ފްލެޓް ދިނުން ލަސްކުރުމަށް މަޖިލީހުގެ ބައެއް މެމްބަރުން މަސައްކަތް ކުރޭ: އާއްމުންގެ އެކުވެރި ގުޅުން

01 Apr 2021 | 19:09

ހިޔާ ފްލެޓްގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރައްޔިތުންގެ ކަންބޮޑުވުންތައް އިހްސާސް ކުރެވުނީ ހެޔޮ ނިޔަތުގައެއް ނޫން ކަމަށް އާއްމުންގެ އެކުވެރި ގުޅުން ޖަމުއިއްޔާއިން ބުނެފިއެވެ.

އާއްމުންގެ އެކުވެރި ގުޅުން ޖަމުއިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ހިޔާ ފްލެޓްގެ މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް އެންމެ ބޮޑަށް މަސައްކަތް ކުރީ އެޖަމިއްޔާއިން ކަމަށާއި، އެމަސައްކަތްތައް ކޮތަރު ކޮށީގެ ނަމުގައި ނުރަސްމީކޮށްވެސް ކުރެވުނު ކަމަށެވެ.

އެގޮތުން ދެފަހަރެއްގެ މަތިން އޭސީސީއަށް ގޮސް، ދިރިިއުޅުމުގެ ހާލަތަށް ޕޮއިންޓްދޭ ގޮތް ހޯދައި، ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ހޯދިކަން ފާހަގަކުރިއެވެ.

"އެންމެ ދަތި ހާލުގައި އުޅޭ ވަކިވަކި މީހުންގެ ކޭސްތައް ބަލާނެ ވަކި އޮނިގަނޑެއްވެސް ވަނީ އެކުލަވާލާފައެވެ." އެ ބަޔާނުގައިވެއެވެ.

އާއްމުންގެ އެކުވެރި ގުޅުން ޖަމުއިއްޔާއިން ބުނީ، މިހުރިހާ ކަމެއް ހިނގިއިރުވެސް، ރައްޔިތުންގެ މަޖިލީހުގެ މަދު މެމްބަރަކު ފިޔަވައި، އިތުރު މެމްބަރެއްގެ ސަމާލުކަން އެ މައްސަލައަށް ލިބިފައިނުވާ ކަމަށެވެ.

ނަމަވެސް ފްލެޓް ލިބުނު މީހުންގެ ލިސްޓު ނެރުމުން، އެތައް ބަޔަކު އެ ލިސްޓާއިމެދު ކަންބޮޑުވުންފާޅު ކުރުމުން އެކަމާމެދު އެއްވެސް ވަރަކަށް އަޅާނުލި ބަޔަކަށް ކުއްލިއަކަށް ފްލެޓްތައް ފެނި، އެވާހަކަ ދައްކަނީ ހެޔޮ ނިޔަތުގައި ނޫން ކަމަށް އެޖަމުއިއްޔާއިން ވަނީ ބުނެފައެވެ.

ރޯދައިގެ ކުރިން އާއްމުންނަށް ފްލެޓަށް ވަދެވޭނެވަރު ކުރުމަށް ވަރަށް ދަތި އުނދަގުލުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ރައްޔިތުންނާއި ގުޅިގެން ކުރިއިރު، މަޖިލީހުގެ މެމްބަރުން ކުރިހާވެސް ކަމަކީ ފްލެޓަށް ވަންނަން ހަފްތާއަކަށް ވެފައިވަނިކޮށް، އެކަން ލަސްކުރުމަށް މަސައްކަތް ކުރުން ކަމަށް އެޖަމުއިއްޔާއިން ބުނެއެވެ.

"އެކަން ލަސް ކުރުމަށް މަޖިލީހުގެ މެމްބަރުން ކުރަމުންދާ މަސައްކަތް ހަރު އަޑުން ކުށްވެރި ކުރަމެވެ" ބަޔާނުގައިވެއެވެ. 

Advertisement

ކޮމެންޓް

Advertisement