އިންޑޮނޭޝިއާގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކެއް ހިނގައި 44 މީހަކު މަރުވެއްޖެ

04 Apr 2021 | 17:44

އިންޑޮނޭޝިއާގެ އެންމެ އިރުމަތިން އޮންނަ ފްލޮރެސް އައިލެންޑުގައި ބޯކޮށް ވާރޭވެހި، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކެއް ހިނގައި އެތައް ބަޔަކު މަރުވެއްޖެއެވެ.

ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ފްލޮރެސްއަށް ބޯކޮށް ވާރޭވެހި، ގިނަ ސަރައްހައްދުތަކެއްގައި ފެންބޮޑުވެފައިވާއިރު ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައްވެސް ދަނީ ހިނގަމުންނެވެ. އެގޮތުން މިފަދަ ހާދިސާތަކުގައި، މިހާތަަނަށް 44 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާއިރު، 9 މީހަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި ހާދިސާތަކުގައި މަރުވާ މީހުންގެ އަދަދު އިތުރު ވުމަކީ އެކަށީގެންވާ ކަމެކެވެ. ރެސްކިޔު އޮފިޝަލުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، މަރުވެފައިވާ މީހުންގެ އިތުރު ހަށިތަކެއް ފެނިދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

މިދިޔަ ޖެނުއަރީމަހުގައި އިންޑޮނޭޝިއާގެ ހުޅަނގު ޖާވާގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި 11 މީހަކު މަރުވިއެވެ. އެގައުމުގެ ޑިޒާސްޓަރ އެޖެންސީއިން ހާމަކުރާ ގޮތުގައި، އެގައުމުގެ އާބާދީގެ 125 މިލިއަނެއްހާ މީހުން ދިރިއުޅެނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހިނގާ އެކި ހާދިސާތަކުގެ ނުރައްކާ ބޮޑު ސަރަހައްދުތަކުގައެވެ. 

Advertisement

ކޮމެންޓް