Advertisement

ރަމަޟާން މަހުގައި ކޮވިޑް ވެކްސިން ޖަހައިދިނުން އޮންނާނީ ރޭގަނޑު

13 Apr 2021 | 13:18

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ރޯދަ މަހުގެ ދުވާލު ނުޖަހާނެ ކަމަށާއި ވެކްސިން ޖަހާނީ ރޭގަނޑު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ރޯދަ މަހު ވެކްސިން ޖަހާނީ ރޭގަނޑު 9:00 އިން 11:00 އަށް ހަތް ސެންޓަރަކުން ކަމަށެވެ. އެހެންނަމަވެސް ރޯދަ މަހުގެ ފުރަތަމަ ދުވަހު ވެކްސިން ސެންޓަރުތައް ބަންދުވާނެ ކަމަށް އެޗްޕީއޭއިން ވަނީ މަޢުލޫމާތު ދީފައިވެއެވެ.

ރޯދަ މަހު ވެކްސިން ޖެހުމަށް ގެނައި ބަދަލާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުންނެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ހަ ސެންޓަރެއްގައި ދޭނެ ކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއެވެ. އެގޮތުން ސޯޝަލް ސެންޓަރާއި ނެޝަނަލް އާޓް ގެލަރީ އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރާއި ވިލިމާލެ ޒުވާނުންގެ މަރުކަޒު އަދި ސެނެހިޔާގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދޭނެ ކަަމަށްވެސް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.

ދިވެހިރާާއްޖޭގައި މިހާރު ކުރިއަށްދާ ކޮވިޑް ވެކްސިން ދިނުމުގެ ކެމްޕެއިންގައި ފުރަތަމަ ޑޯޒް އަލަށް ޖަހާ ފަރާތްތަކަށް މިވަގުތު ދެމުންދަނީ ސިނޮފާމް ވެކްސިނެވެ. ޗައިނާގައި އުފައްދާފައިވާ ސިނޮފާމް ވެކްސިނަކީ އިންއެކްޓިވޭޓެޑް ވެކްސިނެކެވެ. މީގެ މާނައަކީ މި ވެކްސިން ޖެހުމުން ހަށިގަނޑަށް ވަންނަ މަރާލެވިފައިވާ ވައިރަލް ޕާޓިކަލްތަކުން، ހަށިގަނޑުގައި އެ ވައިރަސް އުފެދުން ހުއްޓުވާ ދިފާޢީ ނިޒާމު ކޮރޯނާ ވައިރަހާ ދެކޮޅަށް މަސައްކަތްކުރުމަށް އާދަކުރުވައެވެ. އިންއެކްޓިވޭޓެޑް ވެކްސިން ނިޒާމަކީ، ޕޯލިއޯ ފަދަ ބަލިތަކާ ދެކޮޅަށްވެސް ކާމިޔާބުކަމާއެކު ބޭނުންކޮށްފައިވާ ނިޒާމެކެވެ. މިއީ ދެ ޑޯޒް ހިމެނޭ ވެކްސިނެކެވެ.

Advertisement

ކޮމެންޓް