އެވަރގިވަން ބޯޓު އެންމެފަހުން ފުންކޮށްފި

29 Mar 2021 | 12:31

މިދިޔަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ސުއޭޒް ކެނެލްއަށް އުރިފައި އޮތް އެވަރގިވަން ބޯޓު އެންމެފަހުން ފުންކޮށްފިއެވެ.

200،000 ޓަނުގެ އެވަރގިވަން ބޯޓު ސުއޭޒް ކެނެލަށް އުރުނީ ވައިގަދަވެ، ވެލީގެ ތޫފާނެއް ކުރިމަތިވުމުގެ ސަބަބުން ފެނުން ދަށްވެގެންކަމަށް ބައިނަލްއަގްވާމީ މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ބައެއް މީޑިޔާތަކުން ވަނީ އެ ބޯޓު އުރުނު ވަގުތުގައި ބޯޓުން ކަރަންޓް ކެނޑުނުކަމަށްވެސް ބުނެފައެވެ.

މި ބޯޓު އުރިފައި އޮތް ގޮތުން، ދެފަރާތުންވެސް ވަނީ ސުއޭޒް ކެނެލް ބަންދުވެފައެވެ. މިކަމުގެ ސަބަބުން އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ބޯޓުތަކެއް ތާށިވެ، ޔޫރަޕް/އެމެރިކާއާ އޭޝިޔާއާއި ދެމެދުގައި ހިނގާ ވިޔަފާރިތަކަށް ބޮޑެތި ގެެއްލުންތަކެއް ވެދާނެކަމުގެ ބިރުވެރިކަން އޮތެވެ. ސަަބަބަކީ ސުއޭޒް ކެނެލަކީ ދުނިޔޭގެ ވިޔަފާރީގެ ދަތުރުތަކުގެ މުހިންމު ރާސްތާއަކަށް ވާތީއެވެ.

ސުއޭޒް ކެނެލް އޮތޯރިޓީއާ ހަވާލާދީ ބީބީސީން ބުނެފައިވާ ގޮތުގައި މިހާރު މި ބޯޓު ވަނީ 80%އާ ހަމައަށް މަގަށް އަޅުވާފައެވެ. އަދި ސުއޭޒްގެ އައްސޭރިން ކުރިން އެންމެ ހަތަރު މީޓަރު ދުރުގައި އޮތް ބޯޓުގެ ސްޓާން (ފަހަތުބައި)، މިހާރު 102 މީޓަރު ދުރުކުރެވިފައިވާކަމަށްވެސް ވަނީ ބުނެފައެވެ. މިއާއި އެކު އެ ބޯޓް ކެނެލްގެ އެހެން ސަރަހައްދަކަށް ގެންދެވި، ކުރިއަށް އޮތް ގަޑިތަކުގެ ތެރޭގައި އެ ސަރަހައްދުން އަލުން ދަތުރުފަތުރު ފެށޭނެކަމުގެ އުންމީދުތައް ވަނީ ބޮޑުވެފައެވެ.

މި ބޯޓު ފުންކުރުމުގެ މަސައްކަތް ކޮށްފައިވަނީ ސުއޭޒް ކެނެލް އޮތޯރިޓީ އަދި ނެދަލޭންޑްސްގެ ސްމިތު ސަލްވޭޖް ކުންފުނީގެ ފަރާތުން ގުޅިގެންނެވެ. މި ބޯޓު ފުންކުރުމުގެ މަސައްކަތް މިވަގުތަށް މެދުކަނޑާލާފައި އޮތްނަމަވެސް، ދިޔަވަރު ބޮޑުވުމާ އެކު އެ މަސައްކަތް އަލުން ފަށާނެކަމަށް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement