Advertisement

ޔުނައިޓެޑް އަދި ލިވަރޕޫލްގެ ކުރިމަތިލުމަށް ދިވެހިން ތައްޔާރު!

16 Dec 2018 | 16:31

އިނގިރޭސި ފުޓުބޯޅައިގެ ދެ ގަދަބާރުކަމުގައިވާ މެންޗެސްޓަރ ޔުނައިޓެޑް އަދި ލިވަރޕޫލްގެ ކުރިމަތިލުން މިރޭ އޮތްއިރު، އެ މެޗަށް އެ ދެޓީމުގެ ދިވެހި ސަޕޯޓަރުން ތައްޔާރުވެއްޖެއެވެ.

މިރޭ ރާއްޖެ ގަޑިން ނުވައެއް ޖަހާއިރު ފަށާ މި މެޗުގައި ވާދަކުރާ ދެޓީމަކީވެސް އެޓީމްތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުން ތިބޭ ޓީމްތަކެއްކަން ފާހަގަކޮށްލެވެއެވެ.

އެހެންކަމުން މިރޭގެ މެޗު ބެލުމަށް ދެޓީމުގެ ސަޕޯޓަރުންގެ ފަރާތުންވެސް ޚާއްސަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ލިވަރޕޫލްގެ ސަޕޯޓަރުން އެއްކޮށް މެޗު ބެލުމަށް ވަނީ ޚާއްސަ ހަރަކާތެއް ހިންގުމަށް ހަމަޖެހިފައެވެ. ލިވަޕޫލް ސަޕޯޓަރުން، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދައުވަތަކަށް މާލޭގެ ސޯލްޓް ކެފޭގައި މި މެޗު ބެލުމަށްވަނީ ހަމަޖެހިފައެވެ.

ރައީސް މައުމޫން އަކީ ލިވަރޕޫލްގެ ޒަމާންވީ ސަޕޯޓަރެކެވެ.

ހަމަ މިއާއިއެކު، މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރުންވެސް އެކުގައި މެޗު ބެލުމަށް ޚާއްސަ ތައްޔާރީތަކެއް ވަނީ ވާން ފަށާފައެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރުން އެއްވެ މިރޭގެ މެޗު ބެލުމަށް ހަމަޖެހިފައިވަނީ ކްލަބް 360 ކެފޭގައެވެ. ޔުނައިޓެޑްގެ ސަޕޯޓަރުންގެ ޖަގަހައަަށްވެސް، ޚާއްސަ މެހެމާނުންތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ވޮއިސްއަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިރޭގެ މެޗު ވެގެންދާނީ އިނގިރޭސި ފުޓުބޯޅައިގެ ގަދަ ދެ ބާރު މެދުގައި ކުޅެވޭ ފޯރިގަދަ މެޗަކަށެވެ. ކުޅުންތެރިން ދަނޑުގައި ކުރިމަތިލާއިރު، ދަނޑުން ބޭރުގައި ސަޕޯޓަރުންވެސް ވާދަކުރާނެއެވެ. މިކަމުގައި މިފަހަރު ރާއްޖެވެސް އިސްތިސްނާ ނުވާނެއެވެ.

Advertisement

ކޮމެންޓް