލިތަކާ ދެކޮޅަށްވެސް ކާމިޔާބުކަމާއެކު ބޭނުންކޮށްފައިވާ ނިޒާމެކެވެ. މިއީ ދެ ޑޯޒް ހިމެނޭ ވެކްސިނެކެވެ.

Advertisement

ކޮމެންޓް