Advertisement

ޗައިނާއާއި ދެކޮޅު އަސްކަރީ ކޯލިޝަންގައި ރާއްޖެއިން ބައިވެެރިވުން، ރާއްޖެއަށް އޮތީ ކޮންމޮޅެއް؟

20 Mar 2021 | 15:34

އުތުރުތިލަފަޅު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޑޮކްޔާޑެއްގެ ގޮތުގައި ތަރައްގީކުރުމަށް އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމާއިބެހޭގޮތުން ސޯޝަލް މީޑިއާގައި ލީކްކޮށްލާފައިވާ ޑްރާފްޓް އެގްރިމެންޓެއްކަމަށްބުނާ ލިޔުމެއްގެ މައްސަލާގައި އެމްއެންޑީއެފްގެ ލީޑަރޝިޕްގެ ހުރިހައި އިސްޖެނެރަލުން ބައިވެރިވެވަޑައިގެން ބޭއްވި ނޫސްކޮންފަރެންސްގައި ޗީފް އޮފް ޑިފެންސް ފޯސް ޖެނެރަލް ޝަމާލް ދެއްކެވި ވާހަކަފުޅުގައި އެހެންޏާ އަޅުގަނޑުމެން އަޑުނާހާ، ދިވެހިގައުމު މިހާރު މިސްރާބު ޖަހާފައިވާ އައު ޑައިރެކްޝަނެއްގެ ވާހަކަ ގެންނަވާފައިވެއެވެ. އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ވާހަކަތައް ސަރުކާރުގެ އެންމެ އިސްވެރިން ދައްކަވާއިރު ޖެނެރަލް ޝަމާލް ދެއްކެވިހާ ތަފްސީލުކޮށް މިހާތަނަށް އެވާހަކަތައް ގެންނަވާފައި ނުވެއެވެ.

ޖެނެރަލް ޝަމާލްގެ ވާހަކަފުޅުގައި ދުނިޔޭގެ އިގްތިސާދީ ސުޕަޕަވަރެއްގެ މަގާމަށް އެމެރިކާއާއެކު ވަރުގަދަ ރޭހަކަށް މިއަދު ނުކުމެފައިވާ ދުނިޔޭގެ އެންމެ ބޮޑު އާބާދީ 1.4 ބިލިޔިޔަން މީހުން ހިމެނޭ އޭޝިޔާގެ ސުޕަޕަވަރ ޗައިނާ ހުއްޓުވުމަށްޓަކައި އެމެރިކާއިން އެކުލަވައިލި ކޯޑްރިލެޓަރަލް ސެކިއުރިޓީ ޑައިލޮގް ( ކޯޑް) އެލަޔަންސްގެ ވާހަކަ ގެންނަވާފައިވެއެވެ. މިއެލަޔަންސްގެ ވާހަކަ ޝަމާލް ގެންނަވާފައިވަނީ އިންޑިއާއާއެކު ދިވެހި ރާއްޖެއިން މިހާރު އުފައްދާފައިވާ ސްޓްރެޓެޖިކް އަސްކަރީ ގުޅުމުގެ މުހިއްމުކަން ހާމަކުރެއްވުމަށެވެ.

އިންޑޯ ޕެސެފިކް ސަރަހައްދަކީ މިނިވަން އަދި ހުޅުވިފައިވާ ރޫލް ބޭސްޑް ނިޒާމެއް އޮންނަ ސަރަހައްދަކަށް ހަދަންޖެހުމުގެ ތަސައްވުރު ފުރަތަމަ ފާޅުކުރެއްވީ އަހަރު ޖަޕާންގެ ބޮޑުވަޒީރު ޝެންޒޯ އަބޭ އެވެ. އޭނާއަކީ ސައުތުޗައިނާ ސީ ގައި ޗައިނާއިން އާޓިފިޝަލް ރަށެއް ހަދައި އަސްކަރީ ބޭހެއް ގާއިމުކުރަމުންދިއުމާމެދު ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ބޭފުޅެކެވެ. އެތަސައްވުރު ހަގީގަތަކަށް ހެދީ 2020 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑް ބަލިމަޑުކަމުގެތެރޭގައި ޗައިނާ އިގްތިސާދީބާރު ދުނިޔެއަށް ފާޅުވުމުންނެވެ. ވައިޓްސުޕަމިސްޓުންގެ ތާއީދުބޮޑު އެމެރިކާގެ ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ކޯޑް އާއިގެނ ނުކުތީ އެހިސާބުންނެވެ. ޗައިނާއާއި ދިމާކުރުމަށް މިއެލަޔަންސް އުފެއްދުމަށް އެމެރިކާއާއި ޖަޕާނާއި އިންޑިއާއާއި އޮސްޓްރޭލިޔާގެ ވެރިން އެއްތަނަކަށް ހާޒިރުވެވަޑައިގެން އެލަޔަންސްގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެމެރިކާގެ ޚާރިޖީވަޒީރު މައިކްޕޮމްޕެއި ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވިއެވެ. އޭނާއަކީ ގުދުސްއަށް އެމެރިކާގެ އެމްބަސީ ބަދަލުކުރި ހަރުކަށި ވައިޓްސްޕަމިސްޓެކެވެ. އެދަތުރުފުޅުގައި ރާއްޖޭގެ ޚާރިޖީވަޒީރު  ޝާހިދާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ބައްދަލުކުރައްވައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ނުރައްކާތެރިކަން އެމެރިކާ ސިފަކުރާގޮތް ސާފުކޮށްދެއްވިއެވެ. ޕޮމްޕެއިވަނީ އެމެރިކާގެ މަސްލަހަތު ޝާހިދަށް ކޮންވީންސްކޮށްދެއްވައިގެން ދިވެހި ރާއްޖެ އެމެރިކާއާއެކު އަސްކަރީ އެއްބަސްވުމެއްގެ ދެލިކޮޕީއެއްގައި ސޮއިކުރުވާފައެވެ. އަދި ޑިފެންސް މިނިސްޓަރ މާރިޔާދީދީ އެއްބަސްވެވަޑައިގެން އިންޑިއާއާއެކުވެސް އަސްކަރީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ޖެނެރަލް ޝަމާލްގެ ވާހަކަފުޅުގައި މިއެއްބަސްވުންތަކުގެ އަސާސްތަކަކީ އަދި ލޮޖިކަކީ ކޮބައިކަން ބަޔާންކޮށްދެއްވިއެވެ.

" އިންޑިއަން އޯޝަން ޕޮލިސީއަށް ބަލައިފިއްޔާ އިންޑިއާއިން މިއޮތީ ( ގެންގުޅެނީ) ވަރަށް ބޮޑަށް ފްރީ، ފެއާ، އޯޕަން، އިންކްލޫސިވް ރޫލް ބޭސްޑް ޕޮލިސީއެއް އިންޑިއަން އޯޝަންތެރޭގައި. ދެން އެއަށްވުރެ ދުރަށް ޖެހިލައިފިކަމަށް ވަންޏާ މިބެލީ ކޯޑްތެރެއަށް. ކޯޑް ތެރެއިންވެސް، ( އިންޑޯ ޕެސެފިކް ސްޓްރެޓަޖީގެތެރެއިން) މައިގަނޑުކޮށް މިއޮންނަ ވިސްނުމަކީ ފްރީ ފެއަރ އިންކްލޫސިވް އޯޕަން ރޫލްޑް ބޭސް އިންޑިއަން އޯޝަންއެއް ގާއިމުކުރުން" ޖެނެރަލް ޝަމާލް ވިދާޅުވީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ކޯޑްގެ ގައުމުތަކާއެކު ދިވެހި އަސްކަރިއްޔާއިން ވަރަށް ގާތްގުޅުންތަކެއް ދަމަހައްޓަމުންދާކަމަށެވެ.

" ޔޫއެސްއާއެކު މިދިޔަ ދެ އަހަރަށް ބަލައިފިއްޔާ ( އިންޑިއާ ކަނޑުގެ ސެކިއުރިޓީއަށް) ވަރަށް އިންޓެންސް އެންގޭޖްމަންޓެއް އެބައޮތް ރާއްޖެއާއެކީގައި. ކުޑަދުވަސްކޮޅެއްގެތެރޭގައި ( އަސްކަރިއްޔާއަށް) 7 މިލިޔަން ޑޮލަރުގެ އެހީ ދީފި. މެރިޓައިމް ކޯޑިނޭޝަން ސެންޓަރެއް މިގާއިމުކޮށްދެނީ ޖަޕާނުން"

ކޯޑް އެލަޔަންސްގެތެރެއަށް ރާއްޖެވެއްދުމުގައި އޮތީ ކޮންފައިދާއެއް؟

ޖަޕާނާއި އެމެރިކާއާއި އިންޑިއާއިން ދިވެހި ރާއްޖޭގެ އަސްކަރީ ކަންކަން ތަރައްގީކުރުމަށް އެހީ ހޯދުމަކީ އޭގެޒާތުގައި މައްސަލައެއް ނޫނެވެ. އެގުޅުން ހިގަމުން އަންނަތާ ކިތަންމެ ޒަމާނެއް ވެއްޖެއެވެ. އެކަމަކު ކޯޑް އެލަޔަންސްގެތެރެއިން، އެއެލަޔަންސްގެ މަގްސަދުތަކަށް ތާއީދުކުރުމަށްފަހު އެހީ ހޯދަމުންދިއުމަކީ ދިވެހި ރާއްޖެ ނުރައްކާތެރި މަގެއްގެ މައްޗަށް ނެރުންކަމާއިމެދު ޝައްކެއްތް ނެތެވެ. ކޯޑް އުފެއްދީއަކީ އިންޑިއާ ކަނޑުގައި ސޯމާލިޔާގެ ކަނޑުފޭރޭ މީހުންނާއ ކަނޑުމަގުން ޓެރަރިސްޓް ހަރަކާތްތައް ހިންގާފަނެ ފަރާތްތަކަކުން އެކަނޑު ރައްކާތެރިކުރުމަށްޓަކެއް ނޫނެވެ. މިއެލަޔަންސްގެ ހަގީގީ މަގުސަދަކީ ކުރިއަށް އޮތް ހައެއްކަ އަހަރުގެތެރޭގައި ދުނިޔޭގެ އިގްތިސާދީ ސުޕަޕަވަރެއްގެ މަގާމަށް އަންނާނެކަމަށް ދުނިޔޭގެ އިގްތިސާދީ މާހިރުން މިހާރު ގަބޫލުކުރާ ޗައިނާއާއި ކުރިމަތިލުމަށްކަން އެންމެންނަށްވެސް އެގެއެވެ. ޚުދު ޗައިނާއަށްވެސް އެކަން އެގެއެވެ. ދުނިޔޭގެ ސްޓްރެޓެޖިކް އެނަލިސްޓުންނާއި ސެކިއުރިޓީ އެނަލިސްޓުން ޕަބްލިޝްކުރާ ލިއުންތަކުގައި ބަޔާންކުރަނީ އެގޮތަށެވެ. ކޯޑަކީ އޭޝިޔާ ޕެސެފިކްގެ ނޭޓޯކަމަށް ސިފަކުރަމުންނެވެ. ޗައިނާގެ މީޑިއާތަކުގައި އެގައުމުގެ ތަޖުރިބާކާރުން ސިފަކުރަނީ ހޮޅިވާހަކަ ދައްކާ ގްރޫޕެއްގެ ގޮތުގައެވެ.

ކޯޑް އެލަޔަންސްގެ ލޮޖިކަކީ ކިތަންމެ ވަރުގަދަ ގައުމުތަކަކުން ތަސައްވުރުކޮށްފައިވާ ލޮޖިކަކަށްވިޔަސް މިއީ ލޫޒް އެލަޔަންސެއްކަމަށް އަސްކަރީ ކަންކަން ދިރާސާކުރާ ތަޖުރިބާކާރުން ދެކެއެވެ. ސަބަބަކީ ޗައިނާއިން އަސްކަރީ ހަގުރާމައެއް ފެށުމަކީ ވަރަށް ދުރުކަމެއްކަމަށް ވުމެވެ. އެކަމަކު އެގައުމުގެ އިގްތިސާދީ ބާރެއްގެގޮތުގައި ނުކުތުމަށް ގަދައަޅައި މަސައްކަތްކުރާނެއެވެ. އަލްޖަޒީރާގެ ޕޮލިޓިކަލް އެނަލިސްޓް މަރްވާން ބިޝާރާ ގަބޫލުކުރާގޮތުގައި މިހިގާ 21 ވަނަ ގަރުނު ޑޮމިނޭޓްކުރާނީ އެމެރިކާއާއި ޗައިނާގެ ވާދަވެރިކަމުގައެވެ. ހިގަމުންދާނީ އިންޑިއާގެ ސްޓްރެޓަޖިސްޓުން ތައްޔާރުވަމުންދާ އަސްކަރީ ހަގުރާމައަކަށްވުރެ އިގްތިސާދާއި ޓެކްނޮލޮޖީގެ މައްޗަށް ކުރި ހޯދުމުގެ ހަގުރާމައެވެ.

ޖެނެރަލް ޝަމާލް ދެކެވަޑައިގަންނަވަނީ އެމެރިކާއާއި އިންޑިއާގެ އެހީގައި ކުޑަކުޑަ ރާއްޖޭގެ އަސްކަރީ ގާބިލްކަން އިތުރުކުރުމުން ޗައިނާއާއެކު ހަގުރާމައަކަށް ހިގައްޖެނަމަ މިއެލަޔަންސާއި ދިވެހި އަސްކަރިއްޔާ ގުޅިގެން، ޗައިނާގެ ބިޔަ އަސްކަރީ މަނަވަރުތަކުގެ ނޭވީ ފްލީޓަށް އިންޑިއާ ކަނޑު ބަންދުކޮށްގެން ހިފެހެއްޓިދާނެކަމަށްތޯއެވެ. ނުވަތަ ޗައިނާގެ ސަޕްލައިލައިންކަމަށްވާ ސްޓްރިންގ ޕާލް ރޫޅާލެވިދާނެކަމަށް ހެއްޔެވެ. ދިވެހި ރާއްޖެއިން ޗައިނާއާއި ދެކޮޅު އެލަޔަންސަކަށް ތާއީދުކޮށްގެން ތިބުމަކީ ސްޓްރެޓަޖިކް ވިސްނުމެއް ނޫނެވެ. އެއީ ދިވެހި ރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެކެވެ. ކޯޑް އެލަޔަންސްގެތެރެއަށް އޭޝިޔާގެ ގައުމުތައް ނުވަދެ ދުރުގައި ތިބެނީ އެނުރައްކާ އެގައުމުތައް ތަސައްވުރުކުރެވޭތީއެވެ. އެކަމަކު އިންޑިއާގެ ލެންސުން ބަލައިފިނަމަ ރާއްޖެއަށް އެންމެ ފައިދާހުރިގޮތަކީ އިންޑިއާއަށް ބަރޯސާވެގެން އޮތުމެވެ. ޖެނެރަލް ޝަމާލްއަކީ ސްޓްރެޓެޖިކް ވިސްނުން ގެންގުޅުއްވާ ބޭފުޅެކެވެ. މިއަދު ޔޫރަޕިއަން ޑޮމިނެންސް ކޮބައިތޯއެވެ. އެމެރިކަން ސުޕަރމަސީ ކުޑަވަމުން ހުލިވަމުންދާތަން ރާއްޖޭގެ އަސްކަރީ ސްޓްރެޓަޖީ ދިރާސާކުރާ ސިފައިންގެ ބޭކަލުންނަށް ފެނިވަޑައިނުގަންނަވަނީތޯއެވެ. ސުޕަޕަވަރަކަށް ބަލާނަމަ ރާއްޖެއަށް އެންމެ ފައިދާ ހުރީ ރާއްޖެއާއި ކައިރި އަދި ރާއްޖޭގެ އިގްތިސާދު އެގައުމެއްގެ މައްޗަށް ބަރޯސާކުރަންޖެހިފައިވާ ދުނިޔޭގެ އެންމެ ބިޔަ އާބާދީ ޗައިނާގެ ބަދަލުގައި ރާއްޖެއާއި އެންމެ ދުރުގައި އޮތް މުސްކުޅިވަމުންދާ އެމެރިކަން ސުޕަމަސީގެ ހިޔަލުގައި ތިބުންތޯއެވެ. ކަނޑުމަގުން އިރާގާއި ލީބިޔާ ބަންދުކޮށް އެގައުމުތައް ސުންނާފަތިކުރުމަށްފަހު މިއަދު އީރާނާއިދެކޮޅަށް ކަނޑުމަގުން އަޅާފައިވާ އަނިޔާވެރި ދަތިކުރުމުގެ ފިޔަވަޅުތަކަށް ނަޒަރު ހިންގާލުމުން ފްރީ އޯޕެން ރޫލްބޭސްޑް ސިސްޓަމަކީ އެމެރިކާއިން ދައްކާ ދަޅައެއްކަން އެގެއެވެ. ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށްވުރެ މާނުރައްކާތެރިއެވެ. ޗައިނާގެ ހަންފެތުރުންކަމަށްދެކިގެން ކަންބޮޑުވަންޏާ އެމެރިކާއިންވެސް ކުރަނީ އެކަމެވެ. އިންޑިއާއިންވެސް ކުރެވޭތޯ އުޅެނީ އެކަމެވެ.

އަޅުގަނޑުމެންނަށް ހީކުރެވުނީ ދިވެހި ސަރުކާރުން ކޯޑް އެލަޔަންސުގެ ފިކުރަށް ތާއީދުކުރާކަން ދެއްކުމުގެ ބަދަލުގައި އެހެންގައުމުތައް ފަދައިން ދުރުގައި ދުނިޔެއަށް ސާފު މަންޒަރެއް ފެންނަންދެން ހިމޭނުން އޮންނާނެކަމަށެވެ. މިއެލަޔަންސަށް ތާއީދުކުރުން އެއީ ފައިދާހުރިކަމަކަށްވީނަމަ ޗައިނާއާއެކު ސަރަހައްދީ އިމުގެ މައްސަލަ އޮތް އިންޑޮނޭޝިއާއާއި މެލޭޝިއާފަދަ ގައުމުތަކުން އެކަންކުރީހެވެ. އެމެރިކާ ދެކޮޅު ހަދަހަދައި އޮއްވައި ޔޫރަޕިއަން ޔުނިއަނުން ޗައިނާއާއެކު ފްރީޓްރޭޑް އެއްބަސްވުމެއް ގާއިމު ނުކުރީހެވެ. އަޅުގަނޑުމެންގެ ރާއްޖެއިން މިފެންނަނީ އިންޑިއާކަނޑުގައި ހިގާނެކަމަށް އެމްޑީޕީގެ ލީޑަރ މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ހަގުރާމައަށް ދިވެހި ރާއްޖެ ތައްޔާރުވަމުންދާތަނެވެ. އެހަގުރާމައިގެ އެންމެ ވަރުގަދަ މައިދާނަކަށް އައްޑުއަތޮޅު ވެގެންދާނެކަމަށް ނަޝީދު ސިފަކުރައްވަނީ ކޮންކަމެއްގެ އަލީގައިކަން ބުނަން އެގޭނީ އޭނާއަށާއި އޭނާގެ ސިކުނޑިއަށް ފީޑްކޮށްދިން ބަޔަކަށެވެ.

Advertisement

ކޮމެންޓް