ވެންޓިލޭޓަރުތަކާއި، އެ ގެންނަން ދިން ފައިސާ އަނބުރާ ލިބޭނެތޯ ސުވާލު ކުރުމުން ނަސީމް ޖަވާބެއް ނުދެއްވި

31 Mar 2021 | 12:27

ދުބާއީގެ ކުންފުންޏަކާއި ހަވާލުކޮށްގެން ދިވެހިރާއްޖެއަށް ގެނައުމަށް ނިންމި ވެންޓިލޭޓަރުތައް ލިބޭނެތޯ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބިލެއްދޫ ދާއިރާގެ މެމްބަރު އަޙްމަދު ހަލީމް ސުވާލު ކުރެއްވުމުން، ހެލްތު މިނިސްޓަރު އަޙްްމަދު ނަސީމަށް އެ ސުވާލުގެ ޖަވާބެއް ނުދެއްވުނެވެ.

ހަލީމް ސުވާލު ކުރެއްވީ، ވެންޓިލޭޓަރަށް ދެއްކި ފައިސާ އަނބުރާ ލިބޭނެތޯއާއި، ވެންޓިލޭޓަރުތައްވެސް ލިބޭނެތޯއެވެ.

އެ ދެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ނަސީމް ވިދާޅުވެފައިވަނީ ވެންޓިލޭޓަރާއި ބެހޭ ހުރިހާ މަޢުލޫމާތެއްވެސް ރައްޔިތުންގެ މަޖިލީހަށް އަރުވާނެ ކަަމަށެވެ.

"ވެންޓިލޭޓަރާއި ބެހޭ ހުރިހާ މަޢުލޫމާތެއް ވަރަށް އިޚުލާސްތެރިކަމާއިއެކުގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވައިދޭނަން. އެއްވެސް އެއްޗެއް އަޅުގަނޑު ފޮރުވާކަށް ނެތިން. އެހެން ހީފުޅުވާ ކަހަލަ ގޮތަކަށް އެބަ ވާހަކަތައްވެސް ދެކެވޭ" ނަސީމް ވިދާޅުވިއެވެ.

ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިން ކުންފުންޏާއި ހަވާލުކޮށްގެން ރާއްޖެއަށް ގެންނަން އުޅުނު 75 ވެންޓިލޭޓަރުގެ ތެރެއިން، މިހާތަަނަށް ލިބިފައިވަނީ އެންމެ 15 ވެންޓިލޭޓަރެވެ. އެ ވެންޓިލޭޓަރުތައް ގެނައުމަށް 30.9 މިލިއަން ރުފިޔާ ދައްކާފާވާއިރު، މި މުޢާމަލާތުގައި ހިންގާފައިވާ ބޮޑު ކޮރަޕްޝަންގައި ސަރުކާރުގެ ގިނަ ބޭފުޅުން ބައިވެރިވި ކަމަށް އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. 

Advertisement

ކޮމެންޓް