ގެދޮރުވެރިކުރުމުގެ މަޝްރޫޢުގެ ޕްލެޓް ހައްޤުވެރިނަށް ދިނުމަށް ރައީސް ކޮމިޓީއެއް އުފައްދަވައިފި

13 Dec 2018 | 09:42

ހިޔާ މަޝްރޫޢު"، "ގެދޮރުވެރިކުރުމުގެ މަޝްރޫޢު" އަދި "ގުޅިފަޅު ހައުސިންގ ޕްރޮޖެކްޓް" އާ ގުޅިގެން ރައްޔިތުން ހުށަހަޅާ ޝަކުވާތަކާއި، މި މަޝްރޫޢުތަކާ ގުޅުންހުރި އެންމެހައި މައްސަލަތައް ދިރާސާކުރުމަށްޓަކައި 5 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެކުލަވައިލެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް މި ނިންމެވީ، އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުން އެރުވި ލަފާފުޅުގެ މަތިންނެވެ.

މިހާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވަނީ މީގެކުރިން ފްލެޓްތައް އޭގެ ހައްޤުވެރިނަށް ދޭނެކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވުމަށް ނިންމަވާފައިވާ ކޮމިޓީގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި، "ގެދޮރުވެރިކުރުމުގެ މަޝްރޫޢު"ގެ ދަށުން ފްލެޓުތައް ދޫކޮށްފައިވަނީ އުސޫލުން ބޭރުންކަމަށް ބުނެ ސަރުކާރަށް ލިބެމުންދާ ޝަކުވާތައް ދިރާސާކޮށް، އެކަންކަމާމެދު އަމަލުކުރާނެ ގޮތެއްގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން އެޅުން ހިމެނެއެވެ. އަދި، "ހިޔާ މަޝްރޫޢު"ގެ ދަށުން ފްލެޓު ލިބުނު ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ލިސްޓުތައް އަލުން ރިވިއުކޮށް، ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމާއި، ފްލެޓުތައް ދިނުމަށް އުސޫލުން ބޭރުން ކަންކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވި ފަރާތްތައް ހޯދައި، އެ ފަރާތްތަކާމެދު އަމަލުކުރާނެގޮތުގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަކީވެސް މި ކޮމިޓީގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މީގެ އިތުރުން، "ހިޔާ" މަޝްރޫޢުއާއި، "ގެދޮރުވެރިކުރުން" މަޝްރޫޢު އަދި "ގުޅިފަޅު ހައުސިންގ ޕްރޮޖެކްޓް" ގެ ދަށުން ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތް ރިވިއުކޮށް، ފްލެޓް ޙައްޤުވާ ފަރާތްތަކަށް އެންމެ އިންސާފުވެރިކޮށް ފްލެޓް ކަށަވަރުކޮށްދިނުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާނީވެސް މި ކޮމިޓީންނެވެ.

"ގުޅިފަޅު ހައުސިންގ ޕްރޮޖެކްޓް"ގެ ދަށުން ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓު ލިބިފައިނުވާ ފަރާތްތަކަށް ބަދަލު ދިނުމަށްވެސް، މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުންތަކަކީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކުރެއްވުމަށް ނިންމަވާފައިވާ ގެދޮރުވެރިކަމާ ގުޅޭ ވަޢުދުފުޅުތަކާ ގުޅިގެން ނިންމެވި ކަންކަމެވެ.

Advertisement

ކޮމެންޓް