އެމެރިކާގެ ސަފީރާއި މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި

21 Mar 2021 | 21:55

އެމެރިކާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށްވާ އަލައިނާ ބީ.ޓެޕްލިޓްޒް، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ބައްދަލުކުރައްވައިފިއެވެ.

މިއަދުގެ ވަގުތެއްގައި ފޮރިން މިނިސްޓްރީގައި އޮތް މި ބައްދަލުވުމުގައި ދެފަރާތުން ވަނީ ދެގައުމުގެ ދެމެދުގައިވާ ގުޅުމާއި މެދު މަޝްވަރާކޮށް، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ މެދު ޚިޔާލު ބަދަލުކުރައްވާފައެވެ. އޭގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތައް، ސަލާމަތީ ދާއިރާ، ވިޔަފާރި އަދި އިންވެސްޓްމެންޓްތައް ހިމެނެއެވެ.

މީގެއިތުރުންވެސް އެމެރިކާގެ ސަފީރާއި މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ބެހޭގޮތުންނާއި އެބަލީގެ ސަބަބުން ދިމާވި ނޭދެވޭ އިޤްތިޞާދީ އަސަރުތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. 

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް-19އާ ގުޅިގެން އެމެރިކާއިން ފޯރުކޮށްދީފައިވާ އަގުހުރި އެހީތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެޤައުމަށް ފައިދާހުރި އެކި ދާއިރާތަކުން އެކުގައި މަސައްކަތްކުރުމަށް ތައްޔާރަށް ހުންނެވިކަމުގެ ޔަގީންކަންވެސް ޝާހިދު ވަނީ ދެއްވާފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެމެރިކާއިން ވަނީ ދިވެހިރާއްޖެއާ އެކު މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އަދި މިދިޔަ އަހަރު އެޤައުމުގެ އޭރުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް

Advertisement