ރިހެބް ސެންޓަރެއް ހިންގުމަށް ސަލަފް ޖަމްއިއްޔާއިން ޝައުގުވެރިކަން ފާޅުކޮށްފި

13 Apr 2021 | 00:37

މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ޒުވާނުންނަށް އަމާޒުކޮށްގެން ރިހެބް ސެންޓަރެއް ހިންގުމަށް، ދިވެހިރާއްޖޭގެ މަޝްހޫރު ދީނީ ޖަމްއިއްޔާއެއްކަމަށްވާ ޖަމްއިއްޔަތުލް ސަލަފުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

އެ ޖަމްއިއްޔާގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަސްތުވާއެއްޗެހީގެ ޝިކާރައަކަށްވާ ޒުވާނުން ރީހެބްކޮށް، އަނބުރާ މުޖްތަމަޢުގައި ބޭނުން ހިފޭ، ފައިދާހުރި މުވާޠިނުންނަށް ހެދުމުގެ ބުރަމަސައްކަތް ހިންގުމުގެ ޝައުޤުވެރިކަން ސަލަފް ޖަމްއިއްޔާއިން ފާޅުކުރާކަމަށެވެ. އަދި އޯގާވަންތަ މާތް ﷲގެ ޙަޟްރަތުން ވާގިއެދޭ ޙާލު، އެ މަސައްކަތް ފައްޓާކަމަށްވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދިނުމަށް ޚާއްސަކުރެވިފައިވާ ރިހެބިލިޓޭޝަން އަދި ޑިޓޮކްސިފިކޭޝަން ސެންޓަރުތައް ޤާއިމުކުރުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކަށް ވަނީ ހުޅުވާލައި އިއުލާންކޮށްފައެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)އިން ކުރި އިޢުލާނެއްގައި ބުނީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމަށްޓަކައި މަސްތުވާތަކެއްޗާއިބެހޭ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) އިން، ފަރުވާދޭ މަރުކަޒުތައް ޤާއިމުކޮށް ޚިދުމަތްދިނުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކަށް ލިބިދީފައިވާކަމަށެވެ. އެހެންކަމުން ރިހެބިލިޓޭޝަން ސެންޓަރެއް ނުވަތަ ޑިޓޮކްސިފިކޭޝަން ސެންޓަރެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ނޭޝަނަލް ޑްރަގް އޭޖެންސީއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރުމަށްފަހު ޕްރޮޕޯސަލް ހުށައެޅުމަށް އެދޭކަމަށެވެ.

އެގޮތުން އެންޑީއޭއިން ފުރުޞަތު ދީފައިވަނީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތުން ޚިޔާރުކުރާ ރަށެއްގައި ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމުކޮށް ހިންގުން، ނުވަތަ އެ އޭޖެންސީން މިހާރު ހިންގަމުންދާ ސެންޓަރުތަކުގެ ތެރެއިން ސެންޓަރެއް ހިންގުމެވެ.

Advertisement

ކޮމެންޓް

Advertisement