ޚަޝޯގީގެ މަރު ތަހުގީޤުކުރަމުންދިޔަ އދ.ގެ ސްޕެޝަލް ރެޕޮޓުއަރ މަރުގެ އިންޒާރުދިންކަމަށް އދ.އިން ބުނެފި

27 Mar 2021 | 16:14

ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް އިމާރާތުގައި 2018ވަނަ އަހަރުގައި މަރާލެވުނު ސައުދީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ މައްސަލަ ތަހުގީގުކުރަމުންދިޔަ އދ.ގެ ސްޕެޝަލް ރެޕޮޓުއަރއަކަށް ސައުދީގެ އޮފިޝަލަކު މަރުގެ އިންޒާރުދިންކަމަށް އދ.އިން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ނޫހެއްކަމަށްވާ "ދަ ގާޑިއަން"އަށް އދ.ގެ ސްޕެޝަލް ރެޕޮޓުއަރ އޮން އެކްސްޓްރާ ޖުޑީޝަލް، ސަމަރީ އެންޑް އާބިޓްރީ ކިލިންގްސް، އެގްނެސް ކަލަމާރޑް ދިން އިންޓަރވިއުއެއްގައި ބުނެފައިވާ ގޮތުގައި ސައުދީގެ އޮފިޝަލަކު، އދ.ގެ އިސް އޮފިޝަލުންތަކާއެކު ޖެނީވާގައި ބޭއްވި ބައްދަލުވުމެއްގައި ވަނީ ދެފަހަރެއްގެ މަތިން ކަލަމާރޑަށް ނުސީދާގޮތުން މަރުގެ އިންޒާރުދީފައެވެ. މިކަން މިދިޔަ އަހަރުގެ ޖަނަވަރީ މަހުގައި ކަލަމާރޑްއާ އެކު އދ.ގައި މަސައްކަތްކުރާ ފަރާތްތަކުން އެކަމަނާއަށް އެންގިކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކަލަމާރޑަކީ ޚަޝޯގީގެ މަރުގެ މައްސަލައިގައި އދ.އިން ކުރިއަށްގެންދިޔަ ތަހުގީޤުގައި އިސްކޮށް ހަރަކާތްތެރިވެ، އެ މަރާގުޅޭ ތަފްސީލީ ރިޕޯޓެއް ޝާއިއުކުރެއްވި ފުރަތަމަ ފަރާތެވެ. މިކަމާ ގުޅޭގޮތުން އެކަމަނާއަށް މަރުގެ އިންޒާރެއް އައިކަން އދ.ގެ ފަރާތުންވެސް މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.

ރޮއިޓާސްއަށް މައުލޫމާތުދެއްވަމުން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ތަރުޖަމާނު ރުޕަރޓް ކޮލްވިލް ވިދާޅުވި ގޮތުގައި ސައުދީގެ އޮފިޝަލްގެ އިންޒާރާ ބެހޭ މައުލޫމާތު، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވަނީ ކަލަމާރޑަށް އަންގާފައެވެ. އަދި އެ މައުލޫމާތު އދ.ގެ ސެކިއުރިޓީ އަދި ކަމާބެހޭ އިދާރާތަކަށްވެސް އަންގާފައިވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

2018ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ތުރުކީގެ ވެރިރަށް އިސްތަންބޫލުގައި ހުންނަ ސައުދީގެ ކޮންސިއުލޭޓްގެ ތެރޭގައި ވަނީ ޖަމާލް ޚަޝޯގީ ވަރަށް އަނިޔާވެރިކޮށް މަރާލެވިފައެވެ. އެގޮތުން އޭނާ ނޭވާ ހާސްކޮށް މަރާލައި، ފުރާނަ ނެތް ހަށިގަނޑު ބުރިބުރިކޮށް އަންދާލިކަމަށް ތަހުގީގަށް ސާބިތުވެފައިވާކަމަށް ބައިނަލްއަގްވާމީ މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި އެއަށްފަހު އެ ބައިތައް ސިއްރިއްޔާތުން ކޮންސިއުލޭޓުން ބޭރަށް ނެރެ، ސައުދީ ކޮންސިއުލޭޓް ޖެނެރަލްގެ ގޭގައިވާ ޚާއްސަ އަވަނެއްގައި އަންދާލިކަމަށް ބެލެވޭކަމަށް "އަލްޖަޒީރާ އެރެބިކް"ގެ ތަހުގީގެއްގައި ވަނީ ބުނެފައެވެ.

ސައުދީ ސަރުކާރުން މީގެކުރިން ވަނީ، ޚަޝޯގީ މަރާލީ "ރޯގް އޮޮޕަރޭޝަނެއް"ގެ ތެރެއިން ކަމަށް ބުނެފައެވެ. އަދި އެކަމުގައި ބައެއް ފަރާތްތަކުގެ މައްޗަށް ވަނީ ޝަރީއަތް ހިންގައި ހުކުމްވެސް ކޮށްފައެވެ. ނަމަވެސް މި ފަރާތްތަކަށް ޚަޝޯގީގެ އާއިލާއިން ފަހުން މައާފުކުރި ކަމަށްބުނެ ސައުދީގެ މީޑިޔާތަކުން ވަނީ ޚަބަރު ފަތުރާފައެވެ. 

Advertisement

ކޮމެންޓް