ރިހެބް އަދި ޑިޓޮކްސް ސެންޓަރުތައް ޤާއިމުކުރުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލައިފި

12 Apr 2021 | 17:54

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދިނުމަށް ޚާއްސަކުރެވިފައިވާ ރިހެބިލިޓޭޝަން އަދި ޑިޓޮކްސިފިކޭޝަން ސެންޓަރުތައް ޤާއިމުކުރުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލައި އިޢުލާންކޮށްފިއެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)އިން ކުރި އިޢުލާނެއްގައި ބުނީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމަށްޓަކައި މަސްތުވާތަކެއްޗާއިބެހޭ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) އިން، ފަރުވާދޭ މަރުކަޒުތައް ޤާއިމުކޮށް ޚިދުމަތްދިނުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކަށް ލިބިދީފައިވާކަމަށެވެ. އެހެންކަމުން ރިހެބިލިޓޭޝަން ސެންޓަރެއް ނުވަތަ ޑިޓޮކްސިފިކޭޝަން ސެންޓަރެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ނޭޝަނަލް ޑްރަގް އޭޖެންސީއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރުމަށްފަހު ޕްރޮޕޯސަލް ހުށައެޅުމަށް އެދޭކަމަށެވެ.

އެގޮތުން އެންޑީއޭއިން ފުރުޞަތު ދީފައިވަނީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތުން ޚިޔާރުކުރާ ރަށެއްގައި ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމުކޮށް ހިންގުން، ނުވަތަ އެ އޭޖެންސީން މިހާރު ހިންގަމުންދާ ސެންޓަރުތަކުގެ ތެރެއިން ސެންޓަރެއް ހިންގުމެވެ.

މިކަމާ ގުޅޭގޮތުން މަޢުލޫމާތުދިނުން އޮންނާނީ މިމަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 11 ޖަހާއިރު، އެންޑީއޭގައެވެ. އަދި ޕްރޮޕޯސަލް ހުށައެޅުން އޮންނާނީ 24 ޖޫން ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11 ޖަހާއިރު ހަމަ އެންޑީއޭގައެވެ.

Advertisement

ކޮމެންޓް