Advertisement

ލާމަރުކަޒީ ނިންމުން 2021: ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވޯޓުލައްވައިފި

10 Apr 2021 | 15:13

މިއަދު ހެނދުނު ފެށިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވޯޓުލައްވައިފިއެވެ.

އެމަނިކުފާނު ވޯޓުލައްވާފައިވަނީ ޖަމާލުއްދީން ސްކޫލްގައި ބެހެއްޓިފައިވާ ހިންނަވަރު ދާއިރާގެ މާލޭގައި ދިރިއުޅޭ މީހުންގެ ވޯޓުފޮއްޓަށެވެ.

މިފަހަރުގެ އިންތިޚާބުގައި މާލެއާއި އަތޮޅުތެރޭގެ ރަށްތަކުގެ އިތުރުން، ރިސޯޓްތައް، ޖަލުތައް އަދި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށުގައިވެސް ވަނީ ވޯޓުފޮށިތައް ބެހެއްޓިފައެވެ. އަދި ރާއްޖެއިން ބޭރުގެ ދެޤައުމެއްގައިވެސް ވަނީ ވޯޓުފޮށިތައް ބެހެއްޓިފައެވެ. މި އިންތިޚާބަކީ މިފަހުގެ ތާރީޚެއްގައި ދިވެހިރާއްޖޭގައި އެންމެ ބޮޑު ޚަރަދެއް ކޮށްގެން ބޭއްވޭ އިންތިޚާބު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ބެލެވޭ ގޮތުގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މި އިންތިޚާބުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ވޯޓުލާ މަރުކަޒުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައިވާނެކަމަށް އީސީން ވަނީ ފާހަގަކޮށްފައެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ އާންމު ގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހެނދުނު 7 އިން ފެށިގެން ހަވީރު ފަހެއް ޖެހުމާއި ހަމައަށެވެ. އަދި ކަރަންޓީން/އައިސޮލޭޝަންގައި ތިބި ފަރާތްތަކަށް ވޯޓުލެވޭނެ ވަގުތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހަވީރު 5 އިން ފެށިގެން އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށެވެ.

މި އިންތިޚާބުގައި ޖުމްލަ 713 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި 2234 ކެނޑިޑޭޓުން ވާދަކުރާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި 1580 ކެނޑިޑޭޓުން ވާދަކުރާނެއެވެ.

Advertisement

ކޮމެންޓް