އިޒްރޭލާއެކު ގުޅުން ޤާއިމުކުރުމަކީ މެދުއިރުމައްޗަށް ގިނަ ފައިދާތަކެއް ކުރާނެ ކަމެއް: ސައުދީގެ ޚާރިޖީ ވަޒީރު

03 Apr 2021 | 12:39

ސައުދީ އަރަބިއްޔާގެ ފަރާތުން އިޒްރޭލާއެކު ގުޅުންތައް ޤާއިމުކުރުމަކީ އެކަމުގެ ސަބަބުން މެދުއިރުމަތީގެ ސަރަހައްދަށް ގިނަ ފައިދާތަކެއް ކުރާނެފަދަ ކަމެއްކަމަށް ސައުދީގެ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާން އަލް ސައުދު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ސީއެންއެންއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އަމީރު ފައިސަލް ވިދާޅުވީ މެދުއިރުމަތީގައި އިޒްރޭލާމެދު ދެކޭގޮތް ރަނގަަޅުވެގެން ދިއުމަކީ، މުޅި އެ ސަރަޙައްދަށްވެސް ގިނަ ގޮތްގޮތުން ފައިދާކުރާނެކަމެއް ކަމަށެވެ. އެގޮތުން އިޤުތިޞާދީ، އިޖުތިމާޢީ އަދި ސަލާމަތީ ރޮނގުތަކުން މަންފާތަކެއް ލިބިގެންދާނެކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި އިރާނަކީ އިޒްރޭލް އަދި ސައުދީ އަރަބިއްޔާއިންވެސް ހަތުރެއްކަމުގައި ދެކި، އެޤައުމުގެ ސަބަބުން ސަރަޙައްދީ ސަލާމަތާއި ސުލްހަ މަސަލަސްކަމަށް ނުރައްކާތެރިކަން އޮތްކަމަށް ބުނާ ޤައުމެކެވެ.

އިޒްރޭލާއެކު ސައުދީން އަވަސް މުސްތަޤުބަލެއްގައި ރަސްމީގޮތުން ގުޅުންތައް ޤާއިމުކުރާނެކަމުގެ ވާހަކަތައް މިދިޔަ އަހަރުގެ ތެރޭގައި ވަރަށް ގަދަޔަށް ވަނީ ދެކެވިފައެވެ. ނަމަވެސް މެދުއިރުމަތީގެ ސުލްޙައިގެ މަސައްކަތަށް ހުރަސް އެޅޭނަމަ އެފަދަކަމެއް ސައުދީން ނުކުރާނެކަމަށް އެޤައުމުން މީގެކުރިން ވަނީ ބުނެފައެވެ.

ސީއެންއެންއަށް ދެއްވި ބަސްދީގަތުމުގައިވެސް ފައިސަލް ވަނީ މިކަން ތަކުރާރުކުރައްވާފައެވެ. އެބޭފުޅާ ވިދާޅުވީ ސައުދީ އަރަބިއްޔާ އަދި އިޒްރޭލާއި ދެމެދު އަވަސް މުސްތަޤުބަލެއްގައި ރަސްމީކޮށް ގުޅުންތައް ޤާއިމުވާނެކަން އެނގިވަޑައި ނުގަންނަވާކަމަށާއި، އެކަން ބަރޯސާވަނީ ސުލްހައިގެ މަސައްކަތުގައި ހޯދޭ ކާމިޔާބީތަކުގެ މައްޗަށް ކަމަށެވެ. އަދި "އަރަބް ޕީސް ޕްލޭން"ގެ ދަށުން 2002ވަނަ އަހަރުން ފެށިގެން ދެޤައުމުން ސުލްޙަވެެރިވުމުގެ ވިސްނުން އެބައޮތް ކަމަށާއި، އޭގެ ކުރިންވެސް 1982ވަނަ އަހަރުގައި ސައުދީން ހުށައެޅި ފޭޒް އިނީޝިއޭޓިވްގެ ދަށުންވެސް އެކަން އޮންނާނެ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. ފޭޒްގެ ދަށުން ސައުދީ އަރަބިއްޔާއިން ޝަރުތުކޮށްފައިވާ ގޮތުގައި ފަލަސްތީނުގެ މައްސަލަ ޙައްލުވުމުން، ސައުދީ އަރަބިއްޔާއިން އިޒްރޭލާއެކު ފުރިހަމައަށް ގުޅުންތައް ޤާއިމުކުރާނެއެވެ.

ޚާރިޖީ ވަޒީރު ފައިސަލް އިތުރަށް ވިދާޅުވިގޮތުގައި މެދުއިރުމަތީގެ ސުލްޙައިގެ މައްސަލަ ރަނގަޅުވާނީ ފަލަސްތީނުގެ މައްސަލައަށް ޙައްލެއް ހޯދައި، 1967 ވަނަ އަހަރުގައި ކަނޑައެޅުނު ބޯޑަރުތަކުގެ ބައްޗަށް ބިނާވެގެންވާ ދައުލަތެއް ފަލަސްތީނަށް ފޯރުކޮށްދެވިގެންނެވެ. އަދި އެކަމަށް މަގެއް ހޯދިއްޖެނަމަ، މިހާރަށްވުރެ މާ ސުލްޙަވެރި އަދި ކުރިއަރާފައިވާ ސަރަޙައްދަކަށް މެދުއިރުމަތި ހެދޭނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މިދިޔަ އަހަރުން ތެރޭގައި އެމެރިކާގެ އިސްނެގުމުގެ ދަށުން މެދުއިރުމަތީގެ ބައެއް ޤައުމުތަކުން ވަނީ އިޒްރޭލާއި އެކު ރަސްމީ ގުޅުންތައް ޤާއިމުކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement