ފުރައްސާރަ ކުރުމާއި ދެކޮޅަށް ނުކުންނެވި މަޚްލޫފު ފުރައްސާރަ ކުރައްވާ ފޮޓޯތަކެއް!

25 Mar 2021 | 07:58

ހަނގާ ކުރުމަކީ އެއްވެސް މީހަކު ތަހައްމަލު ކުރަންޖައްސަންވާވަރު ކަމެއް ނޫނެވެ. އެކަމުގެ ޝިކާރައަކަށް ވުމަކީ ކޮންމެ މީހަކަށްވެސް، އަދި އެމީހެއްގެ ާޢާއިލާއަށްވެސް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރުވާނެ ކަމެއްކަން ޔަގީނެވެ.

ބުލީ ކުރުން ނުވަތަ ހަނގާ ކުރުމުގެ ވާހަކަ މިހާރު ޓްވިޓަރގައި "ޓްރެންޑް"ވެފައިވާއިރު، މިވާހަަކަ މި ދެކެވުނީ ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފުގެ ދަރިކަނބަލުން ލައިބާ އަޙްމަދު މަޚްލޫފު (އެލީ) ބޮލީވުޑްގެ ލަވަކިޔުންތެރިޔަކާއިއެކު ލަަވައެއް ކީ ހިސާބުންނެވެ.

އެލީއަށް ތައުރީފުކޮށް، ހިތްވަރު ދިން މީހުން ގިނަ ނަމަވެސް، މިކަން ވެގެން ދިޔައީ ބައެއް މީހުންނަށް ބަލައިގަންނަން ދަތިވި ކަަމަކަށެވެ.

މިނިސްޓަރު މަޚްލޫފު މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އެލީއަށް ފުރުޞަތުތައް ހޯދައިދިނީ ކަމަށް ތުހުމަތުކޮށް ބައެއް މީހުން "ނެޕޮޓިޒަމް"ގެ ވާހަކަ ދައްކަން ފެށިއެވެ.

ދަރިކަނބަލުންނާއިމެދު އެގޮތަށް ނަފުރަތުގެ ބަސްތައް އަމުނަމުން ދިޔުމުން، މިނިސްޓަރު މަޚްލޫފަށްވެސް، އަދި އަނބިކަނބަލުން، ނަޒްރާ ނަސީމަށްވެސް މަޑުން ތިއްބަވަން ދަތިފުޅުވެ، ދެބޭފުޅުންގެ ޝުޢޫރުތައް މީސްމީޑިއާއަށް ދޫކޮށްލެއްވިއެވެ.

ހަނގާ ކުރުމުގެ ނުބައިކަމާއި، އެކަމުން ކުރާނެ އަސަރު ދެބޭފުޅުންގެ ޓްވީޓުތަކުން ހިއްސާ ކުރެއްވިއެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކު މިނިސްޓަރު މަޚްލޫފަށް ހަނދުމަކޮށްދިނީ އެބޭފުޅާ މާޒީގައި އެބުނާ ހަނގާ ކުރުމާއި، ފުރައްސާރަ ކުރެއްވުމުގައި އުޅުއްވި ދުވަސްތަކެވެ.

އެއީ އޭރުގެ ރައީސް ޔާމީން ޢަބްދުދުލްޤައްޔޫމާއި ދެކޮޅަށް، އިދިކޮޅު އެމްޑީޕީއާއި އެހެން ޕާޓީތަކާއިއެކުގައި އެންމެ ކުރީސަފުގައި މަޚްލޫފު މަސައްކަތް ކުރެއްވި ދުވަސްވަރެވެ. ރައީސް ޔާމީންގެ ފޮޓޯ ޖެހި ޑޮލަރު މޭމަތީގައި ޖަހައިގެން، އެމަނިކުފާނުގެ ގެކޮޅު ކައިރީގައި މަޚްލޫފާއި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އެޖެއްސެވި ސަކަރާތް ގިނަ ބަޔަކު އަދިވެސް ހަނދާން ހުންނާނެ ކަމީ ޔަގީން ކަމެކެވެ. އެއީ ހަނގާ ކުރުން، ނުވަތަ ފުރައްސާރަ ކުރުމެއް ނޫންތޯއެވެ؟ ހަމަ ޔަގީނުންވެސް އޭރު މަޚްލޫފަށް ޒުވާން ކުޑަކުދިންނަށްވެސް އެ ދެއްކުނީ ރަނގަޅު ނަމޫނާއެއް ނޫނެވެ.

ދެން ފެނިގެން ދިޔައީ ސިފައިންގެ ޔުނީފޯމުގެ ހުރުމަތް ކަނޑާލައި، އެ ޔުނީފޯމްގެ ޑިޒައިންގެ ގަމީސް ލައިގެން، ޢިއްޒަތެރި މެންބަރު މަޚްލޫފު މަޖިލީހަށް ވަޑައިގެންނެވި މަންޒަރެވެ.

ސިފައިންގެ ޝަރަފުވެރި ޔުނީފޯމުގައި ތިއްބެވި ބޭކަލުންގެ ކުރިމަތީގައި މަޚްލޫފު ވަނީ އެ ޔުނީފޯމަށްވެސް މަލާމާތް ކުރައްވައިފައެވެ.

އެހެންކަމުން މިއަދު މަލާމާތް ކުރުމާއި، ހަނގާ ކުރުމުގެ ވާހަކަ ދައްކަވާއިރު، އެފަދަ އަމަލުތަކުގެ ނަތީޖާ ނުކުންނަ ގޮތް މަޚްލޫފަށް އިހްސާސް ކުރެވޭނެ ކަަމަށް ބެލެވެއެވެ. 

Advertisement

ކޮމެންޓް