Advertisement

އިންޑިއާގެ އެހީގައި ފިޔަވަތި އިމާރާތް މަރާމާތުކުރުމުގެ މަޝްރޫޢު ނިމި އެތަން ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފި

24 Mar 2021 | 22:08

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތި އިމާރާތް މަރާމާތުކުރުމުގެ މަޝްރޫޢު ނިމި އެތަން ހުޅުވުމުގެ ރަސްމިއްޔާތު ވަރޗުއަލްކޮށް މިއަދު ބާއްވައިފިއެވެ.

މިމަޝްރޫޢަށް ޚަރަދުކުރެވުނީ އިންޑިއަން ގްރާންޓް އެސިސްޓެންސްގެ ދަށުން 1.9 މިލިއަން ރުފިޔާއެވެ.

މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރް އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ސްޓޭޓް މިނިސްޓަރުން ޢާއިޝަތު ރަޝީދު އަދި ޒިފްލީނާ ޙަސަންއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، އިޖުތިމާޢީ-އިޤްތިޞާދީ ގޮތުން ނާޒުކު ހާލަތުގައި ތިބޭ ކުޑަކުދިންނަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަމާއި، މި މަޝްރޫޢަކީ އަކީ މިދެންނެވި ޒިންމާގެ ތެރެއިން ސަރުކާރުން ހިންގި މަޝްރޫޢެއްކަމަށް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތުގެ ސަލާމަތީ ކަންކަން ހަރުދަނާކުރެވި، އިމާރާތުގައި މިހާރު ބޭނުންކުރާ ފަރުނީޗަރު އާކުރެވި، ކުދިންގެ އާންމު ބޭނުންތަކަށް ބޭނުންކުރާނެ ޖާގަ ތައްޔާރުކުރެވުނެވެ. މި މަޝްރޫޢުގެ ސަބަބުން ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެކުދިން ގަޔާވާ ހިތްފަސޭހަ މާހައުލެއް ޤާއިމުވެގެންދާނެއެވެ.

މި މަޝްރޫޢު ހިންގުނީ ހިލޭ އެހީގެ ގޮތުގައި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް މާޗް 2019 ގައި ދިން 6.9 މިލިއަން ޑޮލަރު (106 މިލިއަން ރުފިޔާ)ގެ އެހީގެދަށުންނެވެ.

Advertisement

ކޮމެންޓް