އެމްޑީޕީއަށް ދެންވެސް އޮތީ ކާމިޔާބީގައި ހިތްތިރިކޮށް، ނާކާމިޔާބީގައި ހިތްވަރުކުރުން!

12 Apr 2021 | 00:53

ސިޔާސީ މައިދާނުގައި ކަންތައްތައް ހިނގާ ގޮތަކީ އަބަދުމެ، ކުރިން ތެދު ލަފައަށް ބުނެވޭނެފަދަ ކަންތައްތަކެއް ނޫނެވެ. ބައެއް ފަހަރަށް އެކަންތައްތަކަކީ ހީނުކުރާހާފަދަ ގޮތަކަށް ހިނގައިދާނެ ކަންތައްތަކެވެ. ކަމެއް ހިނގައިދާގޮތުން، ބައެއް ފަހަރަށް އެއީ އަވާމެންދުރެކޭ ނުވަތަ ހުވަފެނެކޭވެސް ހީވެދާނެއެވެ. އިންތިޚާބުތަކަކީ އޭގެ އެންމެ ފުރިހަމަ އެއް މިސާލެވެ.

ރަނގަޅު ޑިމޮކްރަޓިކް ނިޒާމެއްގައި ރައްޔިތުންގެ އާރާއި ބާރު ދައްކާލުމުގެ ފުރުޞަތު ލިބިގެންދާ އެންމެ ބޮޑު އެއްގޮތަކީ ވޯޓެވެ. ވޯޓަކީ ރައްޔިތުންގެ ބާރުވެރިކަން ނިޒާމުގެ މައްޗަށް ހިންގުމަށް ރައްޔިތުންގެ ޚާދިމުން ނުވަތަ މަންދޫބުން ހޮވުމުގެ ހަރަކާތެކެވެ. ވޯޓަކީ ރައްޔިތުންގެ ޚާދިމުން ޒިންމާދާރުކުރެވެން އޮންނަ ގޮތަކަށްވާއިރު، ގިނައިން ވޯޓުލުން އޮތުމަކީ އެ ޚާދިމުން ރައްޔިތުންގެ ގާތަށް ދާންޖެހޭ، ޒިންމާތައް ރަނގަޅަށް އަދާކުރަންޖެހޭ އަދި ވަޢުދުތައް ފުއްދަންޖެހޭ ސަބަބެއްކަމަށް ވެގެންދެއެވެ. މިކަން އޮންނަނީ އަބަދުމެ ހިނގާ، ނިމުމެއް ނެތް ގޮތެއްގެ މައްޗަށެވެ. 

2008ވަނަ އަހަރުގައި ތަސްދީޤުކުރެވުނު ދިވެހިރާއްޖޭގެ ފެހި ޤާނޫނު އަސާސީގެ ދަށުން މިއަދާއި ހަމައަށް އެތައް މަލްޓި-ޕާޓީ އިންތިޚާބުތަކެއް ބާއްވައިފިއެވެ. މިއިން ކޮންމެ އިންތިޚާބަކަށްވެސް ފެންނަނީ ކޮންމެ ޕާޓީއަކުންވެސް ރައްޔިތުންނަށް އެކި ކަންތައްތައް ކޮށްދޭން ވަޢުދުވާތަނެވެ. 

ސިޔާސީވެރިންނަށް ގިނަފަހަރު ހީވެފައި އޮންނަނީ ވަޢުދުތަކާއި، ޕާޓީގެ ފިކުރުންނާއި ރަންރިހި ނޫޓުގެ ބޮނޑިތަކުން އާންމު ރައްޔިތުމީހާގެ ޟަމީރު އަދި ވިސްނުމާއި ފިކުރަށް އަސަރު ފޯރުވައި، އިންތިޚާބުތައް ކާމިޔާބުކުރެވޭނެ ކަމަށެވެ. ފަހަރެއްގައި އެއީ ތެދެކެވެ. މީހުންގެ ވޯޓުތައް ނިންމުން ބައެއް ފަހަރުގައި ބިނާވެގެންވަނީ މަތީގައި އެވާފަދަ ކަންކަމުގެ މައްޗަށެވެ. ނަމަވެސް މިއީ އަބަދަކު ކަން އޮންނާނެ ގޮތްކަމުގައި ދެކުމަކީ ހެޔޮގޮތެއް ނޫނެވެ. ރައްޔިތުންނަކީވެސް ބުއްދިއެއް އޮތް ބައެކެވެ. ހެވާއި ނުބައި އޮަޅުން ފިލާ ބައެކެވެ. ކުރުގޮތަކަށް ބުނާނަމަ، ރައްޔިތުން "ގުނބޯހައްދައިގެން" އެމީހުންގެ ބޮލުގައި ތެތްގޯނި އަޅުވައިގެން އަބަދަކު ނޫޅެވޭނެވެ.

އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ބައެއް ނަތީޖާތަކުން އެކަން ސާފެވެ. މާލޭ ސިޓީއަކީ އެމްޑީޕީ އުފެދުނީއްސުރެ، އެޕާޓީގެ ސިޔާސީ ބާރު އޮތް ސިޓީއެކެވެ. މީގެ ކުރިން ބޭއްވުނު ރިޔާސީ، މަޖިލިސް އަދި ސިޓީ ކައުންސިލްތަކުގެ އިންތިޚާބުތަކުން އެކަން ވަރަށް ސާފެވެ. މާލެއަކީ އެމްޑީޕީގެ "ހިތް"ކަމަށް އެމްޑީޕީގެ އިސް ފަރާތްތަކުން ވަރަށް ގިނައިން ވިދާޅުވެފައިވެއެވެ. އެކަމަކު އިއްޔެގެ އިންތިޚާބުގެ ނަތީޖާއިން އެކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ. އެމްޑީޕީގެ ހިތުގައި އެޕާޓީއާއި މެދު ވަހުމުތަކެއް އުފެދި، އިތުބާރު ކުޑަވެފައިވާތަން ނަތީޖާއިން ފެންނަކަމަށް ބުނެވިދާނެއެވެ. އިއްޔެގެ އިންތިޚާބަށް މާލެއިން ވޯޓުލާން ނުކުތް މީހުންގެ އަދަދުވެސް އިންތިހާއަށް މަދުކަން ފާހަގަކޮށްލެވެއެވެ.

މާލޭގެ އިތުރުންވެސް އައްޑޫ ސިޓީ ކައުންސިލްގެ ނަތީޖާއިންވެސް އެމްޑީޕިއަށް އައްޑޫގައި އޮތް "ފުލް މެޖޯރިޓީ"ގެ ތާއިދާއި މެދު މިވަނީ ސުވާލު އުފެދެން ފަށާފައެވެ. ޒަމާނުއްސުރެ އެމްޑީޕީއަށް ވަރުގަދަ ތާއިދެއް އޮތް އެހެނިހެން ރަށްރަށުގެ ނަތީޖާތަކުންވެސް ދައްކަނީ އިދިކޮޅުގެ ކެނޑިޑޭޓުން ކުރީގައިވާތަނެވެ.

އެމްޑީޕީއަށް މި ކުރިމަތިވި ހިތްދަތި ނާކާމިޔާބީއާއި މެދު ތަފާތު ގޮތްގޮތަށް ދަނީ ވާހަކަދެކެވެމުންނެވެ. މި ދަނޑިވަޅުގައި ހަނދާނަށް އަންނަނީ އެޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އާންމުކޮށް ވިދާޅުވާ ބަސްފުޅެއްގެ މަތިންނެވެ. "ކާމިޔާބީގައި ހިތްތިރިކުރާށެވެ. ނާކާމިޔާބީގައި ހިތްވަރުކުރާށެވެ"، މިފަދައިންނެވެ.

ރައީސް ނަޝީދުގެ މި ބަސްފުޅަކީ އެބަހުން އެމްޑީޕީންވެސް އިބުރަތެއް ހާސިލުކުރަންޖެހޭ ކަމެއްކަން މިއަދު މިވަނީ އެނގެން ފަށާފައެވެ. ދިވެހި ރައްޔިތުން އެމްޑީޕީއަށް ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގެ މެޖޯރިޓީ ދިނެވެ. އެމްޑީޕީން ވެފައިވާ ވަޢުދުތައް ފުއްދައިދޭނެކަމުގެ އުންމީދުގައެވެ. މާ އުޖާލާ ދުވަސްތަކެއް ދެކުމުގެ ނިޔަތުގައެވެ. ކުރީގެ ސަރުކާރާއި ތަފާތުވާނެކަމުގެ ހުވަފެނުގައެވެ.

ނަމަވެސް ވަޢުދުތައް ފުރިހަމަވާ މަންޒަރު ފެނުން ދަނީ  ލަސްވަމުންނެވެ. އާންމު އެތަކެއް ފަރުދުންގެ ދިރިއުޅުމުގެ ހާލަތު ދަނީ އިހުނަށްވުރެ ދަށްވަމުންނެވެ. ކޮރަޕްޝަންގެ އެތަކެއް މައްސަލައެއް ދަނީ ފާޅުވަމުންނެވެ. ރައްޔިތުން އެމްޑީޕީއަށް ދެ އިންތިޚާބެއްގެ މެޖޯރިޓީ ދިނުމުން، ނަތީޖާއެއް ނުފެނުނަސް ތިންވަނަ އިންތިޚާބެއްގެ މެޖޯރިޓީ ދޭނެކަމަށް ވިސްނުމަކީ ކުރުން ހެޔޮވާނެކަމެއް ނޫނެވެ. އެމްޑީޕީއަށް މާލެއިންނާއި އެހެނިހެން ސަރަޙައްދުތަކުން ފެނިގެންދިޔައީ ސަރުކާރާ އެމްޑީޕީއާއި މެދު ރައްޔިތުން މާޔޫސްވެފައިވާ މިންވަރެވެ. މި އިންތިޚާބުގެ ނަތީޖާއަަކީ 2023ގެ ކުރިން އެމްޑީޕީއަށް ލިބުނު ރަނގަޅު ނަތީޖާއެކެވެ. އެ އަހަރުގެ ކުރިން އެމްޑީޕީއަށް އޮތީ ހަމަ އެންމެ ގޮތެކެވެ. ކާމިޔާބީގައި ހިތްތިރިކޮށް، ނާކާމިޔާބީގައި ހިތްވަރުކުރުމެވެ!

Advertisement

ކޮމެންޓް

Advertisement