Advertisement

ޙާއްސަ ބަސްދީގަތުން: ކަޅުބެ ޢަބްދުއްލަޠީފް ސަރުކާރާއިމެދު ނާއުއްމީދުވެ މާޔޫސްވަނީ

24 Mar 2021 | 16:07

ކަޅުބެ ޢަބްދުއްލަޠީފޭ ބުނުމުން މާލޭގައި ދޮށީއުމުރުގެ މީހުންނާއި ހަރުމީހުންނާއި މެދުއުމުރުގެ މީހުން އޭނާ ރަގަޅަށް ދަންނާނެއެވެ. އަމްދުން ރައީސް އިބްރާހީމް ނާސިރާއި ހަމައިން ގޮސް މިއަދު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރާއިހަމައަށް ސަރުކާރުގެ އިސްވެރިން ޢަބްދުއްލަޠީފް އަދި މާރަނގަޅަށް ދަންނާއެވެ.

އިއްޔެ ރޭ ވޮއިސްގެ ނޫސްވެރިންނަށް އޭނާގެ ގެއަށް ދައުވަތެއް ދެއްވިއެވެ. އެއީ ސިޔާސީ ވާހަކަ ދައްކަވާލެއްވުމަށެވެ. ރައީސް އިބްރާހީމް ނާސިރުގެ ސަރުކާރުގެ ދުވަސްވަރުގެ ސިޔާސީ ވާހަކަދައްކަންފެށްޓެވި ގޮތަށް އެއް ސަރުކާރަކަށްފަހު އަނެއް ސަރުކާރެއްގެ ދުވަސްވަރުގެ ވާހަކަ އަދި އޭނާ ބައިވެރިވެލެއްވި ކަންކަމުގެ ވާހަކަ ދައްކަވަމުންގޮސް ނިންމަވާލައްވަމުން ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރާއިމެދު މިހާރު ނާއުއްމީދުވެ މާޔޫސްވަމުންދާކަމަށެވެ. ސަބަބެއްކަމަށް ވިދާޅުވީ ރައީސް މުޙައްމަދު ނަޝީދުގެ ނުފޫޒު ޞާލިޙްގެ މައްޗަށް އޮތްލެއް ބޮޑުކަމާއި އެނުފޫޒުން ހަށިފޮޅާލާފައި ނުކުންނަވައި އަމިއްލަފުޅަށް ސަރުކާރު ހިންގެވުމުގެ ކަންކަން ކުރައްވަން ނޫޅުއްވާތީއެވެ. ޢަބްދުއްލަޠީފް ވިދާޅުވީ އިބްރާހީމް މުޙައްމަދު ޞާލިޙަކީ ކެއްތެރި މަޑުމައިތިރި ވިސްނުންފުޅު ހުރި އިޚްލާސްތެރި ބޭފުޅެއްކަމާއިމެދު އޭނާ އަދިވެސް ޝައްކެއް ނުކުރައްވާކަމަށެވެ. އެކަމަކު އޭގެ މާނައަކީ ރައީސް މުޙައްމަދު ނަޝީދު ޤައުމު ހަލާކުކުރެއްވުމަށް ކުރައްވާނެހާ ކަމެއް ކުރައްވަން ދޫކޮށްލައްވައިގެން ހުންނެވުން އެއީ ރަނގަޅު ގޮތްކަމަށް ދެކެވަޑައިގަތުންކަމަށްވާނަމަ ދެން ޤައުމު އިޞްލާޙު ކުރައްވަން އިބްރާހީމް މުޙައްމަދު ޞާލިޙަށް ކުރެއްވޭނެކަމެއް ނެތްކަމަށް ވިދާޅުވިއެވެ.

ކަޅުބެ ޢަބްދުއްލަޠީފް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ވަރަށް ބޮޑު ތުހުމަތެއް ކުރައްވައެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އައްޑުއަތޮޅުގައި ބުދުބަހައްޓަން އުޅުމާއި މީހުން ދިރިއުޅޭ ރަށްރަށުގައި ރާވިއްކަން ހުއްދަކުރަން އުޅުމާއި ރާއްޖޭގައި ކްރިސްޓިއަންދީން ފަތުރަން އުޅުގެން ޑިޕޯޓްކޮށްފައިވާ ބަޔަކު ރައީސް އޮފީސް ތެރެއަށް ވެއްދުމާއި ޖީއެމްއާރަށް އެއަރޕޯޓްދިނުމާއި އަދި މިހާރު އެމްޑީއެން އިން ކީރިތި ޤުރްއާނާއި ނަބިއްޔާއާއިބެހޭގޮތުން ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާއިމެދު ރައްޔިތުންގެ މަޖިލީހުގައި ނަޝީދު ދެއްކެވި ވާހަކަފުޅާއި ބިރަކާއިނުލާ މަޖާކުރާން ޒުވާނުންނަށް ތިބެވޭނެ ނާދީއެއް ހަދަން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ހުށަހެޅުން އޭނާ ހެކިތަކަކަށް ދެއްކެވިއެވެ.

ޢަބްދުއްލަޠީފް ވިދާޅުވީ މަޖިލިސްގެ ރައީސް ސަރުކާރުތެރެއަށްވަދެ ކުރާނެހާކަމެއް ކުރަމުންދާއިރު އެއްވެސް ބާރެއް ނެތް ބޭފުޅެއްގެ ގޮތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުންނަވާތީ ހައިރާންވެސް ވެލައްވާކަމަށެވެ. ނަޝީދު ކުރައްވާކަމަކީ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކޯލިޝަން ސަރުކާރު ރޫޅާލުންކަމަށާއި މިނިސްޓަރުންވަކިކުރަމުންގޮސް ޢިމްރާނުވެސް އަދި ވަކިކުރާނެކަމަށް ވިދާޅުވިއެވެ.

ކަޅުބެ ޢަބްދުއްލަޠީފުގެ ހަޔާތަކީ ސިޔާސީ ވަރުގަދަ ކޮޅިގަނޑުތަކެއް ޖެހިފައިވާ ހަޔާތެކެވެ. އޭނާ މަޖީދިއްޔާގައި ކިޔަވަމުންދަނިކޮށް އިބްރާހީމް ނާސިރު އިގިރޭސިމީޑިއަމަށް ކިޔެވުން ބަދަލުކުރުމަށް މަޖީދިއްޔާ ކްރިސްޓިއަން މީހެއްގެ މައްޗަށް ދޫކޮށްލުމުން އެކަމާ އެންމެ ފުރަތަމަ ހިތްހަމަ ނުޖެހުން ފާޅުކުރެއްވީ އޭނާ އެވެ. އިގިރޭސިމީޑިއަމަށް ބަދަލުކުރަން މަތީ ކްލާސްތަކުގެ ކުދިންވަކިކުރިއިރު އޭނާވެސް ސްކޫލުންވަކިކޮށް ސަރުކާރުގެ ވަޒީފާއަކަށް ލެއްވިއެވެ. ކްރިސްޓިއަނެއްގެ އަތްމައްޗަށް މަޖީދިއްޔާގެކުދިން ދޫކޮށްލުން އެއީ އެހާ ރަނގަޅުކަމެއް ނޫންކަމަށް އޭނާ ބުނެވުނު ވާހަކައެއް ނާސިރާއިހަމައަށްގޮސް ޢަބްދުއްލަޠީފް އެންމެ ޒުވާން އުމުރުގައި ރާއްޖެތެރޭގެ ރަށަކަށް އަރުވައިލިއެވެ.

މައުމޫނަށް ބައިއަތު ހިފުމާއި އަދި ދެކޮޅަށް ނުކުތުން

އޭނާ ވިދާޅުވީ އެބަންދުގެ މުއްދަތު ފިލުމުން މާލެގެނެސް ގޭގައި ހިމޭނުން ހުންނަވަނިކޮށް މައުމޫން ޢަބްދުލްޤައްޔޫމް މިސްރުން ކިޔަވާ ވިދާޅުވެގެން އައިސް ސަރުކާރުގައި އުޅެމުން، މިސްރުން މައުމޫން ހޯއްދަވާފައިވާ ޢިލްމުގެ އަލީގައި ރާބުއިމާއި ރާވިއްކުމާއި އެއިން ލިބޭ ތަކެތި އިސްލާމްދީނުގައި ހުއްދަނުވާނެކަމަށް މައުމޫން ވިދާޅުވެގެން ބަންދުކުރިއެވެ. މައުމޫން އަރުވާލުމުގެ ކުރިން ގޭގައި ބަންދުކޮށްފައި ހުންނަވަނިކޮށް މައުމޫނަށް އޭނާ ސިޓީއެއް ލިއުއްވިއެވެ. އެސިޓީ ބައްލަވާލައްވާފައި މައުމޫން އޭނާ ގެންދަވައިގެން ބައްދަލުކުރެއްވިއެވެ.

" އަޅުގަނޑު ދެންނެވިން މައުމޫނަށް ތިބޭފުޅުން ހިއްވަރުކުރައްވާށޭ. ތިހެންދިމާވުމުން ރާއްޖެދޫކޮށްލައްވާފައި ވަޑައިގެންފާނެތޯ އެއްސެވުމުން މައުމޫން ވިދާޅުވި ނޫނެކޭ. އަޅުގަނޑު މައުމޫނަށް ފުރަތަމަ ބައިއަތުހިފީ"

ނާސިރުގެ ވެރިކަން ނިމި މައުމޫންގެ ވެރިކަން ފެށިގެން ދުވަސްކޮޅެއްވީތަނާ މާލެއަށް ކައިރިއަށް އުރުނު މުދާއުފުލާ ވިކްޓްރީ ބޯޓުން ގެނެސްފައިހުރި ރާފުޅިތަކެއް ރިސޯޓްތަކުގެ މެދުގައި ނީލަންކިޔަން އިޢުލާންކުރުމުން ޢަބްދުއްލަޠީފް ދެކޮޅަށް ނުކުތެވެ. ސަރުކާރުގެ ވަރަށް ގިނަ ވެރިންނާއިގުޅައި ނީލަންކިޔާދުވަހު އެތަނަށް މުޒާހަރާކުރަން ނުކުންނާނެކަމަށް ބުނެ ކޮޅުކޮޅަށް ހިގަންފެށުމުން އެކަން ހުއްޓާލިއެވެ. މައުމޫންގެ ވެރިކަމުގެ ދެވަނަ ދައުރު ނިމުނުއިރު ނާސިރުގެ ވެރިކަމުގައި ގޯސްވެގެން އުޅުނުކަންކަން ހުރީ ފެށިފައެވެ. އޭނާ ސިޔާސީ މަސައްކަތް ބޮޑަށް ފަށްޓަވައިގަތީ އެހިސާބުންނެވެ. މައުމޫންގެ ވެރިކަމުގެ ފަހުކޮޅުގައި އޭނާ ދެތިން ފަހަރެއްގެ މަތިން ދޫނިދޫގައި ބަންދުކުރިއެވެ. ކޮންމެ ފަހަރަކުވެސް މަސްދުވަހު ހުންނަންޖެހުނެވެ. އެމްޑީޕީގެ ސިޔާސީ މަސައްކަތުގައި އޭނާ ބައިވެރިވީ ކޮންމެހެން ނަޝީދު ވެރިކަމަށް ހޮވަންވެގެން ނޫންކަމަށާއި ބޭނުންވީ މައުމޫން ވައްޓާލުންކަމަށް ވިދާޅުވިއެވެ.

އެއްދުވަސްވަރެއްގައި މައުމޫންއާއި ޚިލާފުވި ބައެއް ދީނީ ޢިލްމުވެރިން ފުލުސްއޮފީހަށް ގެންގޮސް އެމީހުންގެ ތުބުޅި ގަދަކަމުން ބާލުވައި މިކަހަލަ ކަންތައްތަކެއް ހިނގިއެވެ. ޢަބްދުއްލަޠީފުގެ ތުބުޅި ބާލަންވެސް ފުލުހުންގެ ބޭކަލުންތަކެއް އައެވެ. އެމީހުންނާއި ދީނީ ވާހަކަތަކެއް ދެއްކެވުމުން އޭނާގެ ތުބުޅީގައި އަތްނުލައި ފުލުހުންދޫކޮށްލިއެވެ. އެދުވަސްވަރު ބައެއް އަންހެން ބޭކަނބަލުން މޫނުބުރުގާ އަޅަންފެށުމުން އެކަމަކީ އޭނާ ނަސޭހަތްދީގެން ކުރުވާކަމެއްކަމަށް ހަދަންވެސް އުޅުނެވެ. އެކަމަކު މޫނުބުރުގާ އަޅަންފެށީ އޭނާ ބުނުއްވައިގެން ނޫންކަމަށް ފުލުސްއޮފީހަށް ހާޒިރުކުރި އަންހެން ބޭކަނބަލުން ބުނުއްވައިގެން އެކަން ނިމުނެވެ. ރާއްޖޭގައި ދީނީ ތަޢުލީމުގެ ބިންގާއެޅިގެން ދިޔައިރުގައި އޭނާ ކުޅުއްވި ރޯލާއި އަދި ވަރަށް ގިނަ ކުދިން ރާއްޖޭން ބޭރުން ދީނީ ތަޢުލީމު ހާސިލުކުރުމަށް މަގުތަނަވަސްކޮށްދެވުނުކަމުގެ ހިތްހަމަޖެހުން ޢަބްދުއްލަޠީފް ފާޅުކުރެއްވިއެވެ.

މައުމޫންގެ ވެރިކަމުގައި އެންމެފަހުން ފުލުސް އޮފީހަށް އޭނާ ހާޒިރުކުރެވުނީ ކޮމިޝަނަރ އާދަމް ޒާހިރުގެ ކުރިފުޅު މައްޗަށެވެ.

" އާދަމް ޒާހިރު ގާތު އަޅުގަނޑުބުނިން މައުމޫނަށް ދަންނަވާށޭ ވެރިކަމުން ފައިބާށޭ. އެހެންނޫނީ ހަށިކޮޅުގެ ކަށިތައްވެސް ވީތަނެއް ނޭގޭވަރުވެދާނެއޭ. އަޅުގަނޑެއް ނުކުރާނަމޭ. އެކަންކުރާނީ މައުމޫން، ނަރަކަ އެއީ އޮންނަތަނެއް ކަން ދަސްކޮށްނުދީ ބޮޑުކުރި ކުދިންނޭ. ދެން އާދަމް ޒާހިރު ވިދާޅުވީ ކަލޭމެން ވެރިކަމަށް ގެންނަން ތިއުޅޭ ނަޝީދަކީ މާރަނގަޅުމީހެއްހޭ. އަޅުގަނޑުބުނިން އެއްގޮތަކަށްވެސް ރަނގަޅު މީހަކަށްވެގެންނެއްނޫނޭ. އެއީ ކިހިނެތް އުޅޭ މީހެއްކަން އެނގެއޭ. އެކަމަކު މައުމޫން ވެރިކަމުން ދުރުކުރުވާށޭ ބޭނުމަކީ."

ފެބްރުއަރީ ހަތެއްނޫން އަސްލު ބަޣާވާތަކީ އޭގެފަހުން ކުރިކަންތައް

ޢަބްދުއްލަޠީފް ގަބޫލުކުރައްވާގޮތުގައި ފެބްރުއަރީ ހަތެއްގައި މުޙައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާދިން ދިނުން އެއީ ބަޣާވާތަކުން ހިނގިކަމެއް ނޫނެވެ. ނަޝީދު އަމިއްލަފުޅަށް ކުރެއްވި ކަންތައްތަކެއްގެ ސަބަބުން ވެރިކަމުން ވަކިވާހިސާބަށްދިޔައީއެވެ. ބަޣާވާތެއްކަމަށް އޭނާ ވިދާޅުވަނީ ޤާނޫން އަސާސީގައިވާގޮތަށް އޭރު ހުންނެވި ނާއިބް ރައީސް ވެރިކަމާއި ހަވާލުވުމުން އެވެރިކަން ވަށްޓާލުމަށް އެމްޑީޕީން ހިންގި ހަރަކާތްތަކެވެ. ރާއްޖޭގައި ވެރިކަން ވަށްޓާލުމަށް ހިންގާފައިވާ ބަޣާވާތްތަކުގެ ސިފަ އެމްޑީޕީގެ ހަރަކާތުން އޭނާ ދައްކަވައެވެ.

ރައީސް މުޙައްމަދު ވަޙީދުގެ ކުރު ވެރިކަމާއިމެދު ވިދާޅުވީ އެކުރުމުއްދަތުގައި ކުރެއްވި ވެރިކަން ގޯސްނޫންކަމަށެވެ. ދީނީކަންކަން ދީނީޢިލްމުވެރިން ކުރިއަށް ގެންދަވަން ދޫކޮށްލައްވާފައި އޮތް އޮތުމާއި ޖީއެމްއާރް އަތުން އެއަރޕޯޓް އަތުލި އަތުލުން ވަޙީދު ކުރެއްވި ވަރަށް ރަނގަޅުކަންކަމުގެ ގޮތުގައި ސިފަކުރެއްވިއެވެ. ޖީއެމްއާރަށް އެއަރޕޯޓްދޫކޮށްލެވިފައި އޮތްނަމަ އެއަރޕޯޓްގައި އިންޑިއާގެ މުދާތަކުން ފުރައި ދިވެހިން އެތަނަށް ވިޔަފާރިކުރަންދާންޖެހި، ރާއްޖެ އަންނަ ބޭރުގެ އެއަލައިންތަކަށް ދަތިކޮށް ފަތުރުވެރިން ރާއްޖެއައުމަށް ހުރަސްއަޅައި ދިވެހިންނަށް ރިސޯޓްތައް ނުހިންގިގެން އިންޑިއާގެ ވިޔަފާރިވެރިންނަށް ވިއްކާލައި ދިވެހިން ހިތަށްވެސް ނާރާމަގުތަކުން ރާއްޖޭގެ ވިޔަފާރިތައް ބަގްރޫޓްކޮށް ދިވެހިންގެ މައްޗަށް އެމީހުން ގަދަވީސްކަމަށް ޢަބްދުއްލަޠީފް ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމާއިމެދު ވިދާޅުވީ ކަންތައްތަކެއް ކުރައްވާފައި ދީނީ ކަންކަމުގައި ހުރަސްތައް ކުރިމަތިކުރައްވައި ނޫޅުއްވިޔަސް އަދީބާއި ގުޅިގެން ކުރެއްވީ ވަރަށް ގޯސްކަންތައްތަކެއް ކަމަށެވެ. ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ފަޅުރަށްތައް އޭނާގެ ރަށްޓެހިންނަށާއި މީސްމީހުންނަށް އެއްވެސް އަގަކާއި ނުލައި ބަހައިލީއެވެ. ޔާމީންގެ ވެރިކަމުގައި ރަށްތައް ވިއްކާލައި އެއިންލިބުނު ލާރީގައި ޖެހިގަތީއެވެ. މަޖިލިސްގެ މެންބަރުންގެ މައްޗަށް އަނިޔާވެރިކަން އިސްކުރެއްވީކަމަށް ވިދާޅުވިއެވެ.

މިހާރު ވަކިމީހަކު ބުނާހާގޮތަކަށް ކަންތައް ނުކުރައްވާނެކަމަށާއި ކޯލިޝަން ދަމަހައްޓަވާނެކަމަށް ވަޢުދުވެވަޑައިގަތް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް އިސްވެވަޑައިގަތުމަށްފަހު ނަޝީދު ބޭނުންފުޅުވާގޮތެއް ޤައުމަށް ހަދަމުންދާއިރު ހިމޭންކަމަތީގައި ހުންނަވާތީ ދެން މިސަރުކާރަކަށްވެސް ކުރެއްވޭނެ އިތުބާރެއް މިހާރު ނެތްކަމަށް ވިދާޅުވެވެނީކަމަށް ޢަބްދުއްލަޠީފް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް