ރެއާލް، ޔުނައިޓެޑް އަދި ޔުވެންޓަސްއަށް ނާކާމިޔާބު ރެޔެއް

13 Dec 2018 | 08:51

ރޭ ޔުއޭފާ ޗެންޕިއަންސް ލީގުގައި ރެއާލް މެޑްރިޑް، މެންޗެސްޓާ ޔުނައިޓެޑް، އަދި ޔުވެންޓަސް ކުޅުނު މެޗުތަކުން ބަލިވެއްޖެއެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު 0-3 ގެ ބޮޑު ތަފާތަކުން ބަލިވީ ސީއެސްކޭއޭ މޮސްކޯ އަތުންނެވެ. ރެއާލްގެ ފުރަތަމަ އެގާރައިގަ ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ނުހިމަނާ ކުޅުނު މި މެޗުގައި ސީއެސްކޭއޭ މޮސްކޯގެ ލަނޑުތައް ޖަހައިދިނީ އެޓީމުގެ ޗާލޯވް، ޝެނިކޯވް އަދި ސިގާޑްސަންއެވެ.

މިއީ ރެއާލްގެ ތާރީހުގައިވެސް އެޓީމުގެ އަމިއްލަ ދަނޑުގައި ޗެންޕިއަންސް ލީގުގައި ވީ އެންމެ ބޮޑު ބައްޔެވެ. މެޗު ނިމިގެން ކުޅުންތެރިން ދަނޑުން ފޭބިއިރު ރެއާލްގެ ސަޕޯޓަރުންވަނީ ވަރަށް ގަދައަށް ހިތްހަމަ ނުޖެހުމުގެ ޝުއޫރުތައް ފާޅު ކޮށްފައެވެ. މި މެޗުން ބަލިވި ކަމުގައިވިޔަސް ރެއާލް އޮތީ ގުރޫޕުގެ އެއްވަނަ ހޯދައި ގަދަ 16 ކަށަވަރު ކޮށްފައެވެ.

ސީއެސްކޭއޭ މޮސްކޯ ރެއާލް ބަލިކުރި ކަމުގައިވިއަސް މި ގުރޫޕުން ޔޫރޯޕާ ލީގަށް ކޮލިފައިވީ 2-1 ކުން ރޯމާ ބަލިކުރި ވިކްޓޯރިއާ ޕްލެޒެންއެވެ. ރެއާލްގެ އިތުރުން ރޯމާވެސް ރޭ ކުޅުނު މެޗަށް ނުކުތީ ޖެހިގެން އޮތް ބުރު ކަށަވަރު ކޮށްގެންނެވެ.

ރޭ ވެލެންސިއާއި ބައްދަލު ކުރި މެޗުން ޔުނައިޓެޑް ބަލިވީ 2-1 ކުންނެވެ.

މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ވެލެންސިއާގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ 17 ވަނަ މިނެޓުގައި ސޯލާއެވެ. ވެލެންސިއާގެ ދެވަނަ ލަނޑަކީ ޔުނައިޓެޑުގެ ޑިފެންޑަރު ޖޯންސް އަތުން ބައިކޮޅަށް ވައިން ލަނޑެކެވެ.

ސްޕެއިން ލީގުގެ 15 ވަނައިގަ އޮތް ވެލެންސިއާ މި މެޗުން މޮޅުވިއިރު ޔުނައިޓެޑް މުޅި މެޗުގައިވެސް ފެނިގެން ގޮސްފައިވަނީ ވަރަށް ވަނދުކޮށެވެ. ޔުނައިޓެޑްގެ ކުޅުން ކިރިޔާވެސް ރަނގަޅުވީ މެޗު ނިމެން ގާތްވެފައިވަނިކޮށް ބަދަލު ކުޅުންތެރިންގެ ގޮތުގައި މާކަސް ރަޝްފޯޑް އަދި ޖެސީ ލިންގާޑް ކުޅެން އެރި ހިސާބުންނެވެ.

ޔުނައިޓެޑުގެ ހަމައެކަނި ލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދިނީވެސް ރަޝްފޯޑެވެ.

މެޗައި ބެހޭގޮތުން ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗް މޮރީނިއޯ ބުނީ ގުރޫޕުގައި ޔުނައިޓެޑް ކުރަންޖެހޭ ކަންތައް އެޓީމުން ކޮށްފި ކަމަށެވެ. އެއީ ޗެންޕިއަންސް ލީގުގެ ގަދަ 16 އަށް ދަތުރުކުރުން ކަމަށައި އެކަން ޔުނައިޓެޑުން ހާސިލް ކޮށްފައިވަނީ އުނދަގޫ ގުރޫޕެއްގައި އޮވެ ކަމަށްވެސް މޮރީނިއޯ ބުންޏެވެ.

މި ގުރޫޕުގައި ކުޅުނު އަނެއް މެޗުން ޔަންގް ބޯއީސްވަނީ އެންމެން ހައިރާން ކޮށްލުމަށްފަހު ޔުވެންޓަސް ބަލިކޮށްލާފައެވެ. މިއީ ގުރޫޕް ސްޓޭޖުގައި އެޓީމު މޮޅުވި ފުރަތަމަ މެޗުކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޔުވެންޓަސްއުން ރޮނާލްޑޯވެސް ހިމެނޭގޮތަށް ވަރުގަދަ ފުރަތަމަ އެގާރައަކައި އެކީ ކުޅެން ނުކުތް މި މެޗުން ބަލިވީ 2-1 ކުންނެވެ. ހޯރައު ޔަންގް ބޯއީސްއަށް ދެ ލަނޑު ޖަހައިދިންއިރު މެޗުގައި ޔުވެންޓަސްގެ ފަރާތުން ފެނުނު ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިބާލާއެވެ.

ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާލާއިރު އަޔެކްސް އަދި ބަޔާން މިއުނިކް ބައްދަލު ކުރި މެޗު ނުމުނީ 3-3 ކުން އެއްވަރު ވެގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ބަޔާންގެ ލަނޑުތައް ޖަހައިދިނީ ލެވަންޑޯސްކީ އަދި ކޯމަންއެވެ. އަޔެސްކްގެ ލަނޑުތައް ޖަހައިދީފއިވަނީ ޓެޑިޗް އަދި ނިކޮލަސްއެވެ. ލެވަންޑޯސްކީ އަދި ޓެޑިޗްވަނީ އެކުޅުންތެރިންގެ ޓީމަށް މެޗުގައި ދެ ލަނޑު ކާމިޔާބު ކޮށްދީފައެވެ. މި މެޗުގައި ފަސް ރީނދޫ ކާޑް އަދި ދެ ރަތް ކާޑުވެސް ފެނިގެން ދިޔައެވެ.

މެންޗެސްޓާ ސިޓީ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. 

Advertisement

ކޮމެންޓް

Advertisement