ލަ ލީގާގެ ވަރުގަދަ ދެ ބާރުވެސް ބަލި

27 Sep 2018 | 07:10

ސްޕެނިޝް ލަ ލީގާގެ އެންމެ ވަރުގަދަ ދެ ބާރުކަމަށްވާ ބާސެލޯނާ އަދި ރެއާލް މެޑްރިޑްވެސް ރޭގައި ކުޅުނު މެޗުތަކުން ބަލިވެއްޖެއެވެ. ބާސެލޯނާ ބަލިވެފައިވަނީ ލެގާނެސްއާއި ކުޅެގެން 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައިވަނީ ބާސެލޯނާއިންނެވެ. މިލަނޑު ބާސެލޯނާއަށް ކާމިޔާބުކޮށްދީފައިވަނީ މެސީ ދިން ބޯޅައަކުން ކޯޓީނިއޯއެވެ. ގިނަ ވަގުތު ބޯޅަ ގެންގުޅެ މޮޅަށް ބާސެލޯނާ ކުޅުނުކަމުގައިވިއަސް ލެގާނެސްވަނީ މެޗުގައި އެޓީމަށް އުފެއްދުނު މަދު ހަމަލާތަކުގެ ބޭނުންކޮށް މިނެޓެއްތެރޭގައި 2 ލަނޑުޖަހައި މެޗުގެ ކުރި ހޯދާ އެ ނަތީޖާއާއެކު މެޗު ނިންމާލާފައެވެ.

ސެވިއްޔާއާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުން ރެއާލް ބަލިވެފައިވަނީ 3-0 އަކުންނެވެ. ރެއާލް މިމެޗުން ބަލިވެފައިމިވަނީ މީގެކުރިން ކުޅުނު މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ހޯދުމަށްފަހުއެވެ. އަމިއްލަ ދަނޑުގައި ވަރުގަދަކަމަށް މަޝްހޫރު ސެވިއްޔާގެ އަންދްރޭ ސިލްވާ މިމެޗުގެ ފުރަތަމަ ހާފުގައި ކައިރި ކައިރީގައި 2 ލަނޑުޖަހާ ކުރި ހޯދިއިރުވެސް ރެއާލްއަށް މެޗުތެރެއަށް ރަނގަޅަށް ނުވަދެވޭކަން ފާހަގަވެގެންދިއައެވެ. ފުރަތަމަ ހާފް ނިމެން ގާތްވެފައި ވަނިކޮށް ސެވިއްޔާގެ ލީޑް 3 ލަނޑަށް ފުޅާކޮށްދިނީ ބެން ޔެޑާއެވެ. މެޗުގެ 2 ވަނަ ހާފުގައި ރެއާލްއަށް ނުރައްކާތެރި ހަމަލާތަކެއް ނޫފެއްދި މެޗު ނިމިފައިވަނީ އެ ނަތީޖާގައި އޮވެގެންނެވެ.

ބާސެލޯނާ އަދި ރެއާލް ކުޅުނު މެޗުތަކުން ބަލިވިކަމުގައި ވިއަސް 2 ޓީމްވެސް އޮތީ 6 މެޗު ކުޅެ 13 ޕޮއިންޓާއެކު ޕޮއިންޓުގެ ގޮތުން އެއްވަރުވެފައެވެ. އެހެންނަމަވެސް ލަނޑުގެ ތަފާތުން ތާވަލުގެ 1 ވަނައިގަ އޮތީ ބާސެލޯނާއެވެ. 

Advertisement

ކޮމެންޓް