"ތިމަރަފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ލަސްވަނީ ބަޖެޓުގައި ފައިސާ ނެތުމުން"

24 Mar 2021 | 12:05

ތިމަރަފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ފެށުން ލަސްވަނީ ބަޖެޓުގައި ފައިސާ ނެތުމުން ކަމަށް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ތިމަރަފުށީގެ ރަށްގިރުމުގެ މައްސަލަ ޙައްލު ކުރުމަށްޓަކައި، އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ފެށޭނެ އަދި ނިންމޭނެ ތާރީޚަކާއި ގުޅޭގޮތުން އެދާއިރާގެ މެންބަރު ކުރެއްވި ސުވާލަށް ރައްޔިތުންގެ މަޖިލީހުގައި ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ޕްރޮޖެކްޓެއް އެވޯޑް ކުރާ ހިސާބުން ކޮންޓްރެކްޓަރަށް 15 އިންސައްތަ ފައިސާ ދައްކަން ޖެހޭ ކަމަށެވެ.

ތިމަރަފުށީގެ ދެކުނު ފަރާތުގެ އެއާޕޯޓްގެ ހުޅަނގު ކޮޅުން ފެށިގެން ރަށުގެ ހުޅަނގު ކަނާއި ހަމައަށް ގިރުމުގެ މައްސަލަ އެންވަޔަރްމެންޓް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަަމަށާއި، މި މައްސަލަ ޙައްލު ކުރުމަށް ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ކުރުމަށް މިއަހަރުގެ ބަޖެޓްގައި އެއް މިިލިއަން ރުފިޔާ ކަނޑައަޅާފައިވާކަން މިނިސްޓަރު އަސްލަމް ފާހަގަކުރެއްވިއެވެ.

"އެކަން ކުރުމަށްޓަކައި އެބަ ބޭނުންވޭ، މިހާރު އޮތް އެއާޕޯޓުގެ ހުޅަނގުކޮޅުން ފެށިގެން ގޮސް، ރަށުގެ ހުޅަނގު ކަންމައްޗާއި ހަަމައަށް ރިވެޓްމެންޓް ހަދަން ޖެހޭ" ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިިނިސްޓަރު ވިދާޅުވީ މި މަޝްރޫޢު ކުރިއަށްދާނެ ގޮތުގެ ޕްލޭނެއް އެބައޮތް ކަމަށެވެ. އަންނަ މަހު މި މަޝްރޫޢުގެ އީއައިއޭ ހަދާނެ ކަމަށާއި މިކަމަށް ހޭދަވާނީ ދެމަސް ދުވަސް ކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ.

"މިއަހަރު ނިމެންވާއިރަށް، މިއަހަރު ނިމުމުގެ ކުރިން މަޝްރޫއު އެވޯޑް ކުރެވޭނެ. މިހެން ހަދަން ޖެހެނީ ދޮޅު މިލިއަން ރުފިޔާގެ ކޮންޓްރެކްޓެއްގައި ސޮއިކުރާއިރު 15 އިންސައްތަ އެޑްވާންސް ދޭން ޖެހޭ" އަސްލަމް ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް