Advertisement

ހިޔާ މަޝްރޫޢުއިން ފުލުހުންނާއި ސިފައިންގެ ކެޓަގަރީ އުވާލަން މަސައްކަތްކުރާކަމުގެ މަޢުލޫމާތު ލިބިއްޖެ: އާންމުންގެ އެކުވެރި ގުޅުން

25 Mar 2021 | 13:02

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ ހިޔާ މަޝްރޫޢުއިން ފުލުހުންނާއި ސިފައިންނަށް ފުލެޓު ލިބުނު ކެޓަގަރީ އުވާލަން މަސައްކަތްކުރާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް އާންމުންގެ އެކުވެރި ގުޅުން ޖަމުޢިއްޔާއިން ބުނެފިއެވެ.

އެ ޖަމުޢިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ‏ހިޔާ ފުލެޓުން ފުލުހުންނަށް ކަނޑައެޅި 300 ފުލެޓު އަދި ސިފައިންނަށް ޚާއްޞަކުރި 300 ފުލެޓު، ޖުމްލަ 600 ފުލެޓު، ސަރުކާރަށް ނަަގަން ، އެ ދެ ކެޓެގަރީ އުވާލަން މަޝްވަރާ ކުރެވެމުންދާ ވާހަކަ އަދި އެކަމުގެ ކަންބޮޑުވުން، އެޖަމުޢިއްޔާގެ ‏މެންބަރުންގެ ތެރޭގައި ހިމެނޭ ބައެއް ފުލުހުން އަދި ސިފައިން މިއަދު ހިއްސާކޮށްފައިވާކަމަށެވެ.

އާންމުންގެ އެކުވެރި ގުޅުމުން ބުނީ ‏ހިޔާ ފުލެޓާއި ގުޅޭ ގޮތުން ސަރުކާރުން މިހާތަނަށް ކަންތައް ކޮށްފައިވާ ގޮތުން، މިފަދަ ކަމެެއް ކުރަން އުޅޭ ޚަބަރު ލިބުމުން، އެފަދަ ކަމެއް ނުކުރާނޭ ބުނަން ވަރަށް ދަތިކަމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އެ ކެޓެގަރީގައި ހިމެނޭ ފުލުހުންނާއި ސިފައިން ވަރަށް ބޮޑަށް ކަންބޮޑުވެފައިވާކަމަށް ވަނީ ބުނެފައެވެ.

‏އެހެންކަމުން މިކަމުގެ ތެދުދޮގު، މިފަދަ މަޝްވަރާއެއް ކުރިއަށް ދޭތޯ އަދި އެގޮތަށް އެކަން ކޮށްފާނެތޯ ރައްޔިތުންނަށް އަދި ޚާއްޞަކޮށް ފުލުހުންނާއި ސިފައިނަށް ސާފުކޮށް ދެއްވުމަށް ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް އެ ޖަމުޢިއްޔާއިން ވަނީ ގޮވާލާފައެވެ.

"ވޮއިސް" އަށް ފުލުހުންގެ ތެރެއިން މަޢުލޫމާތު ދިން ފުލުހުން ވިދާޅުވިގޮތުގައި 2020 ވަނަ އަހަރު މެދު ތެރޭގައި ވަގުތީ ލިސްޓު ނެރުމަށްފަހު ދާއިމީ ލިސްޓެއް މިހާތަނަށްވެސް ނެރެފައިނުވާކަމަށާއި، މި މައްސަލާގައި ފުލުހުންގެ ފަރާތުން އެއްވެސް މަޢުލޫމާތެއް ދީފައިނުވާކަމަށެވެ.

އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން "ރަށްވެހި" ފަތިހާއި ގުޅިގެން ވަނީ ހިޔާ ފުލެޓާއި ގުޅިގެން ތަފާތު ވާހަކަތައް ދައްކަމުންނެވެ. އެގޮތުން ވަކި އޮފީސްތަކާއި، ވަކި ވަކި ދާއިރާތަކަށް ފުލެޓު ދީފައިވާ މައްސަލާގައި މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ފާޑުވިދާޅުވެފައެވެ. އަދި ލިސްޓަށް ބަދަލުތަކެއް އިތުރަށް އަންނާނެކަމުގެ އިޝާރާތެއް ވަނީ ރައީސް ޞާލިޙުވެސް ކުރައްވާފައިކަން ފާހަގަކޮށްލަންޖެހެއެވެ. 

Advertisement

ކޮމެންޓް

Advertisement