Advertisement

އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިފި

03 Sep 2018 | 19:30

މިމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކަންތައްތައް ސުލްޙަވެރިކަމާއި އަމާންކަން ދެމެހެއްޓުމަށްޓަކައި "އޮޕަރޭޝަން ބްލޫ ވޭވް 2018" ގެ ނަމުގައި ހާއްސަ އެޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ.

މިއޮޕަރޭޝަން ރަސްމީކޮށް ފަށާފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު އިސްކަންދަރު ބިލްޑިންގ ކޮންފަރެންސްގައި ބޭއްވި ކޮމާންޑަރުންގެ ބައްދަލުވުމުގައެވެ.

މި އޮޕަރޭޝަން ރަސްމީކޮށް ފައްޓަވައި ދެއްވުމަށްފަހު ވާހަކަ ދައްކަވަމުން އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ވިދާޅުވީ، އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ކޮމާންޑަރުންނަކީ މުހިންމު ދަޢުރެއް އަދާކުރާ ބަޔެއްކަމަށެވެ. ރިޔާސީ އިންތިޚާބުގެ އެންމެހާ ކަންކަން ސުލްޙަވެރިކަމާއި އަމާންކަމާއެކު ނިންމާލުމަށް ހުރިހާ ކޮމާންޑަރުންވެސް އަޒުމް ކަނޑައެޅުމަށް ނަވާޒް ވަނީ ވިދާޅުވެފަ އެވެ. މި އޮޕަރޭޝަނާއެކު ފުލުހުންގެ މަސައްކަތްތަކަށް ބަދަލުތަކެއް އަންނަކަން ފާހަގަކުރައްވައި ނަވާޒް ވިދާޅުވީ، މި މަސައްކަތްތަކުގައި ހުރަސްތަކާއި ކުރިމަތި ވާނެކަމަށާއި، ޚާއްސަކޮށް އަތޮޅުތަކުގައި ހުރަސްތައް ހުރިނަމަވެސް ހިތްވަރާއެކު މަސައްކަތްކުރުމުގައި ސާބިތުވެ ތިއްބެވުމަށް ހުރިހާ ފުލުހުންގެ ކިބައިންވެސް އެދިލައްވާ ކަމަށެވެ.

މި ބައްދަލުވުމުގައި ވަނީ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ތައްޔާރުވެފައިވާ މިންވަރު ބެލުމުގެ ގޮތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފުލް ސްކޭލް އެކްސަސައިޒް ކުރިއަށް ދާނެގޮތުގެ މަޢުލޫމާތާއި އެކްސަސައިޒްގައި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތުވެސް ހިއްސާކޮށްފައެވެ.

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ބްލޫ ވޭވްގައި ހަރަކާތްތެރިވާ ފުލުހުން މިހާރުވަނީ އަތޮޅުތަކަށް ގޮސްފައެވެ. އަދި މި އޮޕަރޭޝަނުގައި މާލެ އާއި އަތޮޅުތެރޭގައި ގިނަ ޢަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެކަމަށް ފުލުހުން މައުލޫމާތު ދެއެވެ. 

Advertisement

ކޮމެންޓް