އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއުތަކަކަށް ބޭނުންވާ ފައިސާގެ ދެވަނަ އިންސްޓޯލްމެންޓް ފޯރުކޮށްދީފި

29 Mar 2021 | 16:16

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރަށްރަށުގައި ހިންގާ މަޝްެރޫއުތަކަކަށް ބޭނުންވާ ފައިސާގެ ދެވަނަ އިންސްޓޯލްމެންޓް ދިވެހިރާއްޖެއަށް ހަވާލުކޮށްފިއެވެ.

ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސް (އެޗް.އައި.ސީ.ޑީ.ޕީ) ސްކީމްގެ ދަށުން ހިންގޭ 11 ގްރާންޓް މަޝްރޫއުއަކަށް ބޭނުންވާ ފަންޑުގެ ދެވަނަ އިންސްޓޯލްމެންޓް ކަމަށްވާ 11،607،994 ރުފިޔާ އިންޑިއާއިން ވަނީ ދިވެހިރާއްޖެއަށް ފޯރުކޮށްދީފައެވެ. މި ފަންޑުގެ ފުރަތަމަ އިންސްޓޯލްމެންޓް ކަމަށްވާ 10،154،198 ރުފިޔާ ހަވާލުކުރެވިފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

އިންޑިއާގެ ހައިކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި އެޗް.އައި.ސީ.ޑީ.ޕީ ތަކާއި ގުޅޭގޮތުން 2019 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައި ސޮއި ކުރެވުނު އެމް.އޯ.ޔޫ ގެ ދަށުން އިޖްތިމާއީ ގޮތުން މުހިންމު 12 މަޝްރޫއު ވަނީ ފާހަގަކުރެވި، ހިންގުމަށް ހަމަޖެހިފައެވެ. މި އެމް.އޯ.ޔޫގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ޓޯޓަލް ގްރާންޓް އެލޮކޭޝަން އަކީ 5.6 މިލިއަން ޑޮލަރު (85 މިލިއަން ރުފިޔާ) އެވެ. އެޗް.އައި.ސީ.ޑީ.ޕީ ތަކަކީ އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައިވާ ތަރައްގީގެ ޑައިނެމިކް ގުޅުމުގެ މުހިންމު އެއް ތަނބެވެ. މި މަޝްރޫއުތަކަކީ ރަށްތަކުގެ ރައްޔިތުންގެ ބޭނުންތަށް ދެނެގަނެ، އެ ބޭނުންތައް ފުއްދުމަށްޓަކައި ފަންޑްކުރެވި، ލޯކަލް ކައިންސިލްތަކާއި މިނިސްޓްރީތަކުގެ ބެލުމުގެ ދަށުން ހިންގޭ މަޝްރޫއުތަކެކެވެ.

އެޗް.އައި.ސީ.ޑީ.ޕީ ސްކީމްގެ ދަށުން މިވަގުތު ދިވެހިރާއްޖޭގައި ކުރިއަށްދާ މަޝްރޫއު ތަކުގެ ތެރޭގައި އައްޑޫ ސިޓީގެ މަރަދޫ، ހިތަދޫ އަދި ހުޅުދޫގައި ގާއިމް ކުރެވޭ 3 މަސް ޕްރޮސެސިން ޕްލާންޓްގެ މަޝްރޫއުއާއި؛ ހަމަ އައްޑޫ ސިޓީގެ ފޭދޫ، މީދޫ، ހިތަދޫ، ހުޅުދޫ އަދި މަރަދޫ ގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ 5 ޓޫރިޒަމް ޒޯންގެ މަޝްރޫއުއާއި؛ ހޯރަފުށީގައި ގާއިމް ކުރެވޭ ފެން ބަންދު ކުރާ ޕްލާންޓްގެ މަޝްރޫއުއާއި؛ އައްޑޫ ސިޓީ ހުޅުދޫގައި ގާއިމްކުރެވޭ ޑްރަގް ޑީޓޮކްސް ސެންޓާރ މަޝްރޫއުއާއި؛ ހަނިމާދޫ އެގްރިކަލްޗަރަލް ރިސާޗް ސެންޓަރުގައި ގާއިމް ކުރެވޭ ސޮއިލް ޓެސްޓިން ލެބް މަޝްރޫއު ހިމެނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފެބްރުއަރީ 2021 ގައި އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ޖެއިޝަންކަރ ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި އެޗް.އައި.ސީ.ޑީ.ޕީ ސްކީމްގެ ދަށުން އިތުރު މަޝްރޫއުއެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ދަށުން ނ.އަތޮޅު ކެނދިކުޅުދޫ މަސް ޕްރޮސެސިން ޕްލާންޓެއް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

ކޮމެންޓް

Advertisement