ލާމަރުކަޒީ ނިންމުން 2021: އަނަސް ބަލި ގަބޫލުކުރައްވާ ޑރ.މުއިއްޒުއަށް މަރުހަބާ ދަންނަވައިފި

11 Apr 2021 | 00:13

މިއަދު ބޭއްވިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވި އަލްއުސްތާޛު އަނަސް އަބްދުއްސައްތާރު ބަލި ގަބޫލުކުރައްވައިފިއެވެ.

އަނަސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ ރައްޔިތުން ބަސްބުނެފި ކަމަށާއި، އިންތިޚާބުގެ ނަތީޖާ ގަބޫލުކުރައްވައި އިންތިޚާބު ކާމިޔާބުކުރެއްވި ޕީޕީއެމްގެ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް މަރުހަބާ ވިދާޅުވެފައިވާ ކަމަށެވެ. އަދި މިރޭގެ ނަތީޖާއަށް ބަލައި، އެމްޑީޕީން މާލޭގެ ރައްޔިތުންގެ ކިބައިން ތާއިދު ހޯދުމަށް އަމަލުކުރަމުންދާ އިސްތިރާޖު ބަދަލުކުރަން ޖެހޭކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑަށް ވޯޓުދެއްވި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ"، އަނަސް ވިދާޅުވިއެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު، ޑރ.މުއިއްޒު ވަނީ ވަރަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވާާފައެވެ. މުއިއްޒު އަދި އަނަސްގެ އިތުރުން މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވީ އަމިއްލަގޮތުން ކުރިމަތިލި އަލްހާން ފަހުމީއެވެ. މިއީ މާލޭ ސިޓީ ކައުންސިލެއް އުފެއްދިފަހުން އެމްޑީޕީ ނޫން ޕާޓީއެއްގެ ބޭފުޅަކު މާލޭގެ މޭޔަރަކަށް ވާނެ ފުރަތަމަ ފަހަރެވެ.

Advertisement

ކޮމެންޓް