ސަރުކާރުގެ އިހުމާލުން މާފަންނު މެދުގެ ރައްޔިތުން ނިކަމެތި ވެއްޖެ: ނަރީޝް

09 Apr 2021 | 14:19

 ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން، ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން، މާފަންނު މެދު ދާއިރާގެ ރައްޔިތުން ނިކަމެތިވެފައިވާ ކަމަށް ވިދާޅުވެ، އިދިކޮޅު ޕީޕީއެމްގެ ފަރާތުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެ ދާއިރާއަށް ކުރިމަތިލައްވާ ކެނޑިޑޭޓް އަޙްމަދު ނަރީޝް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ނަރީޝް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑާ ގުޅިގެން ސަރުކާރުން އަޅަން ފެށި ފިޔަވަޅުތަކާއި އެކު މާފަންނު މެދުގެ އެތައް ސަތޭކަ ރައްޔިތުންނެއް ނިކަމެތި ކަމެއްގެ ތެރޭގައި ދިރިއުޅެމުން އެބަދާ ކަމަށެވެ.

ކަރަންޓާއި ފެން ބިލް ނުދެއްކި ދާއިރާގެ އެތަކެއް ޢާއިލާތަކެއް ދިރިއުޅެމުން ދާކަމަށް ނަރީޝް ވިދާޅުވިއެވެ.

އެ ބިލުތައް ދެއްކޭނެ ގޮތެއް ނެތި އެތައް އާދޭސްތަކެއް ރައްޔިތުން ކުރަމުން އަންނައިރު މިކަމަށް އެދޭވޭ ޙައްލުތަކެއް އަދި ރައްޔިތުންނަށް ލުއިތަކެއް ހޯދައި ނުދީ ސަރުކާރު ހަނު އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ ރޯދަމަސް ބޯމަތިވަމުން އަންނަ އިރު އެކަމަށް ޙައްލެއް ގެންނަން ޖެހޭކަމަށެވެ.

Advertisement

ކޮމެންޓް