Advertisement

ސިވިލް ސަރވަންޓުންނަށް މިދިނީ ފެނު ކައްކާ ބޮލީގެ އިއްޒަތް؟

28 Mar 2021 | 10:20

ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ވާހަކައަކީ އެމްޑީޕީން އަބަދުވެސް ހަރު އަޑުން ދައްކާ ވާހަކައެކެވެ. ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ މިޙައްޤު އެންމެ ފުރިހަމަ ގޮތުގައި، ކޮންމެ ރައްޔިތަކަށްވެސް ލިބެން ޖެހޭ ކަަމަށް ބުނަމުން އައީ އެމްޑީޕީއެވެ.

މި ޙައްޤުގެ ދިފާއުގައި އެމްޑީޕީން އަޑު އުފުލަމުން އައިނަމަވެސް، ވެރިކަން ކުރުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރު ލިބުމާއެކު، އެޕާޓީގެ "ރާގު" ބަދަލުވެ، ޙައްޤުތަކުގެ މަތީން ހަނދާން ނެތުނީތޯ ބައެއް މީހުން ސުވާލު އުފައްދަން ފަށައިފިއެވެ.

ކުރީ ސަރުކާރުން ރައްޔިތުންނަށް ބިރުދައްކައި، އަނިޔާވެރިވަމުން ދިޔަ ވާހަކަ ދައްކަމުން ދިޔަ ބަޔަކު، މިއަދު ޑިމޮކްރަސީގެ އުސޫލުތައް މަތިން ހަނދާން ނެތުނީތޯވެސް ރައްޔިތުން ސުވާލު އުފައްދަން ފަށައިފިއެވެ. ސަބަބެއް ނެތިއެއް ނޫނެވެ.

އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް މިވަނީ ރައްޔިތުން ތަމްސީލު ކުރާ މަޖިލީހުގައި ބަހުސްކުރައްވަމުން، ދައުލަތް ހިންގުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ސިވިލްސަރވިސް މުވައްޒަފުންނަކީ އެއްވެސް އަގެއް ނެތް މަންމަނުންތަކެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

ސިވިލްސަރވިސްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން، ސިވިލް ސަރވަންޓުން ޖެހޭނީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ކަށްވަޅަށްދާންދެން އަނގަމަޑުން ލައިގެން ހުންނަން ކަމަށް ވިދާޅުވެ، އޭނާ ސިވިލް ސަރވަންޓުންނަށް ދެއްވީ ބިރުވެރި އިންޒާރެކެވެ.

ސަލީމްގެ މިވާހަކަތަކަށް، އެމްޑީޕީން މަޢާފަށް އެދުނެވެ. ސަލީމަށްވުރެވެސް ކުރީންނެވެ. ނަމަވެސް އުފެދޭ ސުވާލަކީ ރައްޔިތުންގެ އިހްސާސްތަކާއި ކުޅެލުމަށްފަހު މަޢާފަށް އެދުމުން ހުރިހާ ކަމެއް ހަނދާން ނައްތާލެވިދާނެތޯއެވެ؟

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޯމަތިވަމުން އައިއިރު، އެމްޑީޕީން ނުކުތީ އެކި ފަންތީގެ ރައްޔިތުންގެ އަތުގައި ހިފައިގެން، އެރައްޔިތުންގެ ޙައްޤު ހޯދައިދޭށެވެ. އޭގެތެރޭގައި 26،000 މުވައްޒަފުން ހިމެނޭ ސިވިލްސަރވަންޓުންވެސް ހިމެނެެއެވެ. އޭރު ބުނަމުން ދިޔައީ ސިވިލް ސަރވަންޓުން ނުކުތީ އިންސާފުގެ މަގު ހޯދުމަށް ކަަމަށެވެ. އޭރު ރީނދޫ ކުލައިގެ ދިދައާއިއެކު ސިވިލް ސަރވަންޓުން ނެރެން މައްސަލައަކަށްނުވިއެވެ.

އޭރު އެމީހުން ނެރުނީ ފްރަންޓްލައިނަށެވެ. ނެރެ، "ފޭސް" ދައްކާލުމަށްފަހު، ވެރިކަން ލިބުމުން ތިޔައީ "ފޭސްލެސް" ބައެކޭ ބުނުމަކީ ވަރަށް ހުދުމުޚްތާރު ސިފައެއްނޫންތޯއެވެ؟ 

Advertisement

ކޮމެންޓް