ދެ ސުޕަރޕަވަރުގެ ހަނގުރާމައިގެ އަދަބު ކެނެޑާއަށް

16 Dec 2018 | 10:47

އެންމެ ފުރަތަމަ ކެނެޑާއަށް ވިޔަފާރީގެ މައްސަލައެއްގައި ހަމަލާއެއްދިނީ އެމެރިކާއިންނެވެ. އެއަށްފަހު ސައޫދީ އަރަބިއްޔާއިންވަނީ އެގައުމުގެ ދާޚިލީ ކަންކަމުގެތެރެއަށް ކެނެޑާ ވަންނަމުންދާކަމަށް ތުހުމަތުކޮށް އެގައުމާ ދެކޮޅަށް ފިޔަވަޅު އަޅާފައެވެ. މިހާރު ޗައިނާއެވެ. ޗައިނާގެ ޓެލެކޮމް އެގްޒެކްޓިވް އެއްކަމުގައިވާ ވާވެއިގެ ޗީފް އެމެރިކާގެ ރިކްއެސްޓަކަށް އޮޓާވާއިން ހައްޔަރުކުރުމުން އޭގެ ބަދަލުގައި ކެނެޑާގެ ދެވިޔަފާރިވެރިޔަކު ޗައިނާއިންވަނީ ހައްޔަރުކޮށްފައެވެ. ކެނެޑާމިއަދުވަނީ ދުނިޔޭގެ ދެ ސުޕަޕަވަރގެ މެދުގައި ތާށިވެ އަދަބު ލިބޭގައުމަށްވެފައެވެ. ޒަމާންވީ އަވަށްޓެރި ރަހުމަތްތެރިޔާ އެމެރިކާގެ އެހީގެ އަތެއް ދިއްކޮށްލުމެއްނެތިއެވެ.

" އަހަރެމެން މިއަދުވަނީ އެކަނިވެރިވެފަ. މިފަދައިން އަހަރެމެން އެކަނިވެރިވި ދުވަހެއް ނާދޭ. އަހަރެމެންގެ ސީރިއަސް އެއްވެސް ބައިވެރިއެއް މިއަދަކު ނެތް" ކެނެޑާގެ ހިސްޓޯރިއަންއެއްކަމުގައިވާ ރޮބަޓް ބޮތުވެލް ބުންޏެވެ.

ވާވެއިގެ ޗީފް ކެނެޑާގައި ހައްޔަރުކުރުމާއި ވިދިގެން ޗައިނާގައި ކުރިން ޑިޕްލޮމެޓެއްގެ ގޮތުގައި ހަރަކާތްތެރިވި ކެނެޑާގެ މައިކަލް ކޯރިންގއާއި ވިޔަފާރިވެރިޔާ މައިކަލް ސްޕޭވަރ ޗައިނާގައި ވަނީ ހައްޔަރުކޮށްފައެވެ.

ވޭވެއިގެ ޗީފް ހައްޔަރުކުރުމާހަމައަށް ކެނެޑާއާއި ޗައިނާއަކީ ގާތްގުޅުންތަކެއް އޮންނަ ދެގައުމެވެ. އެގުޅުން އުފެއްދީ ކެނެޑާގެ މިހާރުގެ ބޮޑުވަޒީރުގެ ބައްޕައެވެ. އޭނާވަނީ 1970 ގެ އަހަރުތަކުގެތެރޭގައި އެއްޗައިނާގެ ސިޔާސަތު ކެނެޑާއިން ގަބޫލުކުރާކަން ހާމަކޮށްފައެވެ. އެއަށްފަހު އެމެރިކާ ފިޔަވައި ކެނެޑާގެ އެންމެ ބޮޑު ވިޔަފާރި ޕާޓްނަރަކަށް ޗައިނާ ވެފައި ވެއެވެ. ޗައިނާގެ ބޮޑެތި އިންވެސްޓްމަންޓްތައް ވެންކޫވަރގައާއި ޓޮރޮންޓޯގައި ހިގައެވެ. އަދި ކެނެޑާގައި ކިޔަވާ ބޭރުގެ ކިޔަވާކުދިންގެ ތިން ބައިކުޅަ އެއްބަޔަކީ ޗައިނާ ކުދިންކަމުގައިވެސް އޮތީ ވެފައެވެ. އެމެރިކާގެ މައްޗަށް ވިޔަފާރީގައި ކެނެޑާ ބަރޯސާވެފައި އޮތް އޮތުން ނިމުމަކށްގެންނަން ކެނެޑާގެ ބޮޑުވަޒީރު ގެންދެވީ ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމަށް މަސައްކަތްކުރަމުންނެވެ. ވާވެއިގެ ޗީފް ކެނެޑާއިން ހައްޔަރުކުރުމާއެކު އެހުރިހައިކަމެއް ވަޔަށް އަރައިގެން ހިގައިދާނެކަމަށް ކެނެޑާއަށް މިހާރުވަނީ ބިރުހީވެފައެވެ.

މިއަހަރުގެ ޖޫންމަހުގެތެރޭގައި އެމެރިކާއާއި ކެނެޑާއާއި ދެމެދުވެސް ވިޔަފާރީގެ މައްސަލައެއްޖެހި ކެނެޑާއަށް އަދަބުދެވިދާނެކަމަށް އެމެރިކާގެ ރައީސް ވިދާޅުވެފައިވެއެވެ. ކެނެޑާގެ ބޮޑުވަޒީރަކީ އިހްތިރާމްކުރެވޭވަރުގެ މީހެއް ނޫންކަމަށް ޓްރަމްޕް ވިދާޅުވުމުން ކެނެޑާއަށް ހައިރާންކަން ލިބިފައިވެއެވެ. ޓަރަމްޕް ވިދާޅުވެފައިވަނީ ކުރިން ދެގައުމުގެ ދެމެދުގައި ކަންހިގާފައިވާގޮތަށް ކޮންމެހެންމިހާރު ގެންދަން ނުޖެހޭކަމަށެވެ.

އޯގަސްޓްމަހު ސައޫދީ އަރަބިއްޔާއިންވެސް ވަނީ ކެނެޑާގެ މޫނުމަތީގައި އެތިފަހަރެއް އަޅާފައެވެ. ސައޫދީގެ ދާޚިލީކަންކަމުގެތެރެއަށް ވަންނަކަމަށް ތުހުމަތުކޮށް ސައޫދީގައިހުރި ކެނެޑާގެ އެމްބެސެޑަރ ބޭރުކޮށް ކެނެޑާގައި ހުރި ސައޫދީ އެމްބެސެޑަރ އެބުރި ގައުމަށް ގެނެސް ކެނެޑާގައި ކިޔަވަންތިބި ސައޫދީ ރައްޔިތުން އެގައުމުން ގެންގޮސްފައެވެ. އަދި ވިޔަފާރީގެ ރޮނގުންވެސް ގުޅުންތައް ދަށްކޮށްފައެވެ. މިފިޔަވަޅުތައް އެޅިއިރު ހުޅަނގުގެ އެއްވެސް ގައުމަކުން ކެނެޑާއަށް ތާއީދުކޮށް އެއްޗެއް ބުނެފައެއްނުވެއެވެ. އަދި ޗައިނާއާ މިޖެހިގެން އުޅޭ މައްސަލާގައިވެސް ކެނެޑާއަށް ތާއީދުކުރުމުގެ ބަހެއް އެމެރިކާ، އިގިރޭސިވިލާތް އޮސްޓްރޭލިޔާ، ފްރާންސްފަދަ ރަހުމަތްތެރި ބާރުގަދަ ގައުމުތަކުން ބުނެފައެއް ނުވެއެވެ.

އެނަލިސްޓުންބުނާގޮތުގައި ޗައިނާގެ ވަރުގަދަ ފިއްތުންތަކާއި ކެނެޑާއަށް މިކުރިމަތިލާންޖެހުނީ އެގައުމުގެ މަސްލަހަތަށްވުރެ އެމެރިކާގެ މަސްލަހަތާއި ގުޅިފައިވާ ކަމެއްގައި ކެނެޑާއަށް އެޅުނު ފިޔަވަޅަކުންނެވެ. 

Advertisement

ކޮމެންޓް