ރައީސް ޔާމީން މާލެއަށް ގެނެސް ވޯޓުލެވޭނެގޮތް ހަމަޖައްސައިދޭން ޖެހޭނެ: ޑރ.ޖަމީލު

10 Apr 2021 | 16:33

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބދުލަޤައްޔޫމް މާލެ ގެނެސް އެމަނިކުފާނުގެ ދާއިރާއަށް ވޯޓުލެވޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދޭން ޖެހޭނެކަމަށް އެމަނިކުފާނުގެ ވަކީލު ޑރ.މުޙަންމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ "ދިޔަރެސް"އަށް ދެއްވި އިންޓަރވިއުއެއްގައި ޑރ.ޖަމީލް ވިދާޅުވީ، ރައީސް ޔާމީން އެކަހެރި ތަނެއްގައި ފޮރުވައިގެން އަނިޔާވެރި ގޮތެއްގައި ގެންގުޅެނީ ސަރުކާރުން ކަމަށާއި، ބޮޑެތި މުޖުރިމުން ގޭގައި ބައިތިއްބައިގެން އެ މީހުންނަށް ވޯޓުލެވޭނެ ގޮތްތައް އިންތިޒާމުކޮށްފައިވާއިރު، އެފަދަ ގޮތެއް ރައީސް ޔާމީނަށް ހަމަޖައްސައިދިނުމަށް އިންކާރުކުރަނީވެސް ސީދާ ސަރުކާރުން ކަމަށް ޑރ.ޖަމީލު ވިދާޅުވިއެވެ.

ޑރ ޖަމީލު މިހެން ވިދާޅުވެފައިވާއިރު ކުރީގެ ރައީސް ޔާމީން ވޯޓުލުމަށް ޖަލުތަކުގައި ބަހައްޓާ ފޮއްޓަށް ރީ-ރަޖިސްޓްރީވެފައިވާ ކަމެއް އެނގިފައެއް ނުވެއެވެ.އަދި ޕީޕީއެމްގެ ފަރާތުންވެސް މިކަން ކަށަވަރުކުރެވިފައެއް ނުވެއެވެ.

"ރައީސް ޔާމީނަކީ ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅެއް. ރައީސް ޔާމީނަކީ ކޮން ބޭފުޅެއްކަން އެއްވެސް ބޭފުޅަކަށް އޮޅިވަޑައިނުގަންނަވާނެ." ޑރ.ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ، އެމަނިކުފާނު މާލެއަށް ގެނެސް އެމަނިކުފާނުގެ ދާއިރާއަށް ވޯޓު ލެއްވޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދޭންޖެހޭނެ ކަމަށާއި އެކަން ނުކުރަނީ ސަރުކާރުން އެމަނިކުފާނުގެ ވޯޓުލުމުގެ ޙައްޤު ނިގުޅައިގަތުމަށް ގަސްތުގައި ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement