ހިޔާ ފުލެޓުތަކުގެ ގުރުއަތުނެގުން މިމަހުގެ 8ވަނަ ދުވަހުގައި ފަށަނީ

06 Apr 2021 | 21:22


ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފުލެޓުތަކުގެ 6720 ފްލެޓް ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުމުގެ މަސައްކަތް މިމަހުގެ 8 ވަނަ ދުވަހުގައި ފެށުމަށް ނިންމައިފިއެވެ.

އެޗްޑީސީން ބުނީ ހިޔާ ފުލެޓު ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެން، ވަކި ފުލެޓުތައް ލިބެނީ ކޮން ފަރާތަކަށްތޯ ކަނޑައެޅުމުގެ މަސަައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެކުންފުންޏަށް ކަމަށެވެ. އެގޮތުން މި ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ގުރުއަތުލުމުގެ މަސައްކަތް ފެށުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.

އެގޮތުން އެންމެ ފުރަތަމަ ގުރުއަތުލާނީ އެޗް10 ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީންނެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ހެނދުނު 9 އިން ފެށިގެން އެ ކެޓަގަރީގެ އެންމެންގެ ގުރުއަތު ނަގައި ނިމެންދެން ގުރުނެގުން ކުރިއަށްދާނެއެވެ. ގުރުއަތު ނަގާނީ ފުލެޓު ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އައިޑީކާޑު ނަންބަރުގެ ތަރުތީބުންނެވެ.

ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށްދާއިރު، ޕީއެސްއެމް މެދުވެރިކޮށް ގުރުނެގުން ލައިވްކޮށް ދައްކާނެއެވެ. އަދި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ގުރުނަގާ ހޯލުގައި އޮބްޒާވަރުން ބައިވެރިވުމުގެ ފުރުޞަތުވެސް ދެވޭނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement