ބޮޑުވަޒީރުކަމުގެ ހުވާ ރަނިލް އަލުން ކުރައްވައިފި

16 Dec 2018 | 11:07

މަސްދުވަހުގެ ސިޔާސީ ހަމަނުޖެހުމަށްފަހު، ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމުގެ ހުވާ ޔޫއެންޕީގެ ލީޑަރ ރަނިލް ވިކްރަމަސިންހަ އަލުން ކުރައްވައިފިއެވެ.

ރަނިލް މަގާމުގެ ހުވާ ކުރައްވާފައިވަނީ ދާދި ދެންމެއަކު ލަންކާގެ ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ބޮޑުވަޒީރުކަމުގެ މަގާމާއި ރަނިލް އަލުން ހަވާލުވެ ވަޑައިގަންނަވާފައިވަނީ އިއްޔެގެ ވަގުތެއްގައި އެމަގާމުން، ރައީސް ސިރިސޭނާ އައްޔަންކުރެއްވި ބޭފުޅާކަމުގައިވާ މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 26ވަނަ ދުވަހު، ބޮޑުވަޒީރުކަމުގެ މަގާމުން ރަނިލް ދުރުކޮށްފައިވަނީ ރައީސް ސިރިސޭނާއާއި މެދު ޚިޔާލު ތަފާތުވުމުގެ މައްސަލަތަކެއް ހުރިކަމަށްބުނެއެވެ. ނަމަވެސް ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަންކުރެވުނު މަހިންދަ ރާޖަޕަކްސައަށް ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ނުލިބި، ސިރިސޭނާ ވަނީ ގާނޫނު ހަދާ މަޖިލިސް އުވާލުމަށްވެސް މަސައްކަތްކޮށްފައެވެ.

ނަމަވެސް ރައީސް ސިރިސޭނާގެ މި އަމަލަކީ ޣައިރުގާނޫނީ އަމަލެއްކަމަށް ސްރީލަންކާގެ ސުޕްރީމް ކޯޓުން ވަނީ ދާދިފަހުން ކަނޑައަޅާފައެވެ. އެހެންކަމުން، ގައުމުގެ ސުލްހަމަސަލަސްކަމަށްޓަކައި ކަމަށްބުނެ މަހިންދަ ރާޖަޕަކްސަ، ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާދެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ރައީސް މައިތިރިޕާލާ ސިރިސޭނާވަނީ، ބޮޑުވަޒީރުކަމުގެ މަގާމަށް ރަނިލް އަނބުރާ އަތުވެއްޖެނަމަ އެންމެ ގަޑިއިރަކުވެސް، ރައީސްކަމުގެ މަގާމުގައި ނުހުންނަވާނެކަމަށް ވިދާޅުވެފައެވެ.


Advertisement

ކޮމެންޓް