ހިޔާ ފުލެޓުގެ ޔުނިޓްތަކުގެ ގުރުނެގުން މިއަދު ފަށައިފި

08 Apr 2021 | 12:15

ހުޅުމާލެ ފޭސް ދޭއް ގައި ހިޔާ މަޝްރޫޢުގެ ދަށުން އިމާރާތް ކޮށްފައިވާ 6720 ފުލެޓު ލިބިފައިވާ ފަރާތްތަކަށް، ލިބެނީ ކޮން ފުލެޓެއްކަން ކަނޑައެޅުމަށްޓަކައި ފުލެޓު ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތުލުމުގެ މަސައްކަތް ފަށައިފިއެވެ.

އެގޮތުން H10 (ޚާއްޞައެހީއަށް ބޭނުންވާ މީހުން) ގެ ކެޓަގަރީން ގުރު ނެގުން މިއަދު ވަނީ ފަށާފައެވެ.

ދައުލަތުގެ މީޑިއާއިން ލައިވްކޮށް ކުރިއަށް ގެންދެވުނު މި އިވެންޓްގައި މި ކެޓަގަރީން ދާއިމީ ލިސްޓްގައި ހިމެނިފައިވާ ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުލުން ކުރިއަށް ގެންދެވިފައިވަނީ ފުލެޓު ނަންބަރު ކަރުދާސް ކޮޅުތަކެއްގައި ފޮއްޓަކަށް އެޅުމަށްފަހު މި ކެޓަގަރީ އިން ފުލެޓު ލިބިފައިވާކަމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އައި.ޑީ ކާޑުގެ ނަންބަރު ތަރުތީބުންނެވެ. މީގެއިތުރުން، ގުރުއަތުން ނެގުނު ފުލެޓާއި، ފުލޯ އާއި ޓަވަރު އިނގޭގޮތަށް ޓީވީ ސްކްރީނުން ވަނީ ދައްކާފައެވެ. އަދި މި ހުރިހާ މަޢޫލޫމާތުތަކެއް ފުލެޓު ލިބުނު ފަރާތްތަކުން ދެއްވާފައިވާ ފޯނުނަމްބަރަށް SMS ޒަރިއްޔާއިން ވަނީ ހިއްސާކުރެވިފައެވެ.

ޖުމްލަ 188 ފަރާތެއްގެ މެދުގައި ގުރުއަތު ނެގުނު އިރު، މި ކެޓަގަރީގެ ހުރިހާ ފަރާތަކަށްވެސް ފުލެޓު ދިނުމަށް ހަމަޖެހިފައިވަނީ ޓަވަރުތަކުގެ ފުރަތަމަ ފަންގިފިލާއިންނެވެ. އަދި މި ގުރުއަތަށްފަހު ލިބުނު ފުލެޓުގެ އެގްރީމެންޓްގައި ސޮއި ކުރުމާއި، ފުލެޓުގެ ތަޅުދަނޑި ހަވާލުކުރާނެ ތާރީޚެއް ފަހުން އިޢުލާނު ކުރެވިގެންދާނެއެވެ.

Advertisement

ކޮމެންޓް