އުރުދުންގެ ޝާހީ އާއިލާގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމާ ބެހޭގޮތުން ރަސްގެފާނު އެންމެފަހުން ވާހަކަދައްކަވައިފި

08 Apr 2021 | 13:34

މެދުއިރުމަތީގެ ގައުމެއްކަމަށްވާ އުރުދުން ނުވަތަ ޖޯޑަންގެ ޝާހީ އާއިލާގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ޚަބަރުތައް، މީޑިޔާތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދިތާ ދުވަސްކޮޅެއް ފަހުން އެކަމާއި ގުޅޭގޮތުން އުރުދުންގެ ރަސްގެފާނު އެންމެފަހުން ވާހަކަ ދައްކަވައިފިއެވެ.

މިދިޔަ ހަފްތާގެ ތެރޭގަައި އުރުދުންގެ ސަލާމަތީ ބާރުތަކުން ކުރީގެ ވަލީއަހުދު އަމީރު ހަމްޒާ ބިން އަލް ހުސެއިން ވަނީ ގޭބަންދުކޮށްފައެވެ. ގޭބަންދުކުރުމުގެ ސަބަބެއްގެ ގޮތުގައި އަމީރު ހަމްޒާއަށް އެންގިފައިވަނީ، ބޭރުގެ ފަރާތްތަކަކާއި ގުޅިގެން ގައުމުގެ ސުލްހަވެރިކަން ނަގާލައި ބަޣާވާތެއް ހިންގުމުގެ ރޭވުމުގައި ބައިވެރިވިކަމުގެ ތުހުމަތެވެ.

މި ތުހުމަތުގައި އަމީރު ހަމްޒާގެ ގިނަ އެކުވެރިންތަކެއްވެސް ވަނީ ހައްޔަރުކުރެވިފައެވެ. ނަމަވެސް މިކަމަށް އަމީރު ހަމްޒާ ވަނީ އިންކާރުކުރައްވައި، ގޭބަންދުގައި ހުންނަވަނިކޮށް ސެޓެލައިޓް އިންޓަރނެޓް ކަނޑާލުމުގެ ކުރިން އެމަނިކުފާނުގެ ގާނޫނީ ވަކީލު މެދުވެރިކުރައްވައި ބީބީސީއަށް ވީޑިޔޯއެއް ފޮނުއްވާފައެވެ. ނަމަވެސް އޭގެ ފަހުން މިދިޔަ ހޯމަދުވަހުގައި، އުރުދުންގެ ޝާހީ ގަނޑުވަރުން ވަނީ އަމީރު ހަމްޒާ ރަސްގެފާނަށް ތާއިދުކޮށް ބައިޢަތު ހިފާކަން އަންގާފައިވާ ލިޔުމެއް އާންމުކޮށްފައެވެ.

އަމީރު ހަމްޒާގެ ރަސްމީ ލެޓަރހެޑްގައި ނެރުނު މި ލިިޔުމުގައި ވަނީ ހުރިހާ ކަމަކަށްވުރެ މުހިންމީ ގައުމީ މަސްލަހަތު ކަމަށާއި، އެންމެހާ ފަރާތްތަކުންވެސް އުރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށް ރަސްގެފާނު ކުރައްވަމުން ގެންދަވާ މަސައްކަތުގައި އެމަނިކުފާނުގެ ފަހަތުގައި ތިބެންވާނެކަމަށެވެ.

މި ނުތަނަވަސްކަން މިހާ ހޫނުވެފައިވަނިކޮށް، އުރުދުންގެ ރަސްގެފާނު އަބްދުﷲ ބިން ހުސައިން ވަނީ އެންމެފަހުން ރަސްމީގޮތުން ބަހެއް ވިދާޅުވެފައެވެ. އެގޮތުން ރަސްގެފާނު އަބްދުﷲ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވަކިވެގަތުމުގެ ހަރަކާތްތައް އައީ ޝާހީ ގެކޮޅުންނާއި ބޭރުންކަމަށާއި، އެކަމާއި މެދު ވަރަށް ބޮޑަށް ހިތާމަކުރައްވާ ނުތަނަވަސްވެ ވަޑައިގަންނަވާކަމަށެވެ. އަދި އަމީރު ހަމްޒާ ހުންނެވީ އެމަނިކުފާނުގެ ބެލުމުގެ ދަށުން އަމިއްލަފުޅު ގެކޮޅުގައި ކަމަށާއި، ވަކިވެގަތުމުގެ ހަރަކާތް މުލުން ލުހެލެވިފައިވާކަމަށްވެސް ރަސްގެފާނު އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

އުރުދުންގައި ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ގިނަވެ، އިގްތިސާދީ ހާލަތު ދަށްވުމުން ގިނަ އަދަދެއްގެ އާންމުން ދަނީ ޝަކުވާ ކުރަމުންނެވެ. އެގޮތުން އެގައުމުގައި ވަޒީފާނެތް މީހުންނާއި ފަގީރުކަމުގެ ނިސްބަތް ވަނީ މީގެން ދުވަހަކު ނުދާހާ މައްޗަށް ގޮސްފައެވެ.

Advertisement

ކޮމެންޓް