އޯޓިޒަމް އަދި އޭޑީއެޗްޑީގެ ސަބަބުން ބާކީނުކޮށްލާ!

03 Apr 2021 | 16:58

އަތުގެ ފަސް އިނގިލިވެސް ހުންނަނީ ފަސްވަރަށެވެ"، މިއީ ވަރަށް ގިނައިން ދިވެހިން ބުނެއުޅޭ އެއްޗެކެވެ. މުޖުތަމަޢުއެއްގެ ތެރޭގައި އެންމެން އެއްގޮތް ނުވާނެކަން ބަޔާންކޮށްދިނުމުގެ ގޮތުންނެވެ. ނަމަވެސް އަދިވެސް ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އެންމެންނަކީ އެއްގޮތް ބައެއް ކަމަށެވެ. އެންމެންގެ އުޅުމާއި ދިރިއުޅުން ހުންނާނީ އެއްގޮތް ގޮތަކަށް ކަމަށެވެ. ނަމަވެސް ދުނިޔޭގެ ޙަޤީޤަތަކީ، މި ދުނިޔެއަކީ އެފަދަ "ޔޫޓޯޕިއާ"އެއް ނޫންކަމެވެ. 

ދިވެހިރާއްޖޭގެ އަދި ދުނިޔޭގެ ވަރަށްވެސް ގިނަ ޤައުމުތަކުގެ ތަަޢުލީމީ ނިޒާމު ބިނާވެފައިވާ ގޮތުން، އެ ނިޒާމު ބޮޑަށް ސިފަވަނީ 18ވަނަ ގަރުނުގެ ޔޫރަޕުގެ ފެކްޓްރީއެއް ފަދައިންނެވެ. އެ ފެކްޓްރީން އުފައްދަން ވާނީ ހުރިހާ ގޮތަކުންވެސް އެއްގޮތް އަދި އެންމެ މޮޅު ކޮލެޓީގެ އުފެއްދުންތަކެވެ. ދެރަ އުފެއްދުމެއްކަން ޝައްކުކުރެވޭ ހިސާބުންވެސް ޖެހޭނީ ރަސްމީ ބާޒާރަށް ނުނެރެ އެއްލާލާށެވެ. ނުވަތަ ކަޅު ބާޒާރަށް ވިއްކާލާށެވެ.

މި އުސޫލުން އަދިވެސް ގިނަބަޔަކަށް ވިސްނިފައި އޮންނަނީ ހުރިހާ ދަރިވަރުންނަކީ މިހާރުގެ ތަަޢުލީމީ ނިޒާމުގެ އޮނިގަނޑުގެ ތެރެއިން އުނގެނިއްޖެނަމަ "ފުރިހަމަ އަޚުލާޤެއް" ލިބި، ޢިލްމީ ގޮތްތަކުން "މޮޅު" ބަޔަކަށް ވާން ޖެހޭނެކަމަށެވެ. އެހެނަސް މަތީގައި ބަޔާންކޮށްފައި އެވާ ފުރިހަމަ އަަޚްލާޤާއި ތަަޢުލީމީގޮތުން މޮޅުވުމަކީ ކޮބައިކަންވެސް މާކުރިން އޮންނަނީ ކަނޑައަޅާފައެވެ.

އެގޮތަށް ނުފެތޭނަމަ އެ ދަރިވަރަކީ ބަސްނާހާ ނުކިޔަވާ، މަޑުން ނުހުރެވޭ ކުރިއެރުމެއް ނެތް ކުއްޖެއްގެ ގޮތުގައި ލޭބަލް ކުރެއެވެ. ނަތީޖާއެއްގެ ގޮތުން އެ ނިޒާމުގެ ތެރެއިން ކުއްޖާއަށް އެކަށީގެންވާ ސަމާލުކަމެއް ނުދީ، ބާކީކުރެވެއެވެ. ޢާއިލާ އަދި ސްކޫލު މާހައުލުން އެކަށީގެންވާ މިންވަރަށް އަޅާލުމާއި އެއްބާރުލުން އެއްވެސް ކުއްޖަކަށް ނުދެވޭނަމަ، އެ ކުއްޖާގެ މުސްތަޤުބަލުގެ ކުރިއެރުމަށް ހުރަސްއެޅިގެން ދިއުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ.

ސްކޫލެއްގެ ކުލާސްރޫމަކަށް ނަޒަރު ހިންގާލައިފިނަމަ ފެންނާނީ އެކި މިޒާޖުގެ އެކި ކުދިންނެވެ. ހުރިހާ ކުދިންނަކީ އެއްކަލަ "ޓިޕިކަލް" ބަސްއަހާ މޮޅު ކިޔަވާ ކުއްޖަކަށް ނުވާނެއެވެ. ބައެއް ކުދިންނަކީ އެހާ ގިނައިރުވަންދެން އެއްކަމަކަށް ސަމާލުކަންދޭން ދަތިވާ ކުދިންނެވެ. އަނެއްބައި ކުދިންނަކީ އަބަދުވެސް އެހާ މަޑުމައިތިރިކޮށް ތިބޭނެފަދަ ކުދިންނެއް ނޫނެވެ. ޙަޤީޤަތުގައި ބައެއް ފަހަރަށް އެއީ އެފަދަ ކުދިން ގަސްތުގައި ކުރާ ކަންކަމެއް ނޫނެވެ. ނަމަވެސް ވަރަށް ގިނަ ފަހަރަށް އެފަދައިން ޢަމަލުކުރާ ކޮންމެ ކުއްޖަކީ ބަސްނާހާ އަދި ކުރިއެރުމުގެ އެއްވެސް އުންމީދެއް ނެތް ކުއްޖެއްގެ ގޮތުގައި ޢާއިލާ އަދި ތަަޢުލީމީ ނިޒާމުގެ ތެރެއިން ބައެއް ފަރާތްތަކުން ކަނޑައަޅައި ނިންމައެވެ. އަނެއް ފަހަރަށް އެހެން ދިމާވަނީ ރޫހާނީ ކަމެއްގެ ސަބަަބުންކަމަށް ކަނޑައަޅާތަންވެސް ދިމާވެއެވެ.

ކުރިންވެސް ފާހަގަކުރެވުނު ފަދައިން، ހުރިހާ ދަރިވަރުންނަކީ އެއްގޮތް ދަރިވަރުންނެއް ނޫނެވެ. ކަމުގެ ޙަޤީޤަތަށް ނަޒަރު ހިންގާލައިފިނަމަ، ދަރިވަރަކު އެފަދައިން ޢަމަލުކުރުމުގެ ފަހަތުގައި ސަބަބުތަކެއްވެސް ހުރެދާނެއެވެ. އެގޮތުން އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ނުވަތަ އެޓަންޝަން ޑެފިސިޓް ހައިޕަރ އެކްޓިވިޓީ ޑިސްއޯޑަރފަދަ ކަމެއް، ކުއްޖާގެ ކިބައިގައި ހުރުމަކީ ބައެއް ފަހަރަށް ދިމާވެދާނެކަމެކެވެ. އޭއެސްޑީ ނުވަތަ އޭޑީއެޗްޑީގެ ސަބަބުން އެހެން ކުދިންނެކޭ އެއްގޮތަށް ތަޢުލީމު ހާސިލުކުރުމަށް ދަތިތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މިފަދަ ކުދިންނަށްވެސް މުޖުތަމަޢު އަދި ތަޢުލީމީ ނިޒާމުން ދޭންވާ އަޅާލުމާއި ފަރުވާތައް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

ނަމަވެސް ގިނަ ފަހަރަށް ކަންހިނގަމުންދާ ގޮތް ވަރަށް ތަފާތެވެ. އޯޓިޒަމް ނުވަތަ އޭޑީއެޗްޑީގެ ކަންތައްތައް ކުއްޖާގެ ކިބައިން ފެނުނަސް، އެއީ އެކަމާއި މެދު ސަމާލުވާންޖެހޭ ކަމަކަށް ނަހަދައެވެ. އެއީ ކުއްޖާ ހަލަނިވުމާއި ކިޔެވުމަށް ދަށްވުންކަމަށްބުނެ ނިންމާލައެވެ. އަދި އެ ހާލަތަށް ޑައިގްނޯޒް ވެގެންދިޔަ ނަމަވެސް، ބައެއް ފަހަރަށް ތަޢުލީމީ ނިޒާމުން މިފަދަ ކުދިން ބާކީކޮށްލައެވެ. ބައެއް ފަހަރަށް ކޮންމެވެސް ލޭބަލެއް އަޅުވާފައެވެ. އަނެއް ފަހަރަށް އެކަށީގެންވާ ވަސީލަތްތައް ނެތްކަމަށް ބުނެއެވެ.

މުޖުތަމަޢުގައި އެކި މީހުން ތަފާތުވާނެ ކަމަށާއި، ފަސް އިނގިލި ފަސްވަރުވާނެކަމަށް ބުނެ ނިންމާލެވޭކަށް ނެތެވެ. އޯޓިޒަމް އަދި އޭޑީއެޗްޑީފަދަ ކަންކަމަށް ޅަ އުމުރުން ފަށައިގެން ފަރުވާ ހޯދޭނެ ގޮތްތައް އެންމެންނަށް ފަހިކޮށްދޭން ޖެހެއެވެ. ތަޢުލީމީ ނިޒާމުން އެފަދަ ކަންކަމަށް އަހުލުވެރިވާން ޖެހެއެވެ. އޯޓިޒަމް އަދި އޭޑީއެޗްޑީއަކީ ކުދިން ބާކީކުރެވޭ ސަބަބަކަށް ހަދައިގެން ނުވާނެއެވެ! 

Advertisement

ކޮމެންޓް