Advertisement

އީސީގެ އިދާރާގެ ތެރެއަށް ވަދެވަޑައިނުގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

13 Apr 2021 | 15:51

އިލެކްޝަންސް ކޮމިޝަންގެ އިދާރާގެ ތެރެއަށް ވަދެވަޑައި ނުގަންނަވާކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެބޭފުޅާ އީސީގެ އިދާރާ ދޮށަށް ދާންޖެހުނީ ޓީ4 ދާއިރާގެ ވޯޓުފޮށި އަލުން ގުނުމަށް ތައްޔާރުވެފައި ވަނިކޮށް، ޕީޕީއެމްގެ ލީޑަރާއި އިސްވެރިން އީސީގެ އިދާރާއަށް ވަދެވަޑައިގެން، 30 މިނެޓުވީ އިރުގައިވެސް ނުނިކުތުމުން ކަމަށެވެ. އަދި އޮފިޝަލުން ނޫން އެއްވެސް މީހަކަށް އީސީގެ އިދާރާއަށް ވަދެވިގެން ނުވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު ހުރީ ބޭރުގައި"، ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ސޯޝަލް މީޑިއާ ގްރޫޕެއްގައި ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ބާޖަމާލުއްދީނަށް ވަޑައިގަންނަވަން ޖެހުނީ އެތަނުން ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ނެރުމަށް ކަމަށެވެ. އަދި އެކަން ޙައްލުވީ 30 ވަރަކަށް މިނެޓް، އެކަމަށް މަސައްކަތް ކުރެއްވި ފަހުން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ޢަބްދުއްރަޙީމްގެ ވާހަކަ ތަފާތެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ނަޝީދު މަސައްކަތް ކުރެއްވީ އިންތިޚާބުގެ ނަތީޖާ އޮޅުވާލުމަށެވެ. އިންތިޚާބީ މަރުކަޒު ކައިރީގައި އިދިކޮޅު ފަރާތްތަކުން ހަރަކާތްތެރިވަމުން އަންނައިރު، އެ ސަރަޙައްދުގައި އިރު އަރަންދެން ތިބެން ޖެހުނަސް، ވޯޓު އޮޅުވައިލުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގެ ނަތީޖާ އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް އިދިކޮޅުން އީސީއަށްވަދެ އަޑު އުފުލަމުން އަންނައިރު، ބައެއް ވޯޓު ފޮށިތައް އަލުން ގުނުމަށް އީސީން ވަނީ ނިންމައިފައެެވެ.

Advertisement

ކޮމެންޓް