Advertisement

ދެވަނަ ޑޯޒް ފުރަތަމަ ދޭނީ ފެބްރުއަރީ 1އިން 4އަށް ވެކްސިން ޖަހާފައިވާ މީހުންނަށް

03 Apr 2021 | 09:46

ކޮވިޑް-19އިން ދިފާޢުވުމަށް ވެކްސިން ޖެހުމަށް ރާއްޖޭގައި ހިންގަމުންދާ ޤައުމީ ހަރަކާތުގައި ފުރަތަމަ ބެޗުގައި ކޮވިޝީލްޑް ވެކްސިންޖެހި މީހުންނަށް ދެވަނަ ޑޯޒް ޖަހަން މާދަމާ ތައްޔާރުވަމުން އަންނައިރު، ދެވަނަ ޑޯޒް ދޭނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ހަތަރުވަނަ ދުވަހާއި ހަމައަށް ވެކްސިން ޖެހި މީހުންނަށް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީ އިން ވިދާޅުވީ، ދެވަނަ ޑޯޒް ދިނުން ކުރިއަށް ދާނީ ސޯޝަލް ސެންޓަރާއި ނެޝެނަލް އާޓް ގެލެރީ އާއި ހުޅުމާލެ ފްލޫ ކްލިނިކް އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ކަމަށެވެ. އެގޮތުން ވެކްސިން ޖަހަން އަންނައިރު ވެކްސިން ކާޑާއެކު އައިޑީކާޑު ނުވަތަ ޕާސްޕޯޓް ނުވަތަ ލައިސަންސް ކާޑު ގެނައުމަށް އެޗްއީއޯސީއިން ވަނީ އިލްތިމާސްކޮށްފައެވެ. ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު ދިހައަކުން މެންދުރުފަހު ތިނެއް ޖެހުމާއި ހަމައަށެވެ.

ކޮވިޝީލްޑް ވެކްސިން އިމަޖެންސީގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ޑަބްލިޔުއެޗްއޯއިން ވަނީ ދީފައެވެ.

ކޮވިޝީލްޑަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ވެކްސިން އުފައްދާ ކުންފުނިކަމަށްވާ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއާއި ހަވާލުކޮށްގެން އޮކްސްފޯޑް-އެސްޓްރަޒެނެކާއިން އުފައްދާ ހަމަ އެފަރާތްތަކުގެ ކޮވިޑް ވެކްސިނެކެވެ. އެސްޓްރަޒެނެކާއިން ވަނީ ކުދި އަދި މެދުފަންތީގެ ޤައުމުތަކަށް އަމާޒުކޮށްގެން އެއް ބިލިޔަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭން ސީރަމް އިންސްޓިޓިއުޓާއި އެކު ލައިސަންސިންގ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ކޮވިޝީލްޑް ވެކްސިންގައި ހިމެނެނީ 0.5 މިލިލީޓަރުގެ ދެ ޑޯޒެވެ. މި ވެކްސިނަކީ އާންމުގޮތެއްގައިވެސް ވެކްސިންތައް ރައްކާކުރާ އުސޫލުން ރައްކާކޮށް، ގިނަ ވެގެން ހަ މަސް ވަންދެން ބެހެއްޓޭނެފަދަ ވެކްސިނެކެވެ. ރާއްޖޭގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭން ނިންމާފައިވަނީ ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފުތާ ފަހުންނެވެ.

Advertisement

ކޮމެންޓް