ކެމްޕެއިން ފޯރީގައި އެޗްޕީއޭގެ ގައިޑްލައިން ހަނދާން ނައްތާލައިފި

08 Apr 2021 | 13:30

ލޯކަލް ކައުންސިލް އިންތިޚާބަށް ދެން އޮތީ އެންމެ ދުވަހެކެވެ. ރާއްޖޭގެ މައި ދެ ޕާޓީ، އެމްޑީޕީއާއި ޕީޕީއެމްއިން ފޯރީގައި ކެމްޕެއިން ކުރިއަށް ގެންދަނީއެވެ.

މިއަދަކީ އެމްޑީޕީގެ އެންމެ ބޮޑު ކެމްޕެއިން ހަރަކާތް އޮންނަ ދުވަސް ވެސްމެއެވެ. އއ.ރަސްދޫއަށް ކެމްޕެއިން ނިންމާލުމަށް އެމްޑީޕީން، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުއާއި، އެޕާޓީގެ ފަރާތުން ވެރިކަމުގައި ވާދަކުރައްވާ، ހޮވިވަޑައިގެންނެވި ރައީސް އިބްރާހީމް މުހައްމަދު ޞާލިހް އާއިއެކު ފެށި ދަތުރުގެ މަންޒަރުތައް އެޕާޓީގެ އެކްޓިވިސްޓުން ދަނީ މީސްމީޑިއާއަށް ދޫކޮށްލަމުންނެވެ.

ލޯންޗުގައި ބިރަކާއި ނުލާ މަޖާ ކުރައްވަމުން ގެންދަވާ މަންޒަރުތައް އާއްމުކުރިއިރު، އަޅުގަނޑަށް ފާހަގަކުރެވުނީ ރާއްޖޭގައި މިހާރު އޮތް ކޯވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތު އެބޭފުޅުންނަށް ކުޑަމިންވަރަކަށްވެސް ތަސައްވުރު ނުކުރެވުނު ކަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއާއި، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުގެ އިތުުރުން، މަޖިލީހުގެ އެހެން ބައެއް މެމްބަރުންނާއި، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ނައްޓަވަމުން، އަތް ޖައްސަވަމުން ގެންދެވިއިރު، އެޗްޕީއޭގެ ގައިޑްލައިން އޮތީ ކޮންތާކު ކަމެއް ނޭނގެއެވެ.

ވީޑިއޯތަކުން ފެންނަނީ އެބޭފުޅުން މާސްކު އަޅުއްވައިގެން ތިއްބެވި ތަނެވެ. އެހެންނަމަވެސް ގައިޑްލައިންގައި އޮންނަނީ މާސްކު އަޅަން އެކަންޏެއް ނޫން ދެއްތޯއެވެ؟ ތިން ފޫޓޫގެ ދުރުމިން، ކޮންމެ ފަރުދަކާއެކުވެސް ބަހައްޓަން ޖެހޭ ކަމަށް އޮވެއެވެ. އެހެންނަމަވެސް، އެ ގައިދުރު ކަމެއް ނުފެނުނެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ކައިރިވަމުން އަންނަ ވަރަކަށް ފެންނަމުންދާ މަންޒަރަކީ އެޗްޕީއޭގެ ގައިޑްލައިންތަކަށް ބެލުމެއް ނެތި، ރައްޔިތުންނަށް ނަމޫނާ ދައްކަވަން ތިއްބެވި އިސްވެރީން އަމަލުކުރައްވަމުންދާ މަންޒަރެވެ.

ކޯވިޑްގެ ސީރިއަސްކަން، މިހާލަތުގައި އާއްމުންނަށް ވަޒަން ކުރެވޭނީ ކިހިނެއްތޯއެވެ؟ އަތޮޅުތެރެއަށް އޮތް ބަލީގެ ބިރުވެރިކަން އިތުރުވަމުންދާއިރު، ޚާއްސަ ހުއްދައިގެ ދަށުން ކެމްޕެއިނަށް ރަށްރަށަށް ދަތުރު ކުރައްވަމުންދާއިރު، ރައްޔިތުންގެ ސަލާމަަތަށްޓަކައި، އެ ދަތުރު ކުރައްވާ ބަޔަކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭނެއެވެ. 

Advertisement

ކޮމެންޓް