ހިމަންދޫގައި އަޅާ އިންޖީނުގެއާއެކު އެރަށުގެ މަލަމަތި ބަދަލުކޮށްލާނެ

19 Mar 2021 | 20:32

އއ،ހިމަންދޫގައި ސްޓެލްކޯގެ ފަރާތުން ޢިމާރާތްކުރާ އައު އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙަސަން މުޣުނީ ބައިވެރިވެވަޑައިގެންނެވި އެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނިން ޚިދުމަތްދޭ ރަށްތަކުގެ ތެރެއިން ހިމަންދޫ އަކީ ރަށަށް އަންނަމުންދާ ތަރައްޤީއާއި ކުރިއެރުމަށް ބަލާއިރު، އެރަށަށް ކަރަންޓުގެ ޚިދުމަތްދޭ އިންޖީނުގެ ކުޑަވެ، އިތުރު އިންޖީނު ބަހައްޓާނެ ޖާގައެއް ނެތް ރަށެއް ކަމަށެވެ.

އެއާއެކު، ހިމަންދޫއަށް އަންނަމުންދާ ކުރިއެރުމާއި، ތަރައްޤީއާއި އެއްވަރަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

އެއާއެކު، ހިމަންދޫއަށް އަންނަމުންދާ ކުރިއެރުމާއި، ތަރައްޤީއާއި އެއްވަރަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ އެދަތިކަން ފިލުވުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ހިމަންދޫ އިންޖީނުގެ ހުރި ބިމަށް އިތުރު ކޮށްދީފައިވާ ބިމާއެކު މިކުންފުނިން މިވަނީ މުޅިން އައު އިންޖީނުގެއެއް އަޅަން ފަށާފައިވާ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ބުނީ އަލަށް ހިމަންދޫގައި އަޅާ އިންޖީނުގެއާއެކު އެރަށުގެ މަލަމަތި ބަދަލުކޮށްލާނެ ކަމަށެވެ. އެގޮތުން މިހާރު ހުރި 533 ކިލޯވޮޓްގެ އިންޖީނުގޭގެ ބަދަލުގައި މުސްތަޤުބަލުގައި ރަށަށް އަންނާނެ ކުރިއެރުމާއި، ތަރައްޤީއަށް އަދި ދުރު މުސްތަޤުބަލަށް ވިސްނާ، އަޅާ 4 މެގަވޮޓްގެ ޒަމާނީ އިންޖީނުގެ ވެގެންދާނީ ހިމަންދޫއަށް ޒިޔާރަތްކުރާ ދަތުރުވެރިންނަށްވެސް ތަރައްޤީގެ މުޅިން އައު ތަފާތު މަންޒަރެއް ފެނިގެންދާނެ އިންޖީނުގެ އަކަށް ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

ކަސްޓަމާރ ސާވިސް އިމާރާތަކާއެކު އަޅާ އިންޖީނުގޭގެ އެންމެ ތިރީބައި ކަސްޓަމަރުންނަށް ޚިދުމަތްދޭން ވަނީ ޚާއްޞަކޮށްފައެވެ. އޭގެ އިތުރުން ފުރަތަމަ ފަންގިފިލާ އިމާރާތްކުރެވިގެންދާނީ މުވައްޒަފުންގެ ހުނަރު އިތުރު ކުރުމަށް އޮންލައިން ޓްރެއިނިން ދިނުމަށާއި، މީޓިންތައް ބޭއްވޭނެ އިންތިޒާމްތަކާއެކުގައި ކަމަށްވެސް ސްޓެލްކޯ އިން ބުނެއެވެ.

އަދި ކޮވިޑްގައި ކުރެވުނު ތަޖުރިބާތަކާއެކު، އެ އިމާރާތުގެ ދެވަނަ ފަންގިފިލާ އިމާރާތްކުރެވޭނީ، އެފަދަ ކާރިސާގެ ހާލަތެއް މެދުވެރިވެއްޖެ ނަމަ މުވައްޒަފުންނަށް ލޮކްޑައުންވެގެން ތިބެވޭނެ ފަދަ ގޮތަކަށް ކަމަށްވެސް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން ޑިޒައިނިން މަރުޙަލާގައި އެ އިންޖީނުގެއަކީ އަޑުމަޑު ތަނަކަށް ހެދުމަށްޓަކައި މަސައްކަތްތަކެއް ކުރެވިފައިވާއިރު، ތިމާވެއްޓާއި ރައްޓެހި ތަނަކަށް ހެދުމަށްޓަކައި، ސޯލާ ޕެނަލްތަށް އެ އިމާރާތުގައި ހަރުކުރާނެއެވެ.

މީގެ އިތުރުން މުޅި އިންޖީނުގެއަކީވެސް އުސްކޮށް އިމާރާތް ކުރެވި، ވެންޓިލޭޝަން ރަނގަޅު، މަސައްކަތުގެ މާހައުލުގައި ރައްކާތެރިތަނެއްގެ ގޮތުގައި ހެދިގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ހިމަންދޫގެ އައު އިންޖީނުގެއާއެކު، ހިމަންދޫގެ އުމްރާނީ ތަރައްޤީއަށް އިތުރު ކުރިއެރުމާއި، ފާގަތިކަން ލިބި، ހިމަންދޫ ރައްޔިތުންނަށް އައު ފަސޭހަތަކަކާއި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުއްމީދު ކުރާކަމުގައި ސްޓެލްކޯއިން ބުނެއެވެ.

Advertisement

ކޮމެންޓް

Advertisement