އިދިކޮޅު ކޯލިޝަންގެ ފަރާތުންވެސް ޖިންސީ ގޯނާގެ މައްސަލަތަކަށް "ފުލް ޓޮލަރެންސް"؟

12 Apr 2021 | 12:27

2018ވަނަ އަހަރުގެ ނޮވެމްބަރ މަހުގައި މި ސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފަހު، ސަރުކާރުގެ ތެރެއިން އެންމެ ގިނައިން ބޭނުންކޮށް އުޅުނު އެއް ބަހަކަށް ވެގެންދާނީ ޒީރޯ ޓޮލަރެންސްއެވެ. އެއީ އެކިކަހަލަ ސީރިއަސް މައްސަލަތައް ބަލައި ފިޔަވަަޅު އެޅުމުގައި، މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި އެކަން ކުރާނެކަމަށް ބުނުމުގެ ނިޔަތުގައެވެ. އޭގެ ތެރޭގައި ކޮރަޕްޝަން އަދި ޖިންސީ ގޯނާއާއި ފުރައްސާރައިގެ މައްސަލަތައް ހިމެނެއެވެ.

ނަމަވެސް މިފަދަ މައްސަލަތަކަށް އެކަށީގެންވާ އިންސާފުވެރި ނަތީޖާއެއް ނުލިބި، ދިގުލަމުންދާ ކަމުގެ ނިޝާންތައް މިދަނީ ފެންނަމުންނެވެ. އެއާއި އެކު، އާންމުންނާއި އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަންގެ ފަރާތްތަކުން ބުނަމުންދިޔަ އެއް ވާހަކައެއް އޮވެއެވެ. އެފަދަ މައްސަލަތަކަށް ސަރުކާރުގެ ތެރެއިން އޮތީ "ފުލް ޓޮލަރެންސް" ކަމަށެވެ. މާނައަަކީ އެފަދަ ކަންކަން ހިނގައިދިޔަޔަސް، ސަރުކާރުން މާބޮޑަށް އެކަމާ މެދު އަޅާނުލާނެކަމަށެވެ.

ޖިންސީ ގޯނާގެ މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތަކަށް ސަރުކާރުން ގެންގުޅޭކަމަށް ބުނާ ޒީރޯ ޓޮލަރެންސްގެ ސިޔާސަތަށް އެންމެ ބޮޑަށް ފާޑުކީ އިދިކޮޅު ކޯލިޝަނުންނެވެ. އެގޮތުން އެއީ ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެއް ކަމަށާއި، ސަރުކާރުން އެފަދަ ސީރިއަސް ކުށްތަކަށް އަރައިގަންނަ ފަރާތްތައް ހިމާޔަތްކުރަމުންދާ ކަމަށެވެ.

އިދިކޮޅުގެ ބުނުންތަކަށް ބާރުލިބިދޭފަދަ އެތަކެއް ކަމެއް، ސަރުކާރާއި މުއައްސަސާތަކުގެ ފުށުން ފެނިފައި އެބަހުއްޓެވެ. ނަމަވެސް މިއީ އިދިކޮޅު ކޯލިޝަނުން އަތްދޮވެލައި، ހަމަޖެހިލައިގެން ތިބެވޭނެ ސަބަބެއް ނޫނެވެ.

ޕެޓްރިއާކީގެ ނުރަނގަޅު ނުފޫޒު މުޖުތަމަޢުއާއި ސިޔާސީ މައިދާނަށް ވަދެފައިވާ މިންވަރު މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްގެ އިންތިޚާބުން ވަނީ ސާފުވެފައެވެ. ޖިންސީ ގޯނާގެ މައްސަލަތަކަށް ވަރިހަމަވުމަކީ ވަކި ޕާޓީއަކަށް ޚާއްޞަވެފައިވާ ކަމެއް ނޫންކަން މިވަނީ ވަރަށް ފުރިހަމައަށް ސާފުވެގެން ގޮސްފައެވެ.

އެ އިންތިޚާބުގައި ގދ.ގައްދޫ ކައުންސިލްގެ ރައީސްކަމަށް ރައްޔިތުން ނުކުމެ ވޯޓުލައިގެން އިންތިޚާބުކޮށްފައިވަނީ މިވަގުތު ޖަލުބަންދުގައި ހުރި މުޙައްމަދު އަޙްމަދެވެ. މީގެ ފަސް ވަރަކަށް މަސްދުވަސް އޭނާ ބަންދުކޮށްފައިވަނީ ވަރަށް ސީރިއަސް މައްސަލައެއްގައެވެ. 18 އަހަރު ނުފުރޭ ކުޑަ އަންހެންކުއްޖަކަށް އޮރިޔާންކާޑު ދެއްކިކަމުގެ ތުހުމަތުގައެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ވަނީ ދަޢުވާވެސް އުފުލާފައެވެ. މިކަން ހިނގައިދިޔައިރު، މުޙައްމަދު ހުރީ މިސްކިތެއްގެ އިމާމަށެވެ.

މިފަދަ ސީރިއަސް މައްސަލައެއްގެ ތުހުމަތުގައި އޭނާ ހައްޔަރުކުރެވުނުއިރު، ހަމަ މި ބާވަތުގެ މައްސަލައެއްގައި 2015ވަނަ އަހަރުގައިވެސް ވަނީ އޭނާގެ މައްޗަށް ދަޢުވާ އުފުލާފައެވެ. އެއީ ގދ.ގައްދޫ ރަށު ކައުންސިލްގެ ރައީސްކަމުގައި ހުރިއިރު، ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގިކަމުގެ ކުށުގެ ދަޢުވާއެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް އެރަށުގެ މެޖިސްޓްރޭޓް ކޯޓުގައި ދަޢުވާ އުފުލާފައިވާއިރު، އެ މައްސަލަ ދަނީ "ފިނިހަކަ" ސްޕީޑުގައެވެ. މުޙައްމަދު ޕީޕީއެމްއަށް ސޮއިކުރީވެސް އޭރު އެ މައްސަލަ ފެންމަތިވުމުންކަމަށް ގައްދޫގެ ބައެއް ފަރާތްތަކުން ބުނެއެވެ.

މުޙައްމަދުގެ މައްޗަށް މިފަދަ ސީރިއަސް މައްސަލަތަކެއްގެ ތުހުމަތު ކުރެވިފައި ވަނިކޮށްވެސް އޭނާއަށް އިންތިޚާބުގައި ވާދަކުރުމުގެ ޙައްޤު އެބައޮތެވެ. އެއީ ކުށެއް ސާބިތުނުވާނަމަ، އޭނާއަށް އިންތިޚާބުގައި ވާދަކުރެވޭނެތީއެވެ. ނަމަވެސް މި މައްސަލަތަކަކީ ގައްދޫގެ ގިނަބަޔަކަށްވެސް އެނގޭނެފަދަ ކަމަކަށް ވީއިރު، މުޙައްމަދަށް ޕީޕީއެމްގެ ޓިކެޓް ދެވުނީ ކިހިނެއްތޯ މިއީ ސުވާލު އުފައްދާލަންޖެހޭ ކަމެކެވެ. އެޕާޓީންވެސް އެފަދަ ތުހުމަތުތައް ކުރެވޭ ކެނޑިޑޭޓަކަށް ނޫނެކޭ ނުބުނީ ކީއްވެގެންތޯ ބަލާލަން ޖެހެއެވެ.

ޕީޕީއެމްގެ ޓިކެޓްގައި މުޙައްމަދު ވާދަކުރާ ވާހަކަ މީސް މީޑިޔާގައި ގަދަވުމުން، އެ މައްސަލަ ބަލައި، ފިޔަވަޅު އަޅާނެކަމަށްބުނެ 18 މާރިޗުގައި ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި އެ މައްސަލަ އަވަހަށް ބަލައި ނިންމައިދޭން ކަމާބެހޭ އިދާރާތަކުގެ ކިބައިން އެދިފައިވީނަމަވެސް، މުޙައްމަދުގެ ކުރީގެ މައްސަލަތައް އޮއްވައި އޭނާއަށް ޓިކެޓްދޭން އެއްބަސްވީ ކީއްވެގެންކަން ހާމަކޮށްދީފައެއް ނުވެއެވެ. މުޙައްމަދަށް ޕާޓީގެ ލީޑަރޝިޕުން ފާޅުގައި ކެމްޕެއިން ކޮށްދީފައި ނުވާނަމަވެސް، ކުޑަމިނުން ޕީޕީއެމް ތާއިދު ވަގުތީގޮތުން އަނބުރާ ގެނެސްފައެއްވެސް ނުވެއެވެ.

ކަން މިހެން އޮތްއިރު، ކައުންސިލް އިންތިޚާބުގައި ރައީސްކަމަށް ހޮވިގެންދިޔައީ މުޙައްމަދު އަޙްމަދެވެ.. މި މައްސަލަައިގައި ގިނަބައެއްގެ ކަންބޮޑުވުން ހުރުމުން މީޑިޔާއިން ކުރި ސުވާލަށް އިދިކޮޅު ކޯލިޝަންގެ އެކްޓިންގ ލީޑަރ އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ދެއްވީ މުޙައްމަދުގެ ވިކްޓިމްގެ މޫނުމަތީގައި ބޮނޑިއެއް އެޅުންފަދަ ޖަވާބެކެވެ. އަދުރޭ ވިދާޅުވީ މުޙައްމަދުގެ މައްޗަށް ކުރެވިފައިވަނީ ބަޔަކު ރާވައިގެން ކުރި ސިޔާސީ ތުހުމަތެއް ކަމަށާއި، އެ ތުހުމަތު ކޮށްފައިވަނީ ޕީޕީއެމްގެ ޓިކެޓްވެސް ލިބުނު ފަހުންކަމަށެވެ. ނަމަވެސް މައްސަލަ ސާބިތުވެއްޖެނަމަ ޕީޕީއެމްގެ އަސާސީ ޤަވާޢިދުގައިވާގޮތަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެކަމަށް އަދުރޭ ވިދާޅުވިއެވެ.

ތެދެކެވެ. މީހެއްގެ މައްޗަށް ރޭވިގެން ތުހުމަތުތަކެއް އެޅުވިދާނެއެވެ. ނަމަވެސް އަދުރޭ ވިދާޅުވާގޮތުން، 2015ވަނަ އަހަރުގައި ކުރެވުނު ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ޢަމަލަކީވެސް ރޭވިގެން ހިނގައިދިޔަ ކަމެއްކަމަށް ބުނާފަދައެވެ. މިފަދަ ކޮންމެ ބަހަކީ، ޖިންސީ ގޯނާފަދަ ކަންކަން ތަހައްމަލުކުރާ ވިކްޓިމުންނަށް ދެވޭ ހަމަލާއެއްކަން އަދުރޭ އަދި އިދިކޮޅު ކޯލިޝަނުން ގަބޫލުކުރަންޖެހެއެވެ. މިފަދަ ކޮންމެ ޢަމަލަކީ ކަންކަން ރިޕޯޓްކުރަން ފަސްޖެހެން މެދުވެރިދާނެ ސަބަބެއްކަން އެއްބަސްވާންޖެހެއެވެ. އެކަކުގެ މައްޗަށް އެއް ބާވަތެއްގެ ދެ ތުހުމަތެއް އައުމުން، އެއީ ހަމަ އަސްލަށްވެސް ފްރޭމްކުރުންތޯ ސުވާލު އުފެދޭ ހިސާބަށް އާންމު ބުއްދީގެ ވިސްނުމުން ދެއެވެ. އަމިއްލަ ރަށުގެ ކޯޓުގައި މައްސަލަ ބެލުން ފިނިހަކަ ސްޕީޑްގައި ދިއުމަކީ ހަމަ "އިއްތިފާގެއް"ކަމަށް ބެލެވޭނީ ކިހާ މިންވަރަކަށްތޯއެވެ؟

މިފަދަ ބޮޑެތި ނިޒާމީ މައްސަލަތަކުންނާއި ބަސްތަކުން ހިތްވަރު ލިބެނީ ކުށްވެރިންނަށެވެ. އިދިކޮޅުން އަބަދުވެސް ފާޑުކިޔަނީ ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތުތަކަށެވެ. ނަމަވެސް ހުރިހާ ދިމާލަކުންވެސް ފެންނަނީ އެއް ކަމެކެވެ. އިންސާފުގެ މީޒާނުގައި ހަމަހަމަކަމެއް ނެތްތަނެވެ. އެހެންކަމުން ސުވާލު އުފެދެއެވެ. އިދިކޮޅު ކޯލިޝަންގެ ފަރާތުންވެސް ޖިންސީ ގޯނާގެ މައްސަލަތަކަށް "ފުލް ޓޮލަރެންސް" ދެނީ ބާވައެވެ؟

Advertisement

ކޮމެންޓް