Advertisement

ރޯދަމަސް ފެށުމަށް ބާކީ އޮތީ ކުޑަ ދުވަސްކޮޅެއް، އެމަހަށް ތައްޔާރުވީތަ؟

03 Apr 2021 | 11:56

ބަރަކާތްތެރި ރަމަޟާން މަސް ފެށެން މިވަނީ މަދު ދުވަސްކޮޅަކަށް ވެފައެވެ. މިއީ އަޅުކަމުގެ މައްސަރެއްގެ އިތުރުން، ދިވެހިންގެ އާންމު ދިރިއުޅުމުގެ ކަންކަމަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަ މަހެކެވެ. އެގޮތުން ގިނަބަޔަކަށް ރޯދަމަހަކީ މުޅި ގޭގެ ހިފާ ގެންގުޅޭ ސާމާނު އެއްކޮށް ބަދަލުކުރާ ދުވަސްވަރެވެ. ރޯދަމަހާއި ދިމާކޮށް ގޭތެރެ ތަރުތީބު ކުރުމުގެ އާދައަކީ ޒަމާނުއްސުރެ ދިވެހިންގެ ގެންގުޅޭ އާދައެކެވެ. 

ރޯދައަށް ތައްޔާރުވުމުގެ ގޮތުން ރަށްރަށުގައި ނަމަ މި އޮންނަނީ ގޭތެރެއަށް ދޮންވެލި ލުމާއި، ފުރާޅު ސާފު ކުރުމާއި އުނދޯލިތައް ދޮވުމާއި މުޅި ގޭތެރެ އާއި ތަޅުން ވެސް ފެންޖަހައިގެން ދޮވުމެވެ. ރޯދައަށް ތައްޔާރުވުމަށް ހަވާދާއި އަސާރައެޅުމުގެ މަސައްކަތާއި ރަށްރަށުން ނުލިބޭ ތަކެތި އެހެން ރަށަކުން ހޯދައި ތައްޔާރުވެއެވެ. ބަދިގެ ރީތިކުރުމާއި މުޅި ގެއަށް ބޭނުންވާ ފަރުނީޗަރު ބަދަލުކުރުންވެސް ރޯދައަށް ތައްޔާރުވުމުގެ ގޮތުން ކުރެއެވެ. ދިވެހިންގެ ތެރޭގައި މި ގޮތަށް އަމަލުކުރުން މިހާރުވެސް އެބައޮތެވެ.

ރޯދަމަހަށް ބޭނުންވާ ތަކެތި ގަތުން އާންމުގޮތެއްގައި އޮންނަނީ ރޯދަ އިނާޔަތާއި އެކުގައިވީ ނަމަވެސް މިހާރުވެސް މި މަސައްކަތް ބައެއް ގޭގޭގައި ފަށާފައިވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މީގެ އިތުރުންވެސް ރޯދައަށް ބޭނުންވާ ހަވާދު ހެދުމާއި، ހާރުކެއުމަށް ރަށްރަށުން ހާއްސަކޮށް ހޯދާ ރިހާކުރުފުޅިތަކާއި އަސާރައިގެ އޯޑަރުތައް ވެސް ރޯދައާއި ގާތްވުމުން ކުރިއެކޭ އެއްގޮތަށް މިހާރުވެސް އޮވެއެވެ.

ރޯދަމަހަށް ގޭތެރެ ހަމައަކަށް އެޅުވުމަކީ މުޅި އާއިލާއަށް ހިތްހަމަޖެހުން ގެންނާނެ ކަމެކެވެ. ސާފުކޮށް ތަރުތީބު ކުރުމުން މީހާއަށް ހިތްހަމަޖެހުން ގެނެސްދެއެވެ. ގޭތެރޭ ހަމައަކަށް އަޅުވާ ނިމުމަށްފަހު ރޯދަމަހަށް މަރުހަބާ ކިއުމަށް ދެން ގުނަމުން މިދަނީ މާހެފުމުގެ ދުވަސްތަކެވެ.

ރޯދަމަހަށް ފުރިހަމައަށް މަރުހަބާ ކިޔުމުގެ ގޮތުން އާއިލާއާއި ރައްޓެހިން އަދި އޮފީސް މީހުންނާއި އެކު ވަރުގަދަ މާހެފުމެއް ބާއްވާލުމަކީ ގިނަބަޔަކު ކުރާ ކަމެކެވެ. މާހެފުމަށް އަދިވެސް ބޮޑަށް ދިވެހިންގެ ތެރޭގައި ހިނގަނީ ދިވެހިވަންތަ ކެއުމެވެ. ދިވެހި ރަހަތަކާއިއެކު މާހެފުމެއް ގޭގައި ނުވަތަ އޮފީހުގައި ބާއްވާ ނުލާ ރޯދަމަސް ފުރިހަމައެއް ނުވެއެވެ. ކުރިން މި މާހެފުންތަކުގައި ގޭގައި ހަދާފައި ހުންނަ ތަކެއްޗާއި އެކު އާއިލާއާއި ހުރިހާ ރައްޓެހިންނާއި އެކު މާހެފި ކަމުގައިވިއަސް މިފަހަކަށް އައިސް ހޮޓާ ކެފޭތަކުން މިކަމަށް ތައްޔާރު ކުރާ ހާއްސަ މެނޫތައް ފާހަގަކޮށްލެވެއެވެ.

ރޯދަމަހަކީ އަހަރުމެން އެންމެންވެސް ބަދިގެއާއި ވަރަށް ރަށްޓެހި ދުވަސްވަރު ކަމަށް ވާއިރު ރޯދަވީއްލާ ގަޑިއަށް ކާއެއްޗެހި ތައްޔާރުކުރުމުގައި އަންހެންވެރިން އުޅެނީ ބަދިގެ ތެރޭގައި އަވަދިނެތިއެވެ. ރޯދަވީއްލުމަށް އެކި ޒާތްޒާތުގެ ކާއެއްޗެހި ރޯދަ ވީއްލާ ގަޑީގައި ގޭގެ ސުފުރާމަތިން ފެންނަން ހުރެއެވެ.

Advertisement

ކޮމެންޓް