Advertisement

ދަރިފުޅަށް ކާންދޭން އުނދަގޫވާނަމަ ކުރެވިދާނެ ބައެއް ކަންކަން

14 Apr 2021 | 13:58

ތުއްތުއިރު ދަރިފުޅު ނުކައިގެން އެކަމާ ހާސްވެ ފިކުރު ބޮޑުވޭހެއްޔެވެ؟ ތިޔައީ ގިނަ މަންމައިންގެވެސް ހާލެވެ. ދަރިފުޅަށް ކާން ދޭނެ އެއްޗެއް ނޭނގިގެންވެސް ވަރަށް ގިނައިން އުޅެން ޖެހޭ ދޯއެވެ؟

މި ލިޔުމުގައި މި ބަލައިލަނީ ތިޔަ ކަމަށް އޮތް ބައެއް ޙައްލަށެވެ. އެންމެ ފުރަތަމަ ކަމަކަށް މިކަން ހަނދާނުގައި ބަހައްޓާށެވެ. ކުއްޖާގެ ސިކުނޑި ތަރައްޤީވަމުން އަންނަ އުމުރު (އެއް އަހަރާއި ދެއަހަރުގެ އުމުރުފުރާ)ގައި ނުކާން އުޅުމަކީ، ނުވަތަ ކެއުމަށް ހުންނަ ޝައުގުވެރިކަން ކުޑަވުމަކީ މައްސަލައެއް ނޫން ކަމަށް ޑޮކްޓަރުންވެސް ބުނެއެވެ. އެހެންނަމަވެސް، ތިމާގެ ދަރިއަކު މާބޮޑަށް ބަރުދަން ލުއިވެގެންދާނަމަ، ކޮންމެ މަންމައަކުވެސް އެކަމާ ދެރަވާނެއެވެ.

ދަރިފުޅަށް ދެވޭ ކާނާ އަކީ އަބަދު އެކައްޗެއް ކަމުގައި ހަދަން ހެއްޔެވެ؟ ތިބާއަށްވެސް އަބަދު އެކައްޗެއް ކާން ފޫހިވާނެ ފަދައިން، ތިބާގެ ދަރިފުޅަށްވެސް އަބަދު އެކައްޗެއް ކާން ވުމުން ފޫހިވާނެކަން ދަންނާށެވެ. އެހެންވެ، ސިއްހަތަށް ފައިދާ ހުރި ކާނާ ދަރިފުޅަށް ދޭއިރުވެސް، އެކި ފަހަރު ދޭ ކެއުންތައް ތަފާތު ކުރުމަށް ސަމާލުކަން ދޭށެވެ.

ދަރިފުޅުގެ އުމުރުން ދެއަހަރުވުމުންވެސް، އަދިވެސް ދަރިފުޅަށް ތިޔަ ދެނީ އެންމެ ތުއްތުއިރު ދިން ކާނާ ހެއްޔެވެ؟ އެހެން ނުހަދާށެވެ. އުމުރުން ދެއަހަރުވަރު ވުމުން، ތިބާ ކާ ކެއުމަކީ ދަރިފުޅަށްވެސް ދޭ ކެއުން ކަމުގައި ހަދާށެވެ.

ދަރިފުޅަށް ކާން ދޭން ކިތަންމެ އުނދަގޫ ނަމަވެސް، ކާންދޭއިރު ސްކްރީން/ޓީވީ ފަދަ ވަސީލަތެއް ނުދައްކާށެވެ. އެގޮތަށް އެކަން ކުރާނަމަ، ސްކްރީން ބަލައިގެން ކެއުމަށް ދަރިފުޅު އާދަކުރާނެއެވެ. އެހެންކަމުން މިއީ ސަމާލުކަން ދިނުން މުހިންމު ކަމެކެވެ.  

Advertisement

ކޮމެންޓް

Advertisement