Advertisement

ރެވެނިޔު ސްޓޭމްޕް ޖެހުން އުވާލުމަށް މަޖިލީހަށް ހުށައަޅައިފި

30 Mar 2021 | 13:26

1970ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުންދާ އެކި ލިޔުންތަކުގައި އެކިއެކި ލިޔުންތަކުގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނު އުވާލުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމެވެ. މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ މިމަހުގެ 24ވަނަ ދުވަހުގައެވެ.

ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނު އުވާލުމުގެ ބިލް ހުށައަޅާ ސަބަބެއްކަމުގައި ބަޔާންކޮށްފައިވަނީ 1970ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުންދާ ޤާނޫނަކަށްވެ، އެ ޤާނޫނުގެ ދަށުން ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ނިޒާމް ހިންގުމަށް ހިނގާ ޚަރަދާއި އަޅާބަލާއިރު އެކަށީގެންވާ އާމްދަނީއެއް ނުލިބުމެވެ. އަދި ރެވެނިޔު ސްޓޭމްޕްގެ ފައިސާއަކީ ދައުލަތުގެ އެކި އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުން ނަގާ ފީތަކާއި އެ ނޫންވެސް ފައިސާގެ ޒަރިއްޔާއިން ހަމަޖެއްސޭނެ އާމްދަނީއެއް ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ރެވެނިޔު ސްޓޭމްޕް ޖަހަން ޖެހުމުގެ ސަބަބުން ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކަށްވެސް އިތުރު ދަތިތަކާ ކުރިމަތިލާންޖެހޭކަމަށް ވަނީ ފާހަގަކޮށްފައެވެ.

މި ބިލަށް ޢަމަލުކުރަން ފަށާނީ، ރައްޔިތުންގެ މަޖިލީހުން ބިލް ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވާ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ހިސާބުންނެވެ. ސަރުކާރުގެ އެކި އިދާރާތަކުން ޚިދުމަތް ހޯދުމުގައި ރެވެނިޔު ސްޓޭމްޕް ޖަހަން ޖެހުމަކީ ގިނަބަޔަކު ޝަކުވާ ކުރާ ކަމެކެވެ. 

Advertisement

ކޮމެންޓް

Advertisement