Advertisement

ބީއެމްއެލްގެ މުވައްޒަފުންގެ އެހީތެރިކަން ތިން ރަށަކަށް!

20 Mar 2021 | 21:57

ބީއެމްއެލް ގެ މުވައްޒަފުން އިސްނަގައިގެން 3 ރަށެއްގައި މުޖުތަަމަޢަށް އެހީތެރިވުމުގެ ހަރަކާތްތަކެއް ހިންގައިފިއެވެ. މި ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވަނީ ވ. ފެލިދޫ، ލ. ފޮނަދޫ އަދި ހދ. ކުޅުދުއްފުށީގައެވެ.

މިގޮތުން ވ. ފެލިދޫގެ ރައްޔިތުންގެ މެދުގައި މަގުބޫލު ފެލިދޫ މަސްފެންގަނޑު އޮންނަ ސަރަޙައްދަށް ވަންނަން އޮންނަ މަގު ސާފުކޮށް މިސަރަޙައްދަށް ފޮޓޯ ނެގުމާއި މަހަށް ކާންދިނުމަށް ޒިޔާރަތްކުރާ އެތައް ޢާއިލާއަކަށް ފަސޭހަވާނެހެން ވަނީ ބަދަލު ގެނެސްފައެވެ. އަދި މީގެ އިތުރުން ފޮޓޯ ނެގުމަށް މިސަރަޙައްދަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭނެ ޚާއްޞަކޮށް ޕްލެޓްފޯމެއް ޤާއިމުކުރުމުގެ މަސައްކަތްތައްވެސް ރޭވި، ވަރަށް އަވަހަށް އެކަމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެއެވެ.

ލ. ފޮނަދޫ ބްރާންޗުގެ މުވައްޒަފުން ވަނީ ރަށުގައި ހުންނަ ކުޑަކުދިންގެ ޕާކުގެ ވަށާ ފާރުގައި ކުލަލުމުގެ މަސައްކަތްވެސް ކޮށްފައެވެ. އަދި ހދ. ކުޅުދުއްފުށީގައި ވަނީ އަތިރިމަތީގައި ޚާއްޞަ ސަރަޙައްދެއް ޤާއިމުކޮށް މިސަރަޙައްދަށް އަންނަ ފަރާތްތަކަށް ހިތް ފަސޭހަ މާހައުލެއް ޤާއިމުކޮށް ދިނުމަށްޓަކައި އުނދޯއްޔާއި، ޖޯލީގެ އިތުރުން ބެންޗު ބަހައްޓާފައެވެ.

ބީއެމްއެލްގެ އަތޮޅު ތެރޭގެ ބްރާންޗުތަކާއި، ބީއެމްއެލްގެ ވޮލަންޓިއަރުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މި ހަރަކާތްތަކަކީ މުޖުތަމަޢުގެ އުފަލާއި ހިިތްހަމަޖެހުމަށްޓަކައި ކުރެވިގެންދިޔަ ހަރަކާތްތަކެކެވެ. މި 3 ރަށުގައި ކުރެވިގެންދިޔަ މަސައްކަތްތަކުގައި ބީއެމްއެލްގެ 30 އަށް ވުރެ ގިނަ ވޮލަންޓިއަރުންވަނީ މަސައްކަތްކޮށްފައެވެ.

ކޮންމެ އަހަރަކު މާރިޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ އިންޓަރނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅިގެން މިއަދު ހަރަކާތްތަކެއް ހިންގާފައިވާއިރު ބޭންކުގެ އަމާޒަކީ މި ފަދަ އިތުރު ހަރަކާތްތަކެއް މިއަހަރު ކުރިއަަށް ގެންދިޔުމެވެ. 


ނޯޓް: މި ޚަބަރު ބިނާވެފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ޕްރެސް ރިލީސެއްގެ މައްޗަށެވެ.

Advertisement

ކޮމެންޓް