އައްޑޫ ސިޓީ ތަރައްޤީ ކުރާނީ ވަކި މަންޒިލެއްގެ ގޮތުގައި: ލަތީފު

08 Apr 2021 | 20:53

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީ މޭޔަރުކަމަށް 1 ނަންބަރު ކެނޑިޑޭޓްގެ ގޮތުގައި ވާދާކުރައްވާ މުޙައްމަދު ލަޠީފު އައްޑޫ ސިޓީގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުމަށް ހާމަކުރާ ތަސައްވަރުގެ ތެރެއިން އައްޑޫ ސިޓީގައި ފަތުރުވެރި ކަމުގެ ސިނާއަތު ތަރައްޤީ ކުރުމަށް ހާމަ ކުރެއްވީ އައްޑޫގައި އެސިނާއަތު ތަރައްޤީ ކުރާނީ ވަކި މަންޒިލެއްގެ ގޮތުގައި ކަމަށް ވިދާޅުވެއްޖެ އެވެ.

ލަޠީފު ޚާއްޞަ ކެމްޕެއިން ފޭސްބްކް "ގުޑްމޯނިންގ އައްޑޫސިޓީ" ލައިވް ޝޯގައި ވިދާޅުވީ އައްޑޫ އަކީ މޯލްޑިވްސް ބެނާގައި ފަތުރުވެރިކަން މާކެޓް ކުރުމަށް ފުރުޞަތު ކުޑަތަނެއް ކަމަށާއި އެހެން ނަމަވެސް އައްޑޫ ވަކި ޑެސްޓިނޭޝަނެއްގެ ގޮތުން މުޅިން ތަފާތު ކޮންސެޕްޓަކާއި އެކު ވަކި ބްރޭންޑެއްގެ ގޮތުގައި އައްޑޫގެ ފަތުރުވެރިކަން ތަރައްޤީ ކުރައްވާނެ ކަމަށެވެ. އެހިސާބުން އައްޑޫ އަކީ ދުނިޔޭގެ ގުނާލެވޭ މަންޒިލަކަށް ވެގެންދާނެ ކަމަށެވެ.

"އައްޑޫ އަކީ ވަރަށް ރީތި ތަނެއް. މޯލްޑިވްސްއެއް ނޫން މިއީ. އަޅުގަނޑުމެން އައްޑޫ ބްރޭންޑް ކުރާނީ މުޅިން ތަފާތު ތަނެއްގެ ގޮތުގަ. ވަކި ޑެސްޓިނޭޝަނެއް މިއީ. މާކެޓްވެސް ކުރާނީ މިގޮތަށް. މިކަން ކުރުމުގެ ގާބިލުކަން އެބަހުރި. ހުނަރާއި ތަޢުލީމުވެސް އެބަހުރި. އެހިސާބުން އައްޑޫ ހިމެނިގެންދާނީ ދުނިޔޭގެ ގުނާލެވޭ ވަރުގަދަ ޑެސްޓިނޭޝަނަކަށް" ލަތީފު ވިދާޅުވިއެވެ.

އައްޑޫއަށް ފަތުރުވެރިން ނާންނަނީ އެކަން ކުރަން އެނގޭ ބަޔަކު ނެތީމަ ކަމަށާއި އެއީ އެއްވެސް ހާލެއްގައި އުނދަގޫ ކަމެއް ނޫން ކަމަށެވެ. އައްޑޫގައި އެންމެ ފުރަތަމަވެސް އިތުރު 4 ރިސޯޓު، ފަޅު ހިއްކައިގެން ހަދަން ޖެހޭ ކަމަށް ލަޠީފު ވިދާޅު ވިއެވެ. ލަޠީފު ވިދާޅުވީ ފަޅުހިއްކައިގެން ރިސޯޓުހަދަން މިހާރުވެސް އިންވެސްޓަރުން އެބަތިބި ކަމަށެވެ. މޭޔަރު ކަމުގެ ފުރަތަމަ އަހަރު މިކަންކަން ހަމަޖައްސާ ގިނަވެގެން ލަޠީފުގެ މޭޔަރު ކަމުގެ 3 ވަނަ އަހަރުގައި އެރިސޯޓުތައް ހުޅުވުމުގެ ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

އެރިސޯޓުތައް ހުޅުވުމުން އައްޑޫއަށް އިތުރު 1000 ވަޒީފާ އުފެދިގެން ދާނެއެވެ. "އަޅުގަނޑުގެ ހުރިހާވެސް ކަމަކީ އައްޑޫގެ ހުރިހާ އުމުރު ފުރާއެއްގެ އެންމެނަށް ވަޒީފާގެ ފުރުޞަތު ހޯދާދިނުން. މި މުޙައްމަދު ލަޠީފުގެ މޭޔަރު ކަމުގައި 24 ގަޑިއިރު ހޭދަކުރާނީ އިޤްތިޞާދީ ފުދުން ތެރިކަން އިތުރުކޮށް އައްޑޫއަށް ވަންނަ ފައިސާ އިތުރު ކުރުން. ހުޅުވޭ ރިސޯޓު ތަކުން 1000 ވަޒީފާ އިތުރުވުމުން އައްޑޫ ސިޓީގެ އިޤްތިޞާދަށް ގާތްގަނޑަކަށް ނުވަވަރަކަށް މިލިޔަން ރުފިޔާ ވަންނާނެ. މިއީ އައްޑޫ ރައްޔިތުން ބޭނުންވާ ތަރައްޤީ. މިކަން ކުރެވޭނީ ތަސައްވަރެއް އޮވެގެން. އެތަސައްވަރު އޮތީ މި މުޙައްމަދު ލަޠީފުގެ މި ސިކުނޑީގަ. މިކަން ކުރާނަން. އައްޑޫ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނަން." ކަމަށް ލަތީފު ވިދާޅު ވިއެވެ.

އައްޑޫ ސިޓީގައި ހިންގަމުން އަންނަ ޝަންގްރިއްލާ އަދި ހެރެތެރެ ރިސޯޓު މިވަގުތު ވަނީ ބަންދުކޮށްފައެވެ. ލަޠީފު ވިދާޅުވީ މިތަންތަން ބަންދު ކުރުމުގެ ސަބަބުން އައްޑޫ ސިޓީގެ ގާތްގަނޑަކަށް 800 ވަރަކަށް ޒުވާނުންގެ ވަޒީފާ ގެއްލި ވަރަށް ނިކަމެތި ވެފައިވާ ކަމަށެވެ. "މިއީ ވަރަށް ދެރަކަމެއް. އައްޑޫގެ ޒުވާނުން މިހާރު ތިބީ ވަރަށް ހާލުގަ. މުސާރައެއް ނުލިބޭ. މިއީ ބަޔަކު މިކަމަށް އިހުމާލު ވުމުގެ ސަބަބުން މެދުވެރިވެފައިވާ ކަމެއް. ސިޓީ ކައުންސިލުން މިކަމުގެ ތެރެއަށް ވަންނަން ޖެހޭ. އެކުދިންގެ ޙައްޤު ހޯދާ ދޭންޖެހޭ. މިއީ މޭޔަރުގެ ޒިއްމާއެއް. އަޅުގަނޑުގެ މޭޔަރު ކަމުގެ ފުރަތަމަ ތިންމަސް ތެރޭ މިކަން ހަމަޖައްސާ އެޒުވާނުންނަށް ގެއްލިފައިވާ ވަޒީފާ ހޯދައި ދޭނަން. ނިކަމެތި ކަމަށް ނިމުމަށް ގެނެސްދޭނަން" ލަޠީފު ވިދާޅުވިއެވެ.

ލަޠީފު އިތުރަށް ވިދާޅުވީ، އައްޑޫގެ ޒުވާނުންނަށް ނިކަމެތިކަން ލިބޭއިރު ލަޠީފުގެ މޭޔަރު ކަމުގައި މަންޒަރު ބަލަން ނުހުންނާނެ ކަމަށެވެ. އެއީ މޭޔަރު އެކަމުގެ ތެރެއަށް ވަދެ ރައްޔިތުންގެ ޙައްޤުގައި ޙައްލު ކޮށްދޭން ޖެހޭ ކަމަކެވެ. އެދެ ރިސޯޓު ހިންގާ މެނޭޖްމަންޓާއި ވާހަކަ ދައްކާނެ ކަމަށާއި އެތަންތަން ހުޅުވުމަށް ދޭނީ 3 މަސް ދުވަހުގެ މުހުލަތެއް ކަމަށް ލަޠީފު ވިދާޅުވިއެވެ. "އެމީހުން 3 މަސްތެރޭ ރިސޯޓު ހުޅުވާ އައްޑޫގެ ޒުވާނުންގެ ވަޒީފާ އިއާދަ ކޮށްދޭން ޖެހޭނެ. އެހެން ނޫންކަމަށްވާނަ ރިސޯޓުތައް ރައްޔިތުންނާއި ހަވާލުކުރަން ޖެހޭނެ. އައްޑޫ މީހުންނަށް ރިސޯޓު ހިންގަން އެނގޭ. ބޭރުން މީހުން ގެންނާކަށް ނުޖެހޭނެ. އަޅުގަނޑުމެން އެތަންތަން ހިންގާނީ ފުލް އޮކިއުޕެންސީގައި" ލަޠީފު ވިދާޅުވިއެވެ.

ލަޠީފު އައްޑޫ ރައްޔިތުންގެ ކިބައިން އެދެނީ މިތަސައްވަރުތައް ޙަޤީޤަތަކަށް ހެދުމަށް 10 އެޕްރީލް 2021 ވާ ހޮނިހިރު ދުވަހު އައްޑޫގެ ހުރިހާ ރައްޔިތުން ނިކުމެ ވޯޓު ފޮށިތައް ފުރާލާ އައްޑޫ ސިޓީގެ މޭޔަރު ކަމަށް އޭނާ ހޮއްވަވާ ދެއްވުމެވެ. ލަޠީފު ބޭނުންވަނީ ހަމަ އެންމެ ދައުރެކެވެ. މުޅި އައްޑޫގެ ހުރިހާ ރައްޔިތުން ފުދުންތެރި ބަޔަކަށް ހެދުމަށް ލަޠީފު ހުރީ ފިސާރި ކެރިގެން ކަމަރު ބަނދެގެންނެވެ. މިކަން ވާނެ މީހަކީ ލަޠީފު އެވެ. އެވަރުގެ ތަސައްވަރެއް ހާމަ ކުރާ ހަމަ އެކަނި ކެނޑިޑޭޓަކީ ލަޠީފުއެވެ.

Advertisement

ކޮމެންޓް