ކުޅިބައި ރަނގަޅަށް އަތުރާލައިފި، ދެން އޮތީ ބޮނދު ބުޑަށް ސައިނުކިޔާނެގޮތް ހެދުން!

07 Apr 2021 | 14:08

މާނަވީ ޑިމޮކްރަސީއެއްގެ އެންމެ ވަރުގަދަ އަސާސަކީ ރައްޔިތުންގެ ބައިވެރިވުމެވެ. ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ވެރިކަމުގެ ނިޒާމެއް ޤާއިމުކުރެވި، ވެރިކަން ކުރަމުންދަނީ ސީދާ ރައްޔިތުން ހިތްއެދޭ ބަޔަކަށްވުމެވެ. އެއީ ޤައުމެއް، ޝަަހަރެއް އަދި ކުޑަ އަވަށެއް ކަމުގައިވިޔަސްމެއެވެ. ގްރީކް އަސްލު ހިމެނޭ ބަހެއްކަމަށްވާ ޑިމޮކްރަސީއަށް ހަމައެކަނި ބަލާލުމުންވެސް އެކަން އެނގޭނެއެވެ.

އެބަސް ބިނާވެފައިވަނީ ދެ ލަފުޒެއްގެ މައްޗަށެވެ. ޑިމޯސް ނުވަތަ މީހުން އަދި ކްރާޓޯސް ނުވަތަ ވެރިކަމުގެ މައްޗަށެވެ.

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައިވެސް މިކަން ގޮތަކަށް ލިޔެވިފައި އެބައޮތެވެ. 2008ވަނަ އަހަރުގައި ތަސްދީޤުކޮށް ޢަމަލުކުރެވެމުންދާ ފެހި ޤާނޫނު އަސާސީގެ 1 ވަނަ ބާބުގެ 4ވަނަ މާއްދާގައިވާ ގޮތުގައި ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައެވެ. ޑިމޮކްރަޓިކް ވެއްޓެއްގެ ތެރެއިން ރައްޔިތުންގެ ބާރުވެރިކަން ދައްކާލައި، ވެރިކަންކުރުމުގެ ކަންތައްތަކަށް ބަދަލު ގެނައުމަށް ބޭނުންކުރެވޭ އެންމެ ބޮޑު ޓޫލަކަށް ވެފައިވަނީ ވޯޓެވެ. ވޯޓުގެ ނިޒާމަށް އެކި ކަހަލަ ނުފޫޒު ވަދެ އެކަންތައް ކިލަނބުވެފައިވާ ނަމަވެސް، ވޯޓަކީ ކަންކަމާމެދު ރައްޔިތުންގެ ވިސްނުން ދައްކުވައިދޭން ފުރިހަމަ ގޮތެކެވެ.

މީގެ ދެތިން ދުވަސް ފަހުން، އެޕްރީލް މަހުގެ 10ވަނަ ދުވަހު ދިވެހިންނާއި ބައްދަލުކުރާނީ އިންތިޚާބެކެވެ. ރަށްތަކާއި، އަތޮޅުތައް އަދި ސިޓީތައް ލާމަރުކަޒީ ނިޒާމެއްގެ ދަށުން ހިންގުމަށް ހޮވަންޖެހޭ ރައްޔިތުންގެ މަންދޫބުންތައް ހޮވުމަށް ބޭއްވޭ މި ބޮޑު އިންތިޚާބުގެ ވަގުތު ކުޑަތަންވެފައިވާއިރު، ކެމްޕެއިނާއި އިންތިޚާބުގެ ވާދަވެރި ފޯރި ވަނީ އިންތިހާއަށް ގަދަވެފައެވެ.

ސިޔާސީ ނިޒާމެއްގައި އަބަދުވެސް ކޮންމެވެސް އެއްބަޔަކަށް ފައިދާތަކެއް އޮންނާނެއެވެ. މިސާލަކަށް ކައުންސިލް އިންތިޚާބާއި ކުރިމަތިލާއިރު، އޭރެއްގައި ވެރިކަމުގައި އޮންނަ ސަރުކާރަކަށް އޮންނާނެ އެންމެ ބޮޑު ފައިދާއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކެވެ. މިސާލެއްގެ ގޮތުން އެފަދަ ކުންފުނިތަކުން އިންތިޚާބާއި ދިމާކޮށް ރާސްލާފައި ހުއްޓި ވަޅުޖެހިފައިވާ މަޝްރޫޢުތަކުގައި ފުލުފުލުން ސޮއިކޮށް، އެކަންކަން ފެއްޓިދާނެއެވެ. ނަމަވެސް ހަމައެކަނި އެފަދައިން ޢަމަލުކޮށްގެން އިންތިޚާބުގެ މެޖޯރިޓީ ލިބޭނެކަމަށް ވިސްނުމަކީ ކުށްހީއެއްކަމަށް ދެންނެވިދާނެއެވެ. އެއީ 2017ވަނަ އަހަރުގެ ކައުންސިލް އިންތިޚާބަށް އޭރުގެ ރައީސް ޔާމީންގެ ފަރާތްޕުޅުންވެސް އެފަދަ މަސައްކަތްތައް ކުރެއްވި ނަމަވެސް، އާންމުންނާއި ސަރުކާރާއި ދެމެދު އޮތް ނުތަނަވަސްކަމުގެ ސަބަބުން ޕީޕީއެމްއިން ބަލިވީއެވެ. އެހެނަސް އެފަދަ ޕްރޮޖެކްޓްތަކުގެ ކަޑަތައް ޖެހުމަކީ ވޯޓު ހޯދަން މޮޅު ގޮތެއްކަމަށްވެސް ބުނެވިދާނެއެވެ.

ސަރުކާރާއި އާންމުންނާއި ދެމެދުގައި ނުތަނަވަސްކަމާއި ހިތްހަމަނުޖެހުން މިފަހަރުވެސް އެބައޮތެވެ. ކޮވިޑް-19ގެ ނުރައްކާ އިންތިހާ ދަރަޖައަކަށް އޮއްވައި އިންތިޚާބާއި ދިމާކޮށް ކުއްލި ގޮތަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދޭން ނިންމުމުންނާއި، ޒީރޯ ޓޮލަރެންސްއޭ ބުނި އެތައް ކަމަކަށް ފުލް ޓޮލަރެންސް ދެމުންދާކަމަށް ސިފަވާނެފަދަ ޢަމަލުތަކެއް ފެންނަން ހުރުމުންނެވެ. އެގޮތުން ކޮރަޕްޝަނާއި ޖިންސީ ގޯނާގެ މައްސަލަތައް މި ސަރުކާރުގެ ތެރެއިން ފެންމަތިވުމުން، އެކަމަށް އެންމެ އެކަށޭނެ މިންވަރަކަށް އަޅާލެވިފައި ނުވުމަކީ ވޯޓުދޭ ފަރާތްތަކުން ވިސްނާނެ ކަމެކެވެ. ވަކިން ޚާއްޞަކޮށް ވޯޓުދޭން ތިބި ގިނަ ޒުވާނުންނަކީ މިކަންކަމަށް ފާރަވެރިވާނެފަދަ ބައެއްކަމަށް ބެލެވެއެވެ. މީގެ އިތުރުން، ސަރުކާރުގެ ތެރެއިން ފާޅުކަންބޮޑު ގޮތެއްގައި ފެންނަމުންދާ ބައިބައިވުމުގެ ރެނދުތަކަކީ، އިދިކޮޅުން އޭގެ ބޭނުން ކޮށްފިނަމަ އިންތިޚާބުގެ ނަތީޖާއަށް ކުޑަ ނަމަވެސް އަސަރެއް ކޮށްފާނެފަދަ ކަމެކެވެ.

މިފަހަރުގެ ކައުންސިލް އިންތިޚާބަށް ސަރުކާރާއި ދެކޮޅަށް ނުކުންނަ އިދިކޮޅު ޕާޓީ ބަލިކަށިވެފައި އޮތުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. ފާއިތުވެދިޔަ މުއްދަތުގައި އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނަށް ސަރުކާރު ޒިންމާދާރުކުރުވޭނެފަދަ ގިނަ ފުރުޞަތުތަކެއް ލިބި، އޭގެ އެންމެ ފުރިހަމަ ބޭނުން ނުކުރެވިި ވަނީ އިސްރާފުކޮށްލެވިފައެވެ. އޭގެ ބަދަލުގައި އިދިކޮޅު ފެނިގެންދިޔައީ ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގެ މައިގަނޑު މިސްރާބުވެސް ޖަލުގައި ހުންނެވި ކުރީގެ ރައީސް ޔާމީން މިނިވަންކުރުމަށް ހެދިތަނެވެ. ސަރުކާރު ޒިންމާދާރުކުރުވުމުގެ މަސައްކަތުގައި ބޮޑަށް ފެނުނީ ސަރުކާރު ހިމެނޭ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީއެވެ. ކައުންސިލް އިންތިޚާބަށް ދިމާކޮށް ޕީޕީއެމް-ޕީއެންސީން މާލެއާއި އަތޮޅުތެރޭގައި މާބޮޑު ކެމްޕެއިނެއް ކޮށްފައިވާ ތަނެއް ނުފެނެއެވެ. މާލެއާއި އައްޑޫ ސިޓީގެ މޭޔަރަށް ވާދަކުރައްވާ ފަރާތްތަކުން ފިޔަވައެވެ. މީގެ ތެރެއިން، މާލޭ ސިޓީގެ މޭޔަރުކަމަށް ޕީޕީއެމްއިން ވާދަކުރައްވާ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައި އޮތުމަކީވެސް އިދިކޮޅުގެ ބަލިފައެކެވެ. އަދި 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ބަހުސްގެ ތެރެއިން، ކުރީގެ ރައީސް ޔާމީން ސީދާ ލާމަރުކަޒީ ނިޒާމާއި ދެކޮޅަށް ދައްކަވާފައިވާ ވާހަކަތަކަކީވެސް އެފަދަ ކަމެކެވެ. މި ބަލިފައިތަކުގެ ބޭނުންތައް އެމްޑީޕީގެ ކެމްޕެއިން ސްޓްރެޓަޖީގައި ވަރަށް ރަނގަޅަށް ބޭނުންކުރަމުންދާތަން ފެނެއެވެ.

ކައުންސިލް އިންތިޚާބަކީ ރިޔާސީ ދައުރެއް ދެބައިވާން ކައިރިވެފައިވަނިކޮށް އަަބަދުވެސް އަންނަ އިންތިޚާބެއް ކަމުން، އެއީ އޭރުގެ އޮންނަ ސަރުކާރެއްގެ ތާއީދު މިނެކިރާލަން ލިބޭ ރަނގަޅު ފުރުޞަތެކެވެ. ކައުންސިލް އިންތިޚާބުތަކުގައި ބައެއް ފަހަރަށް ޢާއިލީ އަދި ރަޙުމަތްތެރިކަމުގެ ގުޅުންތަކަށް ބަލައި ވޯޓުލިޔަސް، ޕާޓީތަކުގެ ފިކުރުތަކަށް ބަލައި ވޯޓުދޭނެ ފަރާތްތައް ތިބޭނެއެވެ. އަދި ކެނޑިޑޭޓުންގެ ގާބިލްކަމަށް ބެލުމަށްފަހު ވޯޓުދޭނެ ފަރާތްތައްވެސް ތިބޭނެއެވެ. ކައުންސިލް އިންތިޚާބަށް މިހާރު މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، ރާޒުވާގެ ކުޅިބައި ދެފަރާތުންވެސް ވަނީ ވަރަށް ފުރިހަމައަށް އަތުރާލާފައެވެ. ދެން އޮތްކަމަކީ ބޮނދު ބުޑަށް ސައިނުކިޔުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރުމެވެ. ރާއްޖެއަށް އަލިވިލޭނީ ރަށްވެހި ފަތިހަކަށްތޯ ނުވަތަ ދިވެހިން ހަރުއަޑުން ބުނާނީ "މީ މަގޭ ރާއްޖެ"ތޯ އޭރުން އެނގޭނެއެވެ.

Advertisement

ކޮމެންޓް

Advertisement