ކޮވިޑްގެ ބިރާއި ހެދި ޓޯކިޔޯ އޮލިމްޕިކްސްގައި ބައިވެރިނުވާން އުތުރު ކޮރެޔާއިން ނިންމައިފި

06 Apr 2021 | 16:11

ކޮވިޑް-19ގެ އާލަމީ ވަބާގެ ބިރުވެރިކަމާއި ހެދި، މިއަހަރު ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި ބޭއްވުމަށް ރާވަމުންދާ އޮލިމްޕިކްސްގައި ބައިވެރިނުވާން އުތުރު ކޮރެޔާއިން ނިންމައިފިއެވެ.

އުތުރު ކޮރެޔާގެ ކުޅިވަރާއިބެހޭ މިނިސްޓްރީން ހިންގާ ވެބްސައިޓެއްގައި އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މިއަހަރުގެ އޮލިމްޕިކްސްގައި ބައިވެރިނުވާން އެޤައުމުން ނިންމާފައިވަނީ ކޮވިޑްގެ ނުރައްކަލުން އުތުރު ކޮރެޔާގެ އެތްލީޓުން ރައްކާތެރިކުރުމަށެވެ. އުތުރު ކޮރެޔާއިން ވަނީ ކޮވިޑްގެ އާލަމީ ވަބާ ފެތުރެން ފެށުމާއި އެކު އެޤައުމުގެ ބޯޑަރުތައް ބަންދުކޮށް، ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެޤައުމުން މިހާތަނަށް އެއްވެސް ކޮވިޑް ކޭހެއް ރިޕޯޓްކޮށްފައި ނުވާއިރު، އެކަމުގެ ތެދު ދޮގެއް ކަށަވަރު ކުރެވިފައެއް ނުވެއެވެ.

ދުނިޔެއާއި ވަރަށް ބޮޑަށް އެކަހެރިގޮތެއްގައި އޮންނަ އުތުރު ކޮރެޔާއާއި ދުނިޔެއާއި ދެމެދުގައި އޮންނަ މަދު ގުޅުންތަކުގެ ތެރެއިން އެންމެ މުހިންމު އަދި ދުވަސްވީ ގުޅުމަކީ އެކި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުމެވެ. މިއާއި އެކު، އޮލިމްޕިކްސްގައި ބައިވެރިނުވާން އުތުރު ކޮރެޔާގެ މި ނިންމުމަކީ ދެކޮރެޔާގެ ސުލްހައިގެ މަސައްކަތަކަށްވެސް ލިބިގެންދިޔަ މަޑުޖެހުމެއްކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދެކުނު ކޮރެޔާގެ ރައީސް މޫން-ޖެއި އިން ވަނީ ޓޯކިޔޯ އޮލިމްޕިކްސްގައި ދެކޮރެޔާއިން ގުޅިގެން ވާދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި ދެ ކޮރެޔާއިން ގުޅިގެން 2032ގެ އޮލިމްޕިކްސް ބޭއްވުމަށް ޖޮއިންޓް ބިޑެއް ހުށައެޅުމަށްވެސް މީގެކުރިން ވަނީ އެއްބަސްވެފައެވެ.

2018ވަނަ އަހަރުގައި ދެކުނު ކޮރެޔާގެ ޕްޔޮންގޗަންގގައި އޮތް ވިންޓަރ އޮލިމްޕިކްސްގައި ދެކޮރެޔާގެ އެތްލީޓުން ބައިވެރިވެފައިވަނީ ގުޅިފައިވާ ކޮރެޔާއެއް ރަމްޒުކޮށްދޭ ދިދައެއްގެ ދަށުންނެވެ. އަދި ދެޤައުމުން ގުޅިގެން ވަނީ އަންހެނުންގެ އައިސް ހޮކީ ޓީމެއްވެސް ނެރެފައެވެ. މިއީ ދެކުނު ކޮރެޔާގެ ވެރިރަށް ސޯލްގައި 1988ވަނަ އަހަރު އޮތް އޮލިމްޕިކްސް ބޮއިކޮޓް ކުރިފަހުން، އުތުރު ކޮރެޔާއިން ބައިވެރި ނުވާ ފުރަތަމަ އޮލިމްޕިކްސްއެވެ.

Advertisement

ކޮމެންޓް