އަދިވެސް ކިޔަންވީ ޢިއްޒަތްތެރި މެންބަރުތޯއެވެ؟

12 Apr 2021 | 10:52

ރައްޔިތުންގެ މަޖިލީހުގެ "ޢިއްޒަތްތެރި" މެންބަރުންނަކީ، އެއްވެސް ޝައްކެއްވެސް ނެތް ގޮތުގައި، ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރުމުގެ ބުރަ ޒިންމާ އުފުއްލަވާ މެންބަރުންނެވެ.

ނަމުގެ ކުރިއަށް "ޢިއްޒަތްތެރި" މި ބަސް ބޭނުން ކުރަނީވެސް، ޢިއްޒަތާއިއެކު ރައްޔިތުން އެޝަރަފު އެރުވީމައެވެ. ރައްޔިތުންގެ އަޣުލަބިއްޔަތުން މަޖިލީހަށް ހޮވުމަކީ، ޙަޤީޤަތުގައިވެސް ފަޚުރެކެވެ.

މި ފަޚުރުވެރި މަޤާމުގައި އަދާކުރައްވަމުން ގެންދަވާ ބުރަ ޒިންމާތަކަށް އެހާމެ ބޮޑު އުޖޫރައެއްވެސް އެބޭފުޅުންނަށް ލިބިލައްވައެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށް މަހު މުސާރައިގެ ގޮތުގައި (އެލަވަންސްތަކާއެކު) 82،500 ރުފިޔާ ލިބިވަޑައިގަންނަވައެވެ. މިއީ އާންމު ރައްޔިތަކު ދުވާލު ކިތަންމެ ބުރަކޮށް މަސައްކަތް ކޮށްގެންވެސް ނުހޯދޭނެފަދަ ބޮޑު އުޖޫރައެކެވެ.

މަޖިލީހުގެ މެންބަރުން ޢިއްޒަތާއި ޝަރަފާއިއެކުގައި ރައްޔިތުންގެ ޙައްޤުގައި ބުރަ މަސައްކަތްތަކެއް ކުރައްވަމުން އަންނައިރު، ބައެއް މެންބަރުންގެ ފަރާތުން މަޖިލީހުގެ މެންބަރުންގެ "ޢިއްޒަތްތެރި"ކަމާއިމެދު ސުވާލު އުފެދޭ ކިތަންމެ ކަމެއް ފެނިފައި އެބަހުއްޓެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް، ތަޅުމުގައި ދުންމާރި ފުމުމާއި، ޤާނޫނު އަސާސީއަށް ފައިންޕުޅުން އަރާވަޑައިގެންނެވުން ފަދަ އެތައް ކަމެއް ރައްޔިތުންނަށް "ލައިވް"ކޮށް ވަނީ ފެނިފައެވެ. 17 ވަނަ ރައްޔިތުންގެ މަޖިލީހުންވެސް މިފަދަ "ޢިއްޒަތްތެރި" ކަމާއި ޚިލާފު މަންޒަރުތަކެއް ރައްޔިތުން ވަނީ ދެކެފައެވެ.

މިއީ ތާ އަބަދުމެ ދެކެވޭ ވާހަކައަކަށް މިހާރު މިވަނީ ވެފައެވެ. މަޖިލީހަކީ "ޒުލެއް"ފަދަ ތަނެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރަނީ މިދެންނެވި ފަދަ މަަންޒަރުތައް މަޖިލީހުން ފެންނާތީއެވެ.

މިވާހަކަ އަނެއްކާވެސް ތަކުރާރުކޮށް ދައްކަން މިޖެހުނީ ދާދި ފަހުން ފެނުނު މަންޒަރެއްގެ ސަބަބުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ޢުމަރު ބަހުސް ކުރައްވަމުން ގެންދަވަނިކޮށް، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ވަނީ، އާދަމް ޝަރީފު ކައިރީގައި ހުންނަވައިގެން، ވަރަށް ހަރު އަޑުން، އަޑުގަދަ ކުރައްވައި، އާދަމް ޝަރީފުގެ ވާހަކައަށް ހުރަސް އަޅުއްވައިފައެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފައި އޮތް ޕާޓީއެއްގެ މެންބަރެއްގެ ފަރާތުން ފެނުނު ނާތަހުޒީބު ޢަމަލެކެވެ. މެޖޯރިޓީއިން މައިނޯރިޓީއަށް އިޙުތިރާމު ކުރުމުގެ ރިވެތި ސިފައަށް ވަކާލާތު ކުރަމުން އައި ބައެއްގެ ފަރާތުން ފެނުނު، ދަށު ދަރަޖައިގެ ޢަމަލެކެވެ.

ޙަސަން އަޑުގަދަ ކުރައްވަމުން ގެންދެވިއިރުވެސް، އާދަމް ޝަރީފު ރައްދެއް ދެއްވި ތަނެއް ނުފެނުނެވެ. އޭނާ ވާހަކަ ކުރިއަށް ގެންދެވީއެވެ. އެއާ ޚިލާފަށް ޙަސަން ހުއްޓުވުމަށް އެހެން މެންބަރަކު ތެދުވެވަޑައިގެން މަސައްކަތް ކުރެއްވިތަން ފެނިގެން ދިޔައެވެ.

ކޮންމެއަކަސް، މިފަދަ މަންޒަރުތައް ރައްޔިތުންނަށް މަޖިލީހުގެ ތަޅުމުން ފެނުމަކީ، އެކަމުގެ ސަބަބުން ޒުވާން ޖީލުގެ މުސްތަޤުބަލަށް ނޭދެވޭ އަސަރުތަކެއް ކުރުވަފާނެ ކަމެކެވެ. ރައްޔިތުންނަށް ނަމޫނާ ދައްކަވަން ތިއްބެވި ޢިއްޒަތްތެރީންގެ ފަރާތުން ވަލު ޖަނަވާރުންގެ އުސޫލު ފެންނަ ނަމަ، މަންޒަރު ވަގުތުން ބަލަން ގޭގެ ސިޓިން ރޫމްގައި ތިބޭ ޅަ ދަރިންނަށް އެ ދެވެނީ ނުބައި ފިލާވަޅެކެވެ. ދެންވެސް ކިޔަންވީ ޢިއްޒަތްތެރި މެންބަރުތޯއެވެ؟ 

Advertisement

ކޮމެންޓް

Advertisement